ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މި ވަގުތު ޓޫރިސްޓުންނަށް އެންމެ ރައްކާތެރި ގައުމަކީ ރާއްޖެ ކަމަށް ޖަރުމަނުން ބުނެފި އެވެ.
އެ ގައުމުގެ ސަރުކާރުން ވަނީ ޖަރުމަނުގެ ޓޫރިސްޓުން މި ވަގުތު ދިޔުން ރައްކާތެރި ނޫން ގައުމުތަކުގެ ލިސްޓެއް ނެރެފަ އެވެ. އެ ލިސްޓުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ ފިޔަވައި އެހެން ހުރިހާ ގައުމެއް ހިމެނެ އެވެ.
ޖަރުމަނުން ނެރުނު ލިސްޓުގައި ހިމެނޭ ގައުމުތަކަށް ޒިޔާރަތް ކުރާ ޓޫރިސްޓުން އެނބުރި ގޮސް 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ. ނަމަވެސް އެ ލިސްޓުގައި ނެތް ގައުމުތަކުން ދާ މީހުން ކަރަންޓީނެއް ނުކުރާނެ އެވެ.
ކޮވިޑް-19އާ ގުޅިގެން ދަތުރު ކުރުން ރައްކާތެރި ނޫން ގައުމުތައް ޖަރުމަނުން ކަނޑައަޅަނީ ޕޮޒިޓިވް ވެފައިވާ މީހުން ނިސްބަތުން ގިނަ ގައުމުތަކެވެ. މީގެ އިތުރުން ޓެސްޓް ހެދޭނެ ރަނގަޅު ވަސީލަތްތައް ނެތުމާއި ކޮވިޑް-19އާ ދެކޮޅަށް އަޅާ ފިވަޅުތައް މަދު ގައުމުތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ކޮވިޑް-19އާ ގުޅިގެން ތިން މަސް ދުވަސް ވަންދެން ރާއްޖޭގެ ޓޫރިޒަމް މަޑުޖެހިފައި އޮތް ނަމަވެސް ޖުލައި މަހު ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެކި ގައުމުތަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން މިހާރު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ބުކިން ހައްދަމުންނެވެ.
ޖަރުމަނުގެ އިތުރުން ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނާއި ޓްރެވެލް އޭޖެންސީތަކުން ވެސް ވަނީ ރާއްޖެއަކީ މި ވަގުތު ރައްކާތެރި ގައުމެއް ކަމަށް ބުނެފަ އެވެ.