ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތްކުރަން ހުއްދަދެނީ

މާލޭގެ ލޮކްޑައުންގެ ހާލަތަށް ދީފައިވާ ލުއި ދިނުމުގެ އުސޫލުގެ ދަށުން ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރަން ހުއްދައަށް އެދުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.


މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން މިހާރު ލޮކްޑައުނަށް ދިން ލުއިތަކުގެ ދަށުން، ކޮންސްޓްރަކްޝަން ސައިޓްތަކުގައި އެއްވެސް މަސައްކަތެއް ކުރަން ބޭނުންވާ ބަޔަކަށް އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. މި ފުރުސަތަށް އެދި ހުށަހަޅަން ޖެހެނީ މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ "ފަސޭހަ މަގު" ކިޔާ ޕޯޓަލް މެދުވެރިކޮށެވެ.

މިކަމަށް ހުއްދައަށް އެދި ރަޖިސްޓާކުރުމަށްޓަކައި ހުއްދައަށް އެދޭ ފޯމާ އެކު އެސައިޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު ޝީޓާ އަދި ވޯކް ޕާމިޓްތަކުގެ ކޮޕީ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އީ-މެއިލް އެޑްރެސް ކަމުގައިވާ ahbb.admin@malecity.gov.mv މެއިލް މެދުވެރިކޮށް ހުށަހެޅުމަށްޖެހެ އެވެ.

ހުއްދައަށް އެދި ހުށަހަޅާ ކުންފުނީގެ މަސައްކަތް ކުރާ މުވައްޒަފުންނަކީ ކުންފުނީގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް އެ އިދާރާއިން ބުނެ އވެެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގައި އިމާރާތް ކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު، އެ މަސައްކަތްތަކަށް ސަރުކާރުން އަލުން ހުއްދަ ދީފައިވާ އިރު މިމަހުގެ ކުރީކޮޅު އިމާރާތް ކުރުމުގެ ދާއިރާއާ ގުޅޭ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ވަނީ މަސައްކަތް ކުރުމުގައި އަމަލުކުރާ ހެލްތް އެންޑް ސޭފްޓީގެ ގައިޑްލައިނަށް ބަދަލުތަކެއް ގެނެސްފަ އެވެ.

މި ގައިޑްލައިނުގައިވާ ގޮތުން މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުން ލިބޭ ގެއްލުމުގެ އަސަރު ކުޑަކުރުމަށްޓަކައި ތިން ސްޓޭޖަކަށް ބަހާލައިގެން ކަންކަން ރޭވިފައިވެ އެވެ. އެއީ ސައިޓް ހުޅުވުމުގެ ކުރިން އަމަލު ކުރާނެ ގޮތްތަކާއި ސައިޓްގައި އަމަލު ކުރަން ޖެހޭނެ ގޮތްތަކާއި ސައިޓުން ބޭރުގައި އަމަލުކުރަން ޖެހޭނެ ގޮތްތަކެވެ.

އެގޮތުން އަލަށް ގެނައި ބަދަލުތަކުގައިވާ ގޮތުން ކޮންމެ ހަ ގަޑި އިރަކުން ލޭބަރުންގެ ހުން ބަލަން ޖެހެ އެވެ. ސައިޓެއްގައި މަސައްކަތް ކުރާ މީހުން ވަކި ވެހިކަލެއްގައި ސައިޓަށް ގެންދިއުމުގެ ކަންކަން ރޭވުމާއި އެއްކޮށް މަސައްކަތް ކުރާ މީހުން ނޫން އެހެން ބަޔަކު އެއްތަނެއްގައި ދިރިއުޅުމުގެ ކަންކަން ހަމަނުޖެއްސުމަށް ވެސް ނިންމާފައިވެ އެވެ. ސައިޓް ޑިސްއިންފެކްޓް ކުރުމުގައި އަމަލު ކުރާނެ ގޮތްތަ ވެސް މި ގައިޑްލައިންގައި ބަޔާންކޮށްފައިވެ އެވެ.