ޕެންޝަން އޮފީހުގެ ބައެއް ހިދުމަތްތައް އިސާއިން ބަލައިގެންފި

ޕެންޝަން އޮފީހުގެ ދޭ ދެ ހިދުމަތެއް އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ)ގެ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެ ޖަމިއްޔާއިން ކަނޑައަޅައިފި އެވެ.


މިގޮތަށް ބަލައިގެންފައި ވަނީ ޕެންޝަން އޮފީހުގެ ޕެންޝަން ކޮންޓްރިބިއުޝަން ބަލައިގަތުމާއި ކޮމްޕްލަޔަންސް މަސައްކަތްތައް ކުރަމުންދާ ގޮތެކެވެ.

ޕެންޝަން އޮފީހުން އަންނަނީ އެތަނުގެ ހިދުމަތްތައް ދިނުމުގައި އެންމަ ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންނެވެ. އެގޮތުން އެތަނުން މިހާރު ވެސް ދޭ ގިނަ ހިދުމަތްތަކެއް ވަނީ ޑިޖިޓަލައިޒް ކޮށްފަ އެވެ.

އިސާއަކީ އެކި ގައުމުތަކުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކާއި ޑިޕާޓްމަންޓްތަކުގެ މައްޗަށް އެކުލެވޭ ޖަމިއްޔާއެކެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ޖަމިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިންގުމުގެ ދާއިރާ ހަރުދަނާކުރުމާއި، މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމާއި، ޑައިނަމިކް ސޯޝަލް ސެކިއުރިޓީ ނިޒާމުތައް ގާއިމުކުރުމާއި، ސިޔާސަތުތައް ކަނޑައެޅުމުގައި މެންބަރުންނަށް ލަފައާއި މަޝްވަރާ ދީ އެހީތެރިވުން ހިމެނެ އެވެ.

ދުނިޔޭގެ 150 ގައުމަކުން 320 ފަރާތެއް ބައިވެރިވާ މި ޖަމިއްޔާގައި ޕެންޝަން އޮފީސް ބައިވެރިވެފައި ވަނީ 2016 ވަނަ އަހަރު އެވެ.