މަޓާޓޯ އާއި އެމްބީއޭއެމްއާ އެކު ދިރާގުން ވެސް ކާބޯތަކެތި ފޯރުކޮށްދެނީ

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަޓާޓޯ އާއި އެމްބީއޭއެމްއާ ގުޅިގެން ކުރިއަށްގެންދާ "ފުޑް ސަޕޯޓު ޕްރޮގްރާމަށް" ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.


މިދިޔަ މަހުގެ ތެރޭގައި ފެށި މި ޕްރޮގްރާމުގައި މިހާތަނަށް ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައިވާއިރު އަންނަ އީދު ދުވަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު ވެސް މި ޕްރޮގްރާމް ކުރިއަށްދާނެ އެވެ. އެގޮތުން މިހާތަނަށް 25،000އެއްހާ "މީލް ޕެކޭޖު" އެ ޕްރޮގްރާމުގެ ދަށުން ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމީ އެ މަސައްކަތަކީ މި ދަނޑިވަޅު އިންސާނިއްޔަތަށްޓަކައި ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ އެވެ. އަދި މި ޕްރޮގްރާމް ނިމެންދެން ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާއެކު ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ހާލުގައި ޖެހިފައިވާއިރު އެ މީހުން މިހަރު ދިރިއުޅެމުން އަންނަނީ ހުޅުމާލޭގައި ސަރުކާރުން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގަ އެވެ.

ދިރާގުން އަންނަނީ މި ދަނޑިވަޅު ރާއްޖޭގެ އެކި ކުންފުނިތަކާއި ޖަމިއްޔާތަކާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ޕްރިންޓްލެބާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ސާމްޕްލިން ކިއޯސްކު ވެސް އެ ކުންފުނިން ވަނީ އެޗްޕީއޭ އަށް ހަދިޔާ ކޮށްފަ އެވެ.