މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ކުންފުންޏެއްގެ 127 މިލިއަން ޑޮލަރުގެ ލޯނަކަށް ސަރުކާރުން ގެރެންޓީދީފައިވާ ކަން "މިހާރަ"ށް އެނގިއްޖެ އެވެ.

"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޑެޓްގެ 127.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

އެ ލޯނު ނަގާފައި ވަނީ ސިޔާމްގެ އިރުފުށި އައިލެންޑް ރިސޯޓް ތަރައްގީ ކުރުމަށެވެ. އިރުފުށި ހިންގަން ސަން ސިޔާމް ކުންފުނިން ހިލްޓަން ގްރޫޕާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ.

އިރުފުށި ރިސޯޓަކީ 221 އެނދުގެ ފަސް ތަރީގެ ރިސޯޓެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަމައެކަނި ސޮވެރިން ގެރެންޓީ ދިން އަމިއްލަ ކުންފުންޏަކީ ވެސް ސިޔާމްގެ ކުންފުންޏެވެ. ޔާމީންގެ ގާތް ބޭފުޅެއްގެ ގޮތުގައި ސިޔާމް ފެނުނު ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގައި އުޅުއްވީ ސިޔާސީ ކަންކަމުގައި ދުރުގަ އެވެ. ހާއްސަކޮށް ކެމްޕެއިން ހަރަކާތްތަކުގައި ވެސް އެއްވެސް ވަރަކަށް ސިޔާމް ނޫޅުއްވަ އެވެ.

ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދީފައިވާ އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ނަގާފައިވާ ލޯނުތަކަށް ސަރުކާރުން ގެރެންޓީ ދީފައިވެ އެވެ. އެގޮތުން ލޯނު ގެރެންޓީގެ އަދަދު ނުވަ ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރޭގައި، އެސްޓީއޯ އިން ނަގާފައިވާ 3.7 ބިލިއަން ރުފިޔާގެ ލޯނާއި އެޗްޑީސީ އަށް 2.9 ބިލިއަން ރުފިޔާގެ ލޯނާއި ސްޓެލްކޯގެ 589 މިލިއަން ރުފިޔާގެ ލޯނަށް ދީފައިވާ ގެރެންޓީ ހިމެނެ އެވެ. މީގެ އިތުރުން މިފްކޯގެ 57 މިލިއަން ރުފިޔާގެ ލޯނަށް ވެސް ސަރުކާރުން ގެރެންޓީ ދިނެވެ.

މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ސޮވެރިން ގެރެންޓީ އެންމެ ގިނައިން ދީފައިވަނީ ހައުސިން މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ ލޯނުތަކަށެވެ.