ކޮކޫން އާއި ޔޫ އެންޑް މީ ޖުލައި 15ގައި ހުޅުވަނީ

ކޮކޫން މޯލްޑިވްސް އާއި ޔޫ އެންޑް މީ ބައި ކޮކޫން އަންނަ މަހު 15 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އެ ރިސޯޓްތައް ހިންގާ ކުންފުނިން ބުނެފި އެވެ.


ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރާއި ރިސޯޓްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވަން ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 15 ގަ އެވެ.

ބޯޑަރު ހުޅުވާ ދުވަހު އަލުން ހިދުމަތް ފަށަން ނިންމި މި ދެ ރިސޯޓަކީ ވެސް ކޮކޫން މޯލްޑިވްސްގެ ދަށުން ހިންގަމުން އަންނަ ދެ ރިސޯޓެވެ. ދެ ރިސޯޓު ވެސް އަލުން ހުޅުވާލާއިރު ޓޫރިސްޓުންނަށް ރައްކާތެރިކަން ޔަގީން ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި އަލުން ހުޅުވާލާއިރު އެ ރިސޯޓުތައް ވެގެންދާނީ ސާފުތާހިރު ކަމުގެ ނަމޫނާއަކަށެވެ. އެގޮތުން ދެ ރިސޯޓުގެ ހުރިހާ ވިލާތަކާއި އެހެން ފެސިލިޓީތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓު ކުރާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސޯޝަލް ޑިސްޓެންސިން ބެހެއްޓުމާއި ހުންބެލުމާއި މާސްކު އަދި އަންގި ބޭނުންކުރަން ޖެހޭ ކަމަށް ވެސް ކޮކޫން އިން ބުންޏެވެ. އަދި އަތް ސާފުކޮށް ބެހެއްޓުމަށް ބާރު އެޅުމުގެ ގޮތުން ރިސޯޓުތަކުގެ އެކި ސަރަހައްދުތަކުގައި ސެނިޓައިޒާ ބަހައްޓާފައި ހުންނާނެ އެވެ.

މި ދެ ރިސޯޓަށް އަންނަ ޓޫރިސްޓުން ވެސް އެޑްވާންސްކޮށް ބުކިން ހައްދައި ޗެކިންކުރަން ޖެހޭނެ އެވެ. ޓޫރިސްޓުންނަށް މިހާރު އޮންލައިންކޮށް ޗެކިން ކުރެވޭ އިންތިޒާމު ވެސް ވަނީ ހަދައިފަ އެވެ. މިއީ ފްރަންޓު ޑެސްކުގައި ހޭދަކުރާ ވަގުތު މަދު ކުރުމަށް ގެނައި ބަދަލެއް ކަމަށް ކޮކޫން އިން ބުންޏެވެ.

ރާއްޖޭގެ ބައެއް ރިސޯޓުތަކުން ކޮވިޑް-19 ފެނުނު ނަމަވެސް ކޮކޫންގެ ދެ ރިސޯޓުން ވެސް، ރިސޯޓްތައް ބަންދުކުރުމާ ހަމަ އަށް ވެސް މި ބަލީގެ މީހަކު ނުފެނެ އެވެ.

ރިސޯޓްތައް މި ހުޅުވަނީ ތިން މަސް ދުވަހުގެ މަޑުޖެހުމަކަށް ފަހު އެވެ. މިއާ އެކު ގިނަ ރިސޯޓުތަކުން އަންނަނީ އެ ތާރީހަށް ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ. ނަމަވެސް ބައެއް ރިސޯޓުތައް ހުޅުވަން ނިންމާފައިވަނީ ސެޕްޓެމްބަރުގެ ފަހުންނެވެ.