ޅ. ކުރެންދޫ ނަރުދަމާ ނިޒާމުގެ 99 ޕަސެންޓު މަސައްކަތް ނިމި، ޓެސްޓު ކުރަން ތައްޔާރުވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން އެ ރަށުގައި ނަރުދަމާ ނިޒާމުގެ މައި ނެޓްވޯކު ގާއިމްކޮށް 366 ގެއެއްގައި ޖަންކްޝަން ބަހައްޓާފައިވާ ކަަމަށެވެ. އަދި އެ ގެތަކަށް ނަރުދަމާގެ ކަނެކްޝަން ވެސް ގުޅައި ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ ކުރެންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު ދެން އޮތީ ޓެސްޓު ކުރުމުގެ މަރުހަލާ އެކަނި ކަމަށެވެ. އެހެންކަމުން އެ ނިޒާމް ޓެސްޓުކޮށް ކޮމިޝަން ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެދިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއު އެމްޑަބްލިއުއެސްސީން ފަށާފައިވަނީ 2018 އިގެ ޑިސެމްބަރުގަ އެވެ. މި މަޝްރޫއުގެ ދަށުން 6000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކަކާއި، 720 މީޓަރުގެ ޕަންޕިން ލައިނެއް ވަނީ ޤާއިމް ކޮށްފަ އެވެ. އަދި ދެ ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި އިދާރީ އިމާރާތެއް ވެސް އެ ރަށުގައި ވަނީ ގާއިމް ކޮށްފަ އެވެ.
މީގެ އިތުރުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ވެސް މި މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ވަނީ ފޯރުކޮށްދީފަ އެވެ. މި މަޝްރޫއަށް 29.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.