ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އެއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު 10 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން ފުރަތަމަ ހަފްތާއާ ހަމައަށް އެސްޑީއެފަށް ޖަމާކޮށްފައިވަނީ 935 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި އެސްޑީއެފަށް ޖަމާކުރުމަށް ކަނޑައަޅާފައި އޮތީ 2.4 ބިލިއަން ރުފިޔާ އެވެ. އެހެންވެ، އަހަރުގެ މިހާ ހިސާބަށް ވަނީ ބަޖެޓުގައި އަމާޒު ކުރި އަދަދުގެ 40 ޕަސެންޓް ޖަމާކުރެވިފަ އެވެ.
އެސްޑީއެފަށް ޖަމާކުރަމުން އަންނަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިން ލިބޭ އާމްދަނީ އެވެ.
އެސްޑީއެފް ފަންޑް ބޭނުންކޮށްގެން ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް މި އަހަރު ދައްކާފައިވެ އެވެ. ސުކޫކު ދެއްކުމަށް ވެސް އެ ފަންޑު ބޭނުންކުރި އެވެ. ބަޖެޓުގައިވާ ގޮތުން މި އަހަރުގެ ދަރަނި އަދާކުރުމަށް 4.1 ބިލިއަން ރުފިޔާ އެ ފަންޑުން ބޭނުން ކުރާނެ އެވެ.
ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާއިރު، އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ މުޅި ބަޖެޓުގެ 29 ޕަސެންޓެވެ.
އެސްޑީއެފްގެ ޖުމްލަ ސައިޒު މިވަގުތު ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ހާމަނުކުރާތީ އެނގޭކަށް ނެތެވެ. އެކަމަކު މިދިޔަ އަހަރު ނިމުނު އިރު އެ ފަންޑުގައި 10.9 ބިލިއަން ރުފިޔާ ހުއްޓެވެ. އޭގެ ތެރެއިން 8.3 ބިލިއަން ރުފިޔާ ހުރީ ޑޮމެސްޓިކް ސެކިއުރިޓީ ނުވަތަ ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކޮށްފަ އެވެ. އެއީ މުޅި ފަންޑުގެ 76 ޕަސެންޓެވެ. ބާކީ ބޭނުން ކުރެވޭ ގޮތަށް އޭރު ހުރީ 2.4 ބިލިއަން ރުފިޔާ އެވެ.