ބަންޑާރަނައިކަ އެއާޕޯޓުގައި ސްކްރީނަކުން ފަސިންޖަރުން މޮނިޓާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
27 މެއި 2020 - 20:58
ކޮލަމްބޯ (މެއި 27) - އަންނަ އޮގަސްޓް މަހު 1 ވަނަ ދުވަހުން ފެށިގެން ޓޫރިސްޓުންނަށް ސްރީ ލަންކާގެ އެއާޕޯޓްތައް ހުޅުވާލުމަށް ޓާސްކް ފޯސް ކޮމިޓީން ރައީސް އަށް ލަފާދީފި އެވެ.
ކޮމިޓީން ބުނެފައި ވަނީ އެޕްރީލް 30 އިން ފެށިގެން މެއި 26 އަށް ލަންކާގައި ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އަދި އެއީ ބޮޑު ކާމިޔާބެއް ކަމަށް ބުނެފައިވެ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ސްރީ ލަންކާގެ ޓޫރިޒަމް އިންޑަސްޓްރީ އަލުން ފަށާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކޮވިޑް ޕްރިވެންޝަން ޓާސްކް ފޯސް ކޮމިޓީގެ މެންބަރުން އިއްޔެ ވަނީ ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އޮފީހަށް ހާޒިރުކޮށްފަ އެވެ. ޓޫރިސްޓުންނަށް ގައުމު ހުޅުވާލާއިރު ސިއްހީ ތަޖްރިބާކާރުންގެ ގައިޑްލައިންތަކަށް ތަބާވުމުގެ މުހިންމުކަން ރައީސް ރާޖަޕަކްސާ ވަނީ ފާހަގަކުރައްވައިފަ އެވެ.
ލަންކާގެ އިގްތިސާދު ހުޅުވާލަން އެކި ފިޔަވަހިތަކަށް ބަހާލައިގެން އަޅާ ފިޔަވަލުތަކުގެ ދަށުން ފުރަތަމަ ކަމަކަށް ހަމަޖައްސާފައި ވަނީ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ހޮޓާތަކާއި ރެސްޓޯރެންޓްތައް ހުޅުވުމެވެ. އަދި ޓޫރިސްޓް ފުލުހުން އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވުމަށް ރައީސް ވަނީ ލަފާދެއްވައިފަ އެވެ.
ސްރީ ލަންކާ އިން މިހާތަނަށް ވަނީ 1,453 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 10 މީހުން މަރުވެފަ އެވެ. ލޮކްޑައުން އަށް ފަހު ލަންކާ ހުޅުވާލި ފަހުން ކޭސްތައް ދަނީ އިތުރުވަމުންނެވެ. އިއްޔެ 97 މީހުން ޕޮޒިޓިވްވި އިރު މިއަދު ވަނީ 134 މީހުން ޕޮޒިޓިވްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭލާ
28 May 2020
އަހަރެމެންނަށް ވުރެ ކުރިން އެމީހުން އެތައްޔާރު ވަނީ ޓޫރިސްޓުން ގެންނަން. ވަގުތު ފާއިތު ނުވަނީސް ތެދު ވާންޖެހޭ. ކިތައް ދަރީންގެ މުސްތަގް އަހަރުމެންގެ އަތުން މިހަލާކުކޮށްލަނީ.
ގިޔާސް
28 May 2020
ލަންކާގަ ދުވާލަކު ތިންހާސް މީހުން ޓެސްޓް ކުރެވޭބާ!؟
ރޯނުދިޔެ
28 May 2020
ކޮންމެހެން ނުޖެހޭ ކުރާކަށް. އެއަރޕޯޓުން ޗެކްކުރެވެންޏާ ކޮބާ މައްސަލަ އަކީ.