22 ޖުލައި 2020 - 14:16
ފެމިލީ ކެއާ ކްލިނިކް އެންޑް ސްކޭން ސެންޓަރުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޓިވްވުމާ ގުޅިގެން އެ ކްލިނިކުގެ ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފި އެވެ.
އެ ކްލިނިކުން ނެރުނު ބަޔާނެއްގައި ބުނީ ޕޮޒިޓިވްވެފައިވަނީ މަސައްކަތު މީހެއް ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ކްލިނިކަށް ޒިޔާރަތްކުރި އެއްވެސް ބަލިމީހަކާ ނުވަތަ ޑޮކްޓަރަކާ އޭނާއާ ބައްދަލުވެފައި ނުވާ ކަމަށް އެ ކްލިނިކުން ބުންޏެވެ. އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އިއްޔެ އެވެ.
ފެމިލީ ކެއާ ކްލިނިކުގެ ހިދުމަތްތައް ވަގުތީ ގޮތުން އޮންލައިންކޮށް ދޭ ގޮތަށް ނިންމީ އެ ކްލިނިކް ޑިސް އިންފެކްޓު ކުރުމަށެވެ. ޑިސް އިންފެކްޓް ކުރުމަށް ފަހު އެޗްޕީއޭގެ އިރުޝާދުގެ ދަށުން އަލުން އޯޕީޑީގެ ހިދުމަތްތައް ފަށާނެ އެވެ.
މި މުއްދަތުގެ ތެރޭގައި އެ ކްލިނިކުން އޮންލައިންކޮށް ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންނަށް 7468046 އަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ.
ލޮކްޑައުން އަށް ދިން ލުއިތަކާއެކު މާލެ ސަރަހައްދުގެ ހުރިހާ ކްލިނިކްތައް ހުޅުވާލާފައިވާއިރު ހުރިހާ ކްލިނިކްތަކުން ވެސް ހިދުމަތް ދެމުން އަންނަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy