ރިސޯޓުތައް ހުޅުވުމުގެ ކުރިން މުވައްޒަފުން ތަމްރީނުކުރަން އަންގައިފި

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓުމަކަށް އައިސްފައި އޮތުމަށް ފަހު ރިސޯޓުތައް އަލުން ހުޅުވާލުމުގެ ކުރިން، އެ ތަންތަނުގައި ހިދުމަތްދޭ މުވައްޒަފުން ތަމްރީން ކުރަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.


އަންނަ މަހު 15 ގައި ބޯޑަރު ހުޅުވައި ޓޫރިޒަމް އަލުން ފަށާއިރު އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި ގައިޑްލައިނުގައި ބުނެފައިވާގޮތުގައި ކޮންމެ ރިސޯޓަކުން ވެސް ހެލްތް އެންޑް ސޭފްޓީ ޕްލޭނެއް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ އެވެ. މި ޕްލޭނުގައި، ޓޫރިސްޓުންނާ ޑައިރެކްޓް ކޮންޓެކްޓުވާ މުވަޒަފުންނާއި އެކި ކަންކަމުގައި ރިސޯޓުން ބޭރަށް ދާންޖެހޭ މުވައްޒަފުން ތިބުމުގެ ކަންތައް ރޭވިފައިވާ ގޮތުގެ ތަފްސީލް ހިމަނަން ޖެހޭނެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ނުވަތަ ޝައްކުވެގެން އެކަހެރިކުރާ ޓޫރިސްޓުންނަށް ހިދުމަތްދޭން ޖެހިދާނެތީ މުވައްޒަފުން ތިބެން ޖެހޭނީ ޕީޕީއީ ކިޓުގައި ކަމަށް ވާތީ އެ ކިޓު ބޭނުން ކުރާ ގޮތް މުވައްޒަފުންނަށް އެނގެންޖެހޭނެ އެވެ. އަދި ސޯޝަލް ޑިސްޓެންސިން ބެހެއްޓުމާއި ޑިސްއިންފެކްޓު ކުރާނެ ގޮތުގެ ތަމްރީނު ވެސް މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށް ގައިޑްލައިނުގައި ވަނީ ބުނެފަ އެވެ

މުވައްޒަފުންނަށް ބޭނުންވާ ޕީޕީއީ ކިޓާއި މާސްކު އަދި އަންގި ފަދަ ތަކެތި ރިސޯޓުން ފޯރުކޮށްދޭން ޖެހޭނެ އެވެ. އަދި އެއްވެސް މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަަމަ ނުވަތަ އަލާމާތެއް ފެނިއްޖެ ނަމަ އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އެކަހެރި ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހޭނެ އެވެ.

ރިސޯޓުތައް އަލުން ހުޅުވާލާއިރު ބޭރުން އަންނަ މުވައްޒަފުންގެ ތެރެއިން ޖުލައި 15ގެ ކުރިން އަންނަ މުވައްޒަފުން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް ވެސް ގައިޑްލައިނުގައިވެ އެވެ. ނަމަވެސް މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުން ރިސޯޓުތަކަށް ދާ ދިވެހި މުވައްޒަފުންނަށް ރިސޯޓަށް ދިއުމާއެކު ވަގުތުން ވަޒީފާ އަށް ނުކުމެވޭނެ އެވެ.

މީގެ އިތުރުން ރިސޯޓުތަކާއި ޓޫރިސްޓު ފެސިލިޓީތަކަށް މުނިފޫހިފިލުވުމުގެ ޕްރޮގްރާމް ހުށަހަޅަން ދާ މީހުން ކަރަންޓީން ކުރާކަށް ނުޖެހޭނެ އެވެ. ނަމަވެސް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އެ މީހުން ވެސް ޓެސްޓުކުރަން ޖެހޭނެ ކަމަށް ގައިޑްލައިނުގައި ވަނީ ބުނެފަ އެވެ. ޓޫރިސްޓެއްގެ ކިބައިން ބަލީގެ އަލާމާތް ފެނުނަސް ޓެސްޓްކުރަން ޖެހޭނެ އެވެ.