ޓްރީޓޮޕް ހޮސްޕިޓަލް: ހުރިހާ ހިދުމަތެއް އަލުން ފަށާނެ ކަމަށް ވަނީ ބުނެފައި-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު
25 ޖޫން 2020 - 21:07
ޓްރީޓޮޕް ހޮސްޕިޓަލުން ދެމުން އައި ހުރިހާ ހިދުމަތެއް ޖުލައި އެއްވަނަ ދުވަހުން ފެށިގެން އަލުން ދޭން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ޓްރީޓޮޕުން ދެމުން އައި ބައެއް ހިދުމަތްތައް މެދުކަނޑާލީ ކޮވިޑް-19އާ ގުޅިގެން ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށެވެ. ނަމަވެސް ލޮކްޑައުނަށް ދިން ލުއިތަކާއެކު ކުރިން ދެމުން އައި ހިދުމަތްތައް އެންމެނަށް ހުޅުވާލެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ވަނީ އަލުން ހިދުމަތްތައް ފެށުމުގެ ކުރިން މުޅި ހޮސްޕިޓަލް "ޑީކޮންޓެމިނޭޓު"ކޮށް ސާފުކޮށްފަ އެވެ. އަދި އަލުން ހިދުމަތްތައް ފެށި ނަމަވެސް ހޮސްޕިޓަލަށް ޒިޔާރަތް ކުރާ މީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް "ޑީކޮންޓެމިނޭޝަން އަދި ޕްރިވެންޓޭޓިވް ކްލީނިން" ކުރިއަށްދާނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.
ޓްރީޓޮޕުން ދޭ ހިދުމަތްތަކުގެ ތެރޭގައި އޯޕީޑީ އާއި ފްލޫ ކްލިނިކް އަދި ޓެލެމެޑިސިން ކޮންސަލްޓޭޝަންގެ ހިދުމަތް ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު 10:00ން ރޭގަނޑު 8:00އަށް ލިބޭނެ އެވެ. އަދި އީއާރުގެ ހިދުމަތް ހުކުރު ދުވަހު ވެސް ލިބޭނެ އެވެ. އީއާރުގެ ހިދުމަތްތައް ފަށަން ހަމަޖެހިފައިވަނީ ޖުލައި 2 ގަ އެވެ.
ޓްރީޓޮޕުން ބުނީ އަލުން ހުޅުވާލާއިރު އެ ހޮސްޕިޓަލަށް ވަންނަ ކޮންމެ މީހެއްގެ ހުން ބަލައި ޓްރެވަލް ހިސްޓްރީ ޗެކު ކުރާނެ ކަމަށެވެ. އަދި ހުއްޓުމެއްނެތި ހޮސްޕިޓަލް ޑިސްއިންފެންކްޓު ކުރުމާއި ސޯޝަލް ޑިސްޓެންސިން ހިޔާރުކުރުމާއި ހުރިހާ ކައުންޓަރެއްގައި "ޕްލެކްސީ ގްލާސް" ސްކްރީން ހަރުކުރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ މީހެއްގެ ކިބައިން ކޮވިޑް-19ގެ އަލާމާތެއް ފެންނަ ނަމަ ފްލޫ ކްލިނިކުން ހިދުމަތް ލިބޭނެ ކަމަށް ވެސް ޓްރީޓޮޕުން ބުންޏެވެ.
ޓްރީޓޮޕުން ދޭ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުަމަށާއި އެޕޮއިންޓްމަންޓް ހެދުމަށް އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅާލެވޭނެ އެވެ. އަދި 24 ގަަޑިއިރު އެމްބިއުލާންސްގެ ހިދުމަތް ހޯދުމަށް 161އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޖމ
26 June 2020
ކޮވިޑް ނިންމާލައފި މިހާރު ފްލެޓުގެ ވާހަަކަ ނަގައިގެން އުޅެނީ
ބޮޑުމީހާ
26 June 2020
ދައުލަތުން އަތުލީތަ! އެއްބަސްވުން ނިމުނީތަ! ދެން ތިތާ ބެހެއްޓި ވެންޓިލޭޓަރ ތަކަށް ކިހިނެއްވާންވީ! މިހާރު ނޫހުން މި މައުލޫމާތު ހޯދަދީ