ޑިމާންޑާ އެއްވަރަށް ޑޮލަރު ލިބޭނެ: ގަވަރުނަރު

ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ އެކު ވެސް ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދެވޭނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.


ވިޔަފާރިވެރިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 18ރ. އުފުލިފަ އެވެ. އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފި ނަމަ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ބުނެ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިކަމާ ގުޅިގެން، ގަވަރުނަރު މީޑިއާ އަށް ވިދާޅުވީ އެކި ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުގެ ސަބަބުން ޓޫރިޒަމް ދާއިރާ އިން ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރު ހުއްޓިފައިވާ ކަމަށެވެ. މީގެ ސަބަބުން އިގްތިސާދަށް އަސަރުކުރި ނަމަވެސް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހާޝިމް ވިދާޅުވީ މިހާރުވެސް ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ދޫކުރަމުން އަންނަ ކަމަށެވެ. ރަސްމީ ރިޒާވް ތަންދޭ މިންވަރަކުން ފެސިލިޓީތައް މެދުވެރިކޮށްގެން ވެސް ޑޮލަރު ދޫކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"މިހާރު ވެސް ކޮވިޑް ހާލަތާ ގުޅިގެން އާއްމު ވިޔަފާރިތަކަށާއި އެކި އެސްއޯއީތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް މިދަނީ ޑޮލަރު ދޫކުރަމުން. މިގޮތުން، ކާނާގެ ބާވަތްތަކާއި ބޭސްފަދަ ޒަރޫރީ ތަކެތި އެތެރެ ކުރުމަށް ހާއްސަކޮށްގެން ޑޮލަރު މިގެންދަނީ ދޫކުރަމުން،" އަލީ ހާޝިމް ވިދާޅުވި އެވެ.

ޑޮލަރުގެ ސަޕްލައި ރަނގަޅު ކުރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން މަސައްކަތް ކުރަމުން އަންނައިރު އެ އިދާރާ އާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމެއްގެ ދަށުން 150 މިލިއަން ޑޮލަރު ވަނީ ހޯދައިފަ އެވެ. ސަރުކާރުގެ މައި ބޭންކު ބީއެމްއެލަށް އައިއެފްސީން ދޭ 50 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 20 މިލިއަން ޑޮލަރު މިހާރު ވަނީ ލިބިފަ އެވެ. މީގެ ސަބަބުން އިގްތިސާދުގެ ތެރޭގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

"މިހާރު ވެސް ކޮވިޑް ހާލަތާ ގުޅިގެން އާއްމު ވިޔަފާރިތަކަށާއި އެކި އެސްއޯއީތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް މިދަނީ ޑޮލަރު ދޫކުރަމުން. މިގޮތުން، ކާނާގެ ބާވަތްތަކާއި ބޭސްފަދަ ޒަރޫރީ ތަކެތި އެތެރެ ކުރުމަށް ހާއްސަކޮށްގެން ޑޮލަރު މިގެންދަނީ ދޫކުރަމުން،"-- އަލީ ހާޝިމް ވިދާޅުވި އެވެ.

މީީގެ އިތުރުން، އީއައިބީން ރާއްޖެ އަށް ދޭ 22.6 މިލިއަން ޑޮލަރުގެ ލޯނާއި އޭއައިބީން ދޭން 7.3 މިލިއަން ޑޮލަރުގެ ލޯނާއި އޭޑިބީން ދޭ 50 މިލިއަން ޑޮލަރުގެ ސަބަބުން ވެސް ރަައްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރު އިތުރުވާނެ އެވެ. އެހެންކަމުން ޓޫރިޒަމް ދައިރާއިން ލިބެމުން އައި ޑޮލަރު މަދުވި ނަމަވެސް ރާައްޖޭގެ އިގްތިސާދުގެ ތެރޭގައި ދައުރުވާ ޑޮލަރު އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ.

އެމްއެމްއޭއިން ލަފާ ކުރާ ގޮތުގައި ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑު މި ދުވަސްކޮޅު އަންނަނީ ދަށްވަމުންނެވެ. މީގެ ސަބަބެއް ކަމަށް އެ އިދާރާއިން ބުނެފައިވަނީ ރާއްޖެ އަށް މުދާ އެތެރެކުރާ މިންވަރު ދަށްވުމާއި ދަތުރުތައް ހުއްޓިފައި އޮތުމުން ދިވެހިން ބޭރަށް ގެންދާ ޑޮލަރު މަދުވުމެވެ.

މީގެ އިތުރުން މިއަހަރު ހައްޖަށް މީހުންނަނަށް ނުދެވުމުގެ ސަބަބުންނާއި ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން ބޭރަށް ފޮނުވުމުން، ރާއްޖޭން ބޭރުވާ ޑޮލަރު މަދުވާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.