މާވަރުލު އެއާޕޯޓު އަންނަ މަހު ހުޅުވަނީ

ގދ. މާވަރުލު އެއާޕޯޓުގެ ދަތުރުތައް އަންނަ މަހު ފަށާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރު ހަދަން ފެށި އެއާޕޯޓުގެ މަސައްކަތް ނިންމުމާ އެކު، މޯލްޑިވިއަން އިން އެ އެއާޕޯޓަށް ކުރާ ދަތުރެއްގެ އެއްކޮޅު ޓިކެޓުގެ އަގަކީ 827ރ. އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމައިލީ މި އަހަރުގެ މާޗު މަހު އެވެ. ނަމަވެސް އޭރު ދަތުރުތައް ނުކޮށް މަޑުޖައްސައިލީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައި އޮތް ހާލަތުގެ ސަބަބުންނެވެ.

ހުވަދު އަތޮޅުގައި ހުޅުވާ ތިންވަނަ އެއާޕޯޓު، މާވަރުލަށް ޓެސްޓު ފްލައިޓު އަޅާފައި ވަނީ މިދިޔަ މާޗު 11 ގަ އެވެ. މާވަރުލުގެ އިތުރުން ކާޑެއްދު އާއި ކޫއްޑޫގައި ވެސް އެއާޕޯޓެއް އޮވެ އެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރު 15 އެއާޕޯޓެއް ހިންގަ އެވެ.