ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ދައްކައި މިއަދު ހަލާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމުމާ އެކު، މި 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައި ކަމަށެވެ.

މި ދަރަނި ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މި ސަރުކާރުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު، އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އަދި އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމާ އެކު މި ފެސިލިޓީ ވަނީ އެއްކޮށް ހަލާސްވެފަ އެވެ.

ތެލާއި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް، މި ދަރަނި ދެއްކުމަށް ފަހު ވެސް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު ހުރިއިރު  "ދަރަނި ދެއްކުމުގެ ސަބަބުން، ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް" ވާހަކަތަކެކެވެ.

އެ މިނިސްޓްރީން ބުނީ، ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާ އެކު މަސައްކަތް ކުރުމަށެވެ. އެގޮތުން:

  • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ގަވާއިދުން ފައިސާ ޖަމާކުރުން.
  • ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުން.
  • ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާ އެކު އުފެއްދުންތެރި އަދި މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިއަށްދިއުން.

"މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުމެއް ލިބޭނެ" ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ އަމާޒަކީ ޒިންމާދާރުކަމާ އެކު ދަރަނި މެނޭޖުކުރުމާއި، ގައުމީ ރިޒާވް ހަރުދަނާކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަމުގައި ވެސް އެ މިނިސްޓްރީން ބުންޏެވެ.