ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
24 ޖުލައި 2020 - 19:26
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިތާ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫކޭއިން ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އިމިގްރޭޝަނުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރީ ޖުމްލަ 904 ޓޫރިސްޓުންނެވެ. މީގެ ތެރެއިން 117 ޓޫރިސްޓުން އައީ ޔޫކޭ އިންނެވެ.
އިނގިރޭސިވިލާތުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަޔަސް އެ ގައުމުން މިހާތަނަށް ދަތުރުފަތުރުގެ ލުއި ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމަނަ އެވެ. އެހެންކަމުން އެ ގައުމަށް އެނބުރި ދާ ޓޫރިސްޓުންނާއި ރާއްޖެއިން ދާ އެހެނިހެން މީހުން 14 ދުވަސް ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ. އެ ގައުމުން ރާއްޖެއަށް ލުއި ނުދެނީ އެ ގައުމުން ކަނޑައަޅާ މިންގަނޑަށް ނުފެތޭތީ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.
ދެ ވަނަ އަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައީ އެމެރިކާއިންނެވެ. އެއީ 106 ޓޫރިސްޓުންނެވެ. މީގެ އިތުރުން ޖަރުމަނާއި ސްވިޒަލެންޑާއި ރަޝިއާ އާއި ފިލިޕީންސް އާއި ޔޫއޭއީ އަދި ސްޕެއިނާއި ހަންގޭރީ އާއި މިސްރުން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އަ އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ނިސްބަތުން މަދެވެ. ނަމަވެސް ދެތިން މަސް ދުވަހުގެ ތެރޭގައި ކުރިއެކޭ އެއްގޮތަށް ޓޫރިޒަމް ކުރިއަރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވަނީ އަދި ވެސް ގިނަ ގައުމުތަކުގެ ބޯޑަރު ނުހުޅުވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
26 July 2020
މިހާތަނައް ރާއްޖެ އައީ 904 ފަތުރުވެރިން. އެއިގެ ތެރެއިން 368 މީހުންނަކީ ބަންގާޅީން. އެއީ %40.7.
އާބިދު
24 July 2020
ތީ ރަނގަޅު ފާލެއް.
ކަސަބު
24 July 2020
އެއްހާސް ހަމަނުވޭ ދެން ކިހިނެއް ގިނަ އަދަދެކޭ ބުނަނީ.