މީރާ: އަންނަ މަހުން ފެށިގެން އެ އިދާރާއިން ހިދުމަތް ދޭނެ ކަމަށް ވަނީ ބުނެފައި--ފޮޓޯ/މިހާރު
16 ޖޫން 2020 - 12:53
އަންނަ މަހުގެ ފަސް ވަނަ ދުވަހު މީރާގެ ކައުންޓަރުތަކުން ހިދުމަތް ދޭން ފަށާނެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
އެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ ކައުންޓަރުތައް ހުޅުވާލި ނަމަވެސް ޓެކްސް ދައްކާ ފަރާތްތަކަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން، އެ އިދާރާ ހުޅުވާ ފުރަތަމަ ހަފުތާގައި ބަލައިގަންނާނީ ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާ އާއި ކުއްޔާއި އެހެނިހެން ފައިސާ އެވެ.
މި ފައިސާ ދައްކަން ޖެހޭ މުއްދަތު ކޮވިޑް-19 ގެ ސަބަބުން ކުރި ބަންދާ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ދެ ހަފުތާއާ ދިމާވާ ނަމަ އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމަ އަށް އެ މުއްދަތު އިތުރުވާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
މީރާ ހުޅުވާ ދެ ވަނަ ހަފުތާއިން ފެށިގެން، ޓެކްސް ނޫން ފައިސާ އާއި އޮންލައިންކޮށް ހުށަހަޅަން މަޖުބޫރު ނުކުރާ ޓެކްސް ބަޔާނާއި ޓެކްސް ފައިސާ ބަލައިގަންނަން ފަށާނެ އެވެ. އެހެންވެ އޭޕްރީލް 15ގެ ފަހުން ސުންގަޑި ހަމަވާ ޓެކްސް ފައިސާ ދައްކަން ޖެހޭ މުއްދަތު ޖުލައި 23 އަށް މީރާއިން ވަނީ ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން ވެސް އެ އިދާރާ އިން ވަނީ އިތުރު ހިދުމަތްތަކުގެ ސުންގަޑިތަކަށް ވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި އޮގަސްޓް 16 އަށް ވަނީ އިތުރު ކޮށްފަ އެވެ. އަދި މިއަހަރު އަލަށް ނަގަން ނިންމާފައިވާ އާމްދަނީން ނަގާ ޓެކްސްގެ އިންޓެރިމް ބަޔާނާއި އިންޓަރިމް ޕޭމަންޓުގެ މުއްދަތު ވަނީ އޮގަސްޓް 31 އަށް އިތުރުކޮށްފަ އެވެ.
މީރާ އިން ބުނި ގޮތުގައި ސުންގަޑިތަކަށް ބަދަލު ގެނައީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގައި ޓެކްސް އާއި ދައުލަތުން ބަލައިގަންނަން ޖެހޭ އެހެނިހެން ފައިސާގެ ސުންގަޑިތަކާ ގުޅޭ މާއްދާއެއް ހިމަނާފައި ވާތީ އާއި ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން އެޗްޕީއޭ އިން ނިންމާ ނިންމުންތަކަށް ބަލައި ސުންގަޑިތަކަށް ބަދަލު ގެންނަން މީރާ އިން ވެސް ބޭނުންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަފުރާސިޔާބު
16 June 2020
މީރާގެ ކައުންޓަރު ހުޅުވާލައިގެން ބޮޑަށް ބަލަންވާނީ ކުދިވިޔަފާރިތަކުން އެއްޗެއް ލިބިގަނެވޭތޯ؟ ޖުރުމާނާއާ ޓެކްސް އެކިނަންނަމުގައި ނަގައި ބައެއްގެ ޖީބު ފުރަމުން ދަނީ.