ވެރެން ބުފެޓް.
04 މެއި 2020 - 09:26
ކޮރޯނާވައިރަހާ ހެދި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ހުއްޓި ބައެއް ކުންފުނިތައް "ބަނގޫރުޓްވުމުގެ" މަގުމަތީގައި އޮއްވައި، އެމެރިކާގެ ބޮޑު ހަތަރު އެއާލައިނެއްގެ ހިއްސާ އޮންނަ މަހުޖަނު ވޮރެން ބުފެޓް އެ ކުންފުނިތަކުގައި އޮތް އޭނާގެ ހިއްސާތައް ވިއްކާލއިފި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އަދި މަޝްހޫރު ކުންފުނި ބާކްޝަޔާ ހަތަވޭގެ ވެރިޔާ ވާޗުއަލްކޮށް ބޭއްވި ހިއްސާދާރުންގެ އަހަރީ ބައްދަލުވުމުގައި ވިދާޅުވީ ވައިގެ ދަތުރުފަތުރަށް އިންވެސްޓްކުރެއްވުމަކީ ހެއްދެވުނު ގޯހެއް ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ. އަދި ކޮރޯނާވައިރަހާ އެކު މުޅި ދުނިޔެ އަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ގެއްލުމެއް. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އޭވިއޭޝަން ދާއިރާގައި އިންވެސްޓްކުރާ ނަމަ ފައިދާ އަށް ވުރެ ބޮޑަށް ދެން ވާނީ ގެއްލުން." ވެރެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮރޯނާވައިރަހުގެ މި ގެއްލުން ބޮޑު ހާލަތު ދިމާވުމުގެ ކުރިން އިތުރު އެއާލައިންތަކަށް އިންވެސްޓްކުރައްވަން ވެސް ވިސްނަވަމުން ގެންދެވި ކަމަށެވެ. ނަމަވެސް މިހާރު އެ ވިސްނުން ވެސް ދޫކޮށްލައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
"އޭވިއޭޝަން ދާއިރާގައި އިންވެސްޓްކުރާ ނަމަ ފައިދާ އަށް ވުރެ ބޮޑަށް ދެން ވާނީ ގެއްލުން."
ބުފެޓްގެ ހިއްސާ އޮންނަ އެމެރިކާވެ އެއާލައިންތަކަކީ 11 ޕަސެންޓް ހިއްސާ އޮންނަ ޑެލްޓާ އާއި 10 ޕަސެންޓް ހިއްސާ އޮންނަ އެމެރިކަން އެއާލައިނާއި ހަމަ 10 ޕަސެންޓް ހިއްސާ އޮންނަ ސައުތުވެސްޓް އެއާލައިންގެ އިތުރުން ނުވަ ޕަސެންޓް ހިއްސާ އޮންނަ ޔުނައިޓެޑް އެއާލައިންސް އެވެ.
ވަރަށް ގިނަ ވިސްނުންތަކާއި މަޝްވަރާތަކަކަށް ފަހު އޭވިއޭޝަން ދާއިރާ އަށް ބުފެޓް އިންވެސްޓްކުރައްވަން ފެއްޓެވީ 2016 ގަ އެވެ.
ވައިގެ ދަތުރުފަތުރާ ބެހޭ ގޮތުން ނާއުންމީދީ ވާހަތަކެއް ވެރެން ހިއްސާކުރެއްވި އިރު، ބާކްޝަޔާ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 50 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
ޑެލްޓާގައި އޮތް ވެރެންގެ ހިއްސާ ވިއްކައިލުމާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަށް އިހުތިރާމުކުރާ ކަމަށާއި ބުފެޓާއި ބާކްޝަޔާ އަށް ކާމިޔާބީ އަށް އެދޭ ކަމަށެވެ.
ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ލިސްޓްގެ ހަތަރު ވަނައިގައި އޮތް ބުފެޓް، 89، ގެ މިލްކިއްޔާތު 74.1 ބިލިއަން ޑޮލަރަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy