އީރާން ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތަށް ރިއާޔަތްކޮށް، ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ، ދައުލަތުގެ ބަޖެޓުން ރައްކާ ކުރެވޭނެ ދާއިރަތައް ބަލައި، އެކަމުގެ ޕްލޭން ފިނޭންސް މިނިސްޓްރީން ހަފުތާއެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"ފައިނޭންސް ކުރެވޭނެ ކޮންމެވެސް މެކޭނިޒަމެއް ގެންނަން ޖެހޭނެ. ޓޯޓަލް ފައިނޭންސިން އެވެއިލަބަލް ވާނެ އަދަދަށް ވެސް ބަދަލު އަންނާނެ މިހާ ބޮޑު މާކެޓް ވޮލަޓިލަޓީއެއް އައިމާ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ އަޅުގަނޑު ރައީސް އަރިހަށް ދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމަކަށް އަޔަސް އާންމު ހާލަތަށް ދާން އެންމެ މަދުވެގެން ވެސް ހަތަރު މަސް ދުވަސް ނަގާނެ ކަމަށް އެނަލިސްޓުން ފާހަގަކުރެ އެވެ. އެހެންވެ، މި ހާލަތާ ގުޅޭ ޕްލޭނެއް ތައްޔާރުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒަށް ހުށަހަޅާ ޕްލޭން އެއްކޮށް ފަހަރެއްގައި އާންމު ނުކުރެވިދާނެ އެވެ. އެކަމަކު، އޭގައި ހުރި މުހިއްމު ކަންކަން ހާމަކުރާނެ ކަމަށް ވިދާޅުވި އެވެ..
އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކާ އެކު ފެށިފައިވާ ހަނގުރާމައާ ގުޅިގެން، ސަރުކާރަށް ވަންނަ މަސް ދުވަހުގެ އާމްދަނީން 85 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
އާމްދަނީ ދަށްވި ނަމަވެސް، ބައެއް ހަރަދުތަކަކީ ކުޑަކުރެވޭނެ ހަރަދެއް ނޫން ކަމަށާއި ހަރަދު ކުޑަކުރުމަށް ބައެއް ޕްރޮޖެކްޓްތައް ފަސްކުރަން ނިންމާފައިވާ ކަމަށް ވެސް ޒަމީރު މިދިޔަ ހަފްތާގައި ވިދާޅުވެފައިވެ އެވެ.