ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ދެއްކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން މީޑިއާއާ ހިއްސާކުރި ބަޔާނެއްގައި އެހެން ބުނީ، ޓީބިލްގެ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކީ ބީއެމްއެލްގައި ހުރި ފައިސާއިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
އެކަމަކު ސަރުކާރުން މިރޭ ބުނީ 50 މިލިއަން ޑޮލަރުގެ ޓީބިލް އިއްޔެ އަނބުރާ ދެއްކީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ
"ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެންނެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
މި އަހަރުގެ ނޮވެމްބަރު 17 ގައި މުއްދަތު ހަމަވާ 50 މިލިއަން ޓީބިލް ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް މި އަހަރުގެ މޭ 11 ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވިކަން ވެސް ފިނޭންސުން ފާހަގަކުރި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ބުނީ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމުމާ އެކު، މި 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައި ކަމަށެވެ.
މި ދަރަނި ދެއްކީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މި ސަރުކާރުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އެންމެ ފަހު 50 މިލިއަން ޑޮލަރު އިއްޔެ ދެއްކުމާ އެކު މި ފެސިލިޓީ ވަނީ އެއްކޮށް ހަލާސްވެފަ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު ހުރި އިރު 50 މިލިއަން ޑޮލަރުގެ "ދަރަނި ދެއްކުމުގެ ސަބަބުން، ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް" ވާހަކަތަކެކެވެ.