ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީައި) އިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހު އިންސްޓޯލްމެންޓަށްވާ 50 މިލިއަން ޑޮލަރު ދެއްކި ނަމަވެސް ތެލާއި އަސާސީ މުދާ ގެންނަން ދަތި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ދެއްކީ މިއަދެވެ.

އެކަން އިއުލާނު ކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދަރަނީގެ ޒިންމާތައް ސަރުކާރުން މެނޭޖް ކުރަނީ ޕްލޭންކޮށްގެން ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކޮށްގެން ކަމަށެވެ. 

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕްގައި ސަރުކާރުން އަންނަނީ ދުރާލައި ޕްލޭންކޮށްގެންނާއި ސޮރިން ޑިވެލޮޕްމެންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކޮށްގެން، ދަރަނީގެ ޒިންމާތައް މެނޭޖްކުރަމުން. ބުރުލެއް ނާރުވައި، ތެލާއި ކާޑާއި ބޭސް އިމްޕޯޓްކުރާނެ އިންތިޒާމް ވަނީ ކަށަވަރުކޮށްފައި،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ޒަރީރު ވިދާޅުވި އެވެ.

އެސްބީއައި ޓީ-ބިލް ފެސިލިޓީއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮަލަރު މިއަދު ދެއްކުމަށްފަހު  ފިނޭންސް މިނިސްޓްރީން ބުނީ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމުމާ އެކު، އެ 150 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައިވާ ކަމަށެވެ.

އެ ދަރަނި ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މި ސަރުކާރުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު އަދި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އަދި އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމާ އެކު މި ފެސިލިޓީ ވަނީ އެއްކޮށް ހަލާސްވެފަ އެވެ.