ޕިކަޕެއްގައި ލަކުޑިތަކެއް ގެންދަނީ-- ފޮޓޯ:މިހާރު
01 ޖުލައި 2020 - 12:53
މާލެ އާއި ހުޅުމާލޭގައި ވިޔަފާރި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލު ގެނެސްފި އެވެ.
އެ އޮތޯރިޓީން އިއްޔެ ނެރުނު އިއުލާނުގައި ބުނީ 350 ކިލޯއިން ދަށުގެ ޕިކަޕުތައް މާލެ އާއި ހުޅުމާލޭގައި 24 ގަޑިއިރު މިއަދުން ފެށިގެން ދުއްވޭނެ ކަމަށެވެ. އެއަށް ވުރެ ބޮޑެތި އުޅަނދުފަހަރުގައި ހެނދުނު 11:30ން މެންދުރު 1:30އާ ހަަމައަށް މުދާ އުފުލުން މަނާވާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
މާލޭގައި މުދާ އުފުލާ އުޅަނދުތަކުގެ ތެރެއިން ގޭހާއި ފެން ފިޔަވައި އެހެނިހެން މުދާ އުފުލޭނީ ހެނދުނު 9:00ން 11:00 އަށެވެ. އަދި މެންދުރު 1:30ން ހެނދުނު 6:00 އަށެވެ. ފެނާއި ގޭސް އުފުލާ އުޅަނދުތަކަށް ދަތުރު ކުރެވޭނީ ހަވީރު 6:00ން ހެނދުނު 6:00 އަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބްރިޖު މަތީގައި ވެސް ވިޔަފާރި މުދާ އުފުލޭ ގަޑިތަކަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން، މިއަދުން ފެށިގެން ދެ ޓަނަށް ވުރެ ކުޑަ އުޅަނދުތަކަށް 24 ގަޑިއިރު ބްރިޖުން ދަތުރު ކުރެވޭއިރު އެއަށްވުރެ ބޮޑެތި އުޅަނދުތަކަށް ދަތުރު ކުރެވޭނީ ހަވީރު 6:00ން ހެނދުނު 6:00 އަށެވެ. މި އުޅަނދުތައް ދަތުރު ކުރަން ޖެހޭނީ ބޮޑުތަކުރުފާނު މަގުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލެއަށް ގަނޑުކޮށް އުފުލާ ކޮންސްޓްރަކްޝަން ސާމާނު ފަދަ ލަކުޑި އާއި ދަގަނޑާއި ހިލަ އަދި ހިލަވެއްޔާއި ބިއްލޫރި އާއި ސިމެންތި އާއި ގާ ފަދަތަކެތި ހުރިހާ އުޅަނދަކަށް ވެސް އުފުލޭނީ ހަވީރު 6:00ން ހެނދުނު 6:00 އަށް ކަމަށް ވަނީ ނިންމައިފަ އެވެ.
މިއީ ކޮވިޑް-19އާއެކު އިއުލާންކުރި ލޮކްޑައުނަށް ލުއި ދިނުމުން އާއްމުން ދަތުރުފަތުރުކޮށް އުޅުމާ ގުޅިގެން ގެނައި ބަދަލުތަކެކެވެ. ލޮކްޑައުންގެ ކުރިން ވެސް ވިޔަފާރި މުދާ އުފުލަމުން އައީ މި ވަގުތުތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy