ދައުލަތުގެ އާމްދަނީ އަށް ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިތުރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެއީ މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ ބޭރުން ލިބޭ އަދަދެއް ކަމަށެވެ. އެއީ "ނޮން ޓެކްސް" އާމްދަނީގެ ގޮތުގައި ލިބޭ އަދަދެއް ކަމަށާއި އެ އަދަދު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރަށް މިހާރު ލިބިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، އެއީ ކޮން ގޮތަކަށް ދައުލަތަށް ލިބޭ އަދަދެއް ކަމެއް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅެއް ނުވެ އެވެ.

ދައުލަތަށް މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ކުރީ އަހަރަށް ވުރެ 6.6 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 31 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައުލަތަށް ވަންނަނީ ރިސޯޓު ކުއްޔާއި އެއާޕޯޓު ޑިވަލޮޕްމެންޓް ފީ އިންނެވެ.

ރައީސް މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް މިއަދު އިއްވަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް މިއަދު އިއްވަވަނީ.---ފޮޓޯ: ރައީސް އޮފީސް

"މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އިތުރުން ނޮން ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު މިހާރު ކަށަވަރު ވެފައިވާއިރު މި އާމްދަނީ ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ޖަމާވެގެން ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދަރަނި އަދާކުރުމަށްޓަކައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އެސްޑީއެފްގައި ހުރީ އަދަދު އިތުރު ކުރުމަށް ކަމަށެވެ. 

"މި ސަރުކާރު އައި ފަހުން އެސްޑީއެފްގައި ހުރި ޑޮލަރު ލިކުއިޑިޓީ ރަނގަޅުވެފައިވާ ކަމަށް ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ވެސް އަންނަނީ ފަހަގަކުރަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެސްޑީއެފަށް ޑޮލަރު ޖަމާކުރާ ވަރު އިތުރުވެފައިވާ އިރު ކުރިއަށް އޮތްތަނުގައި ވެސް އެ ފަންޑަކީ ދަރަނި ދެއްކުމަށް ފަސޭހަވާނެ ފަންޑަކަށް ހެދުމަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އެ ފަންޑުގެ ސައިޒު ބޮޑުކޮށް، ކުރިމަގުގައި ދައުލަތުން ބޮޑެތި ދަރަނި ނަގަން ނުޖެހޭ ފަދަ ގޮތަކަށް ކަންކަން ރޭވުމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.