ސިޔާމް ނެންގެވި ލޯނަކަށް ފައިސާ ދައްކަން ސަރުކާރަށް އަންގައިފި

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏަކަށް، ކުރީ ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދައްކަން އަންގައިފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގެ ފަހުކޮޅު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޑެޓަށް އެގްޒިމް ބޭންކުން 127 މިލިއަން އެމެރިކާ ޑޮލަރު (2 ބިލިއަން ރުފިޔާ) ދިނީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމުންނެވެ. އެނގިފައިވާ ގޮތުގައި މިއީ ދިވެހި ވިޔަފާރިވެރިޔަކަށް ސަރުކާރުން ދިން ސޮވެރިން ގެރެންޓީއެއްގައި މިހާތަނަށް ނެގި އެންމެ ބޮޑު ލޯނެވެ.

ޔާމީނާ ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ސިޔާމްގެ ކުންފުންޏަކަށް އެގްޒިމް ބޭންކުން ދިން ލޯނު އަނބުރާ ދައްކަން ފަށަން ޖެހިފައި އޮތީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. އެކަމަކު 10 މިލިއަން ޑޮލަރަކީ، ކަނޑައަޅާފައިވާ މުއްދަތުގައި ނުދައްކާ އޮތް ބައެއް ކަމަށް ބެލެވެ އެވެ.

ބޭންކުން ސަރުކާރަށް އަންގާފައި އޮތް ކަމަށް ވަނީ އޮގަސްޓް 6 ގެ ކުރިން އެ ބައި ދައްކާށެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ވެސް އަދި ސަރުކާރުގެ އެހެން އޮފިޝަލަކު ވެސް، މި މައްސަލާގައި އެއްވެސް މައުލޫމާތެއް އަދި ނުދެ އެވެ.

"މިހާރު"އަށް އެނގިފައވާ ގޮތުގައި އެ ފައިސާ ދައްކަން ސަރުކާރުން ވަނީ ސިޔާމްގެ ކުންފުންޏަށް އަންގައިފަ އެވެ. އެކަމަކު ސިޔާމަށް ނުދެއްކިއްޖެ ނަމަ ސަރުކާރުން އޭގެ ޒިންމާ ނަގަން ޖެހޭނެ އެވެ.

ސިޔާމަށް އެހާ ބޮޑު ލޯނެއް ނަގަން ސަރުކާރުން ސޮވެރިން ގެރެންޓީ ދިނީ، މައުލޫމާތު ހުރި ބައެއް މީހުން "މިހާރު"އަށް ކިޔައިދިން ގޮތުގައި، ފިނޭންސް މިނިސްޓްރީއަށް ބާރު ފޯރުވޭ ގޮތަށް ވިއްސަކަށް މިލިއަން ޑޮލަރު، ބަހައްޓައިފަ އެވެ. އޭގެ އިތުރުން އޭނާގެ އެހެން ރިސޯޓްތައް ވެސް ވަނީ ލޯނަށް މޯގޭޖްކޮށްފަ އެވެ.

އެކަމަކު "މިހާރު"ން ސިޔާމަށާއި އޭނާގެ ވިޔަފާރީގެ އެހެން ބައިވެރިޔަކަށް ގުޅުމުން، އެއްވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ. އަދި މެސެޖްކުރުމުން ވެސް ޖަވާބެއް ނުލިބެ އެވެ. އެހެންކަމުން ރައްކަލަކަށްޓަކައި ސިޔާމްގެ ފަރާތުން ސަރުކާރުގައި އެއްވެސް ވަރެއްގެ ފައިސާގެ ގެރެންޓީއެއް ބަހައްޓާފައި ހުރިކަން ނުވަތަ ނޫންކަން ރަސްމީކޮށް ކަށަވަރު ކުރެވޭ ގޮތެއް އަދި ނުވެ އެވެ.

އެގްޒިމް ބޭންކުގެ ލޯނުން ނ. ދިގުރަށުގައި ސިޔާމް ތަރައްގީކުރައްވަމުން ގެންދަވަނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ރިސޯޓެވެ. "ސަން ސިޔާމް އިރު ފެން" ނަމުގައި އެ ރިސޯޓް މި އަހަރު ހުޅުވާނެ ކަމަށް ކުރިން އޮތީ އިއުލާންކޮށްފަ އެވެ.