ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު [2021 ވަނަ އަހަރު] ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ސަރުކާރުން މިއަދު ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އޭގެ ތެރޭގައި ހިމެނެނީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި އިންޓްރެސްޓަށްވާ 25 މިލިއަން ޑޮލަރު ކަމަށެވެ.

މި ދަރަނި ސަރުކާރުން އަދާކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، އެ ދަރަނި އަދާކުރުމާ އެކު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދުރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ސުކޫކު ނަގާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ސުކޫކަކީ ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު ވަނީ ކޮވިޑާ ގުޅިގެން މާރުކުރި، އެސްޑީއެފް ފަންޑަށް އަލުން ބޭރު ފައިސާ ޖަމާކުރަން ފަށައިފަ އެވެ.

މި ސަރުކާރުން ވަނީ 2024 ވަނަ އަހަރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތަކަށް ބަދަލު ގެނެސް، ފަންޑަށް ވަންނަ ފައިސާ އިތުރުކޮށްފަ އެވެ. މި ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހިންނަށް އެއްވެސް ބުރައަކަށް ނުވާނޭ ގޮތުގެ މަތިންނެވެ.

އެ ފިޔަވަޅުތަކާ އެކު، އެސްޑީއެފް ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވެ އެވެ. މިދިޔަ މާޗު މަސް ނިމުނު އިރު ދައުލަތުގެ ރިޒާވް 1.3 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ސުކޫކު ދެއްކުމަށް ފަހު، މާލީ އިދާރާތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. 

ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކާ ހެދި ކުރިމަތިވި އިގުތިސާދީ ދަތިތަކާ ގުޅިގެން ސުކޫކް ދެއްކިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު އުފެއްދަމުން އައި ނަމަވެސް ސަރުކާރުން އަބަދުވެސް ބުނަމުން އައީ ކަނޑައަޅާފައިވާ ތާރީހަށް ސުކޫކް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސުކޫކް ދައްކަންޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ ބުދަ ދުވަސް ކަމަށްވީ ނަމަވެސް ރައީސް މުއިއްޒު މިދިޔަ މާޗު 2 ގައި ނޫސްވެރިން ގާތު ވިދާޅުވެފައި ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން އެއްވެސް ދައްޗެއް ނެތް ކަމަށާއި މިވަގުތު ވެސް ރިޒާވްގައި 650 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.