ހުރިހާ ކަމެއް ވެސް ބައްޓަން ކޮށްފައި ވަނީ ރާއްޖެ ޑިފޯލްޓް ވިޔަ ނުދީ، އިގްތިސާދު ފުރިހަމަ އަށް ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތަށް ކަމަށް ރައީސް ވިދާޅުވި.
ރައީސް މުއިއްޒު ބިލެތްފަހިގެ ރައްތިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
13 އޮކްޓޯބަރ 2025 - 23:06
އަންނަ އަހަރު ދައްކަންޖެހޭ ދެ ލޯނު ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްފަހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު އިގްތިސާދީ ހާލަތު އޮތް ގޮތް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ ރާއްޖެ އެއްވެސް ގޮތަކަށް ޑިފޯލްޓް ވިޔަ ނުދީ ރާއްޖޭގެ އިގްތިސާދު ފުރިހަމައަށް ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތް ހަމަޖައްސަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ދައްކަން ހުރި ދަރަނިތައް ދައްކަމުން، ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން. ބައެއް ދަރަނިތައް އެކުވެރި ދައުލަތްތަކާ މަޝްވަރާ ކުރެވިގެން އެކި ކަހަލަ ގޮތްގޮތަށް އެ އަށް ލުއިތައް ގެންނަމުން ރީ ފައިނޭންސް ނުވަތަ ލަސްކުރަމުން ނުވަތަ ބަދަލު ދޭންޖެހޭ ނަމަ އެކަން ކުރަމުން،" އިގުތިސާދު ރަނގަޅުކޮށް ދަރަނިތައް ދައްކަން ސަރުކާރުން ޕްލޭން ކުރަމުން އަންނަ ގޮތްތަކާ ބެހޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަންނަ އަހަރު ދައްކަން އޮތް ސުކޫކް ޕޭމަންޓު ދެއްކުމުގައި ވެސް އަޅުގަނޑުމެން މި ބަރާބަރަށް ކުރަމުންދާ މަސައްކަތް ފުރިހަމަކަމާ އެކު ކާމިޔާބު ވަމުން ދަނީ. ފުރިހަމަ ކަމާ އެކު ކާމިޔާބު ވާނެ. އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް އަންނަ އަހަރުގެ ސުކޫކް ޕޭމަންޓް ކަންތަކަށް."
ރައީސް މުއިއްޒު އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މި ސަރުކާރުން މި މަހު ދެއްކި އެވެ.
އެ ސުކޫކުގެ ކޫޕަން ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޫބަރު މަހު އެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް ގަ އެވެ. އެހެންކަމުން، އަންނަ އަހަރުގެ އޭޕްރީލް މަހު 25 މިލިއަން ޑޮލަރުގެ އެންމެ ފަހު ކޫޕަނާ އެކު، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ރާއްޖޭގެ ހުރިހާ ދާއިރާތަކެއް ހިމެނޭހެން ކަންކަން ކުރިއަރުވައި ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ގޮތް ހޯދައިދީގެން ކުރިއަށް ގެންދާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ބިލެތްފަހީގެ ކައުންސިލްގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެގޮތުން ރައީސް ފާހަގަކުރެއްވީ މި މަހު ދެވަނަ ދުވަހު އެ މަނިކުފާނު އިއުލާން ކުރެއްވި "މިދިޔަ ސަރުކާރުން އެކި ފަރާތްތައް ލައްވައި ކުރުވާފައި ރާއްޖޭގެ އެތެރޭގައި ނުދީ ހުރި ފައިސާތައް" ކުރިއަށް އޮތް ތިން ހަފުތާ ތެރޭ ދައްކައި ނިންމެވުމެވެ.
"އަޅުގަނޑުމެންގެ ރިޒާވް ވެސް ރަނގަޅު ގޮތުގައި ހުރީ. ހުރިހާ ކަމެއް ރަނގަޅަށް ގެންދަމުން ތަރައްގީގެ ކަންކަން ހާސިލް ކުރަމުން މި ގެންދަނީ. އެގޮތުގައި ކުރިއަށް ދިއުމަކީ އެއްވެސް ކަންބޮޑުވުމެއް މިހާރު އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގަ އެ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ މި ސަރުކާރުން އަންނަ އަހަރު ދައްކަން ޖެހިގެން އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު ނެގި ދެ ލޯނެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ 500 މިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި އަންނަ އަހަރު ސަރުކާރު "ޑިފޯލްޓަކަށް" ދާނެ ކަމަށް ވިދާޅުވެ ޔާމީނާއި އިބޫ ވާހަކަފުޅު ދައްކަވާ ކަމަށެވެ. އެކަމަކު، މި ސަރުކާރުން ގެންދަނީ އެ ދަރަނިތައް ދެއްކުމަށްޓަކައި "އަރިއަކަށް" ފައިސާ ޖައްސަމުން ކަމަށް ތޯރިގް ވިދާޅުވި އެވެ.
އިބޫގެ ސަރުކާރުގެ ދުވަސްވަރު އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް އަދި އޮލިމްޕަސް ފަދަ ތަންތަން ރަހުނުކޮށް ލޯނު ނުނަގަން ޕީޕީއެމް/ޕީއެންސީން އެދެމުން ދިޔަ ކަން ފާހަގަކުރެއްވި އެވެ.
ތޯރިގް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑުގެ ދަރަނި ދެއްކުމަށާއި އިތުރަށް ފައިސާ ހޯދަން ވެގެން އިބޫގެ ސަރުކާރުގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ބައިނަލްއަގްވާމީ މާކެޓަށް ވިއްކި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އިގްތިސާދު އެންމެ ބޮޑަށް ދަތިވި ދަނޑިވަޅުގައި ވެސް އެސްޓީއޯ މެދުވެރިކޮށް 150 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުން ނެގި އެވެ. އެކަމަކު، އެ ފައިސާގެ ތެރެއިން ވެސް ބޮޑު އަދަދެއް މި އަހަރު ދައްކާފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
14 October 2025
އެތައް ބިލިއަން ރުފިޔާ އެއްގެ ލޯން ނަގާ އޭގެއިން އެތައް ބިލިއަން ރުފިޔާ އެއް ޕްރޮޖެކްޓް ތައް ނުއަގުގަ ހިންގާ އޭގެ ފައިދާ ނެގި މީހުން އެއުޅެނީ މިނވަން ކަމާ އެކު އެވެ. ވީމާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަ ތައް ބަލާ އަދަބު ނުދޭނަމަ ރައީސް އަށް އިތުރު ދައުރަކަށް ވޯޓް އެއް ނުދޭނަމެވެ. ލޯން ދައްކަނީ ސަރުކާރަކު ހިންގާ ޕާޓީ އަކުން ނޫނެވެ. .ރައްޔިތުންގެ ފައިސާ އިންނެވެ. ކޮރަޕްޝަން ގެ ސަބަބުން ޓެކްސް ތައް ގިނަ ވެ އަދި ބޮޑުވެ އެވެ.
ވުސްތާ
14 October 2025
އެހެންވީމާ ރާއްޖޭގެ ބައިވެރިންގެ އެހީތެކަމާ އެކު އަޅުގަނޑުމެން ދާނީ ސަލާމަތުގެ އައްސޭރިއަކަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ
ހަމީސް
14 October 2025
"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ގެ ބައެއްގެ ގޮތުގައި އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ކުރި ސުވާލަކަށް އަމިއްލަ ހައިސިއްޔަތުން ޖަވާބު ދެއްވަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އަބްދުﷲ ހަސަން ވިދާޅުވީ އަންނަ އަހަރު ބޮންޑްތަަކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދެއްކޭނެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށެެވެ.
ރާޒީ
14 October 2025
ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ތަފާތު ހުންނާނެއެވެ. ނުކިޔަވާ މީހުންނާއި ކިޔަވައިގެން ހުރި މީހުން ތަފާތު ވާނެއެވެ، މިއަދު ގައުމު މެނޭޖް ކުރަމުން ދަނީ ފުރިހަމަ ބާރުވެރި އިގްތިޞާދަކާއި ދިމާލަށެވެ.
މަހޭ މަސްރޫފް
14 October 2025
އިގްތިޞާދު ދަންނަ ވެރިން އައީމަ ކަންކަމާއި ހާސްވެގެން ގޮސް ފައިސާ ޗާޕުކޮށް ގައުމު ބަނގުރޫޓެއް ނުކުރާނެ، މިހާރު މި ފެންނަނީ ލޯނުތައް ދައްކަމުން ރައްޔިތުންގެ ބޭނުންތައް ފުއްދައިދެމުން ދާ މަންޒަރު
ސުކޫކުބެ
14 October 2025
ސުކޫކު ދައްކާލަ ދުވަހު ދާނަން އިނގޭ ބަލާލަން. ވަރަށް ބޮޑު ސުކޫކެއްވީމަ ބަލާލަން ދާންވާނެތާ ދޯ!
ކޮވެލި
14 October 2025
މާ މޮޅު ކަމެއް ކުރެވިގެން އުޅެނީކީ ނޫން. ދައްކަން ޖެހޭ ފައިސާގެ ބޮޑުބައި ފަސްކޮށްދިނީ. ދެން އެތިކޮޅެއް ދެއްކުން އެއީ މާ ފޮނިކަނޑަން ޖެހޭ ވަރު ކަމެއް ނޫން. ބިޒްނަސް ކޮންފިޑެންސް ދަށް. ކޮންސިއުމަރ ކޮންފިޑެންސް ދަށް.
ަިއިންސާފުގާރު
14 October 2025
އެނގޭކަމަކީ ކުރިންދިޔަ އެއްވެސް ސަރުކާރަކުން ، ދަރަނި ކިތަންމެ ބޮޑުވެގެންދިޔަސް، ސިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާ، ފާމަސީ ތަކުގެ ފައިސާު، އާސަންދައާއި ފިނޭސުން ނުލިބިގެން، މުވައްޒަފުންނާއި ޑޮކްޓަރުންނަށް މުސާރަނުދެވިގެން ނޫޅޭކަން. ޑރ މުއިއްޒުގެ ވަެރިކަމާއެކު މިފަދަތަންތަނުގެ ފައިސާނުލިބި ބަނގުރޫޓްވަމުންދާކަން ފާހަގަކުރެވޭ. މި ވެރިކަމުގައި ވަރަށްބޮޑު މާޔޫސްކަމެއް ދަނީ ލިބެމުން...
އަބުދުލް ޤާދިރު
14 October 2025
މަނިކުފާނު ކަންބޮޑުވެ ލައްވާ އެއް ވެސް ކަމެއް އެބައޮތްތޯ؟
ސިޓީބިޓީ
14 October 2025
މަ ވޯޓްދޭން ބޭނުމީ ވެރިކަމުގެ ދައުރުގައި ވަކިވަކި ރަށްރަށުގައި އަލަަށް އުމްރާނީ އެއްވެސް ޕްރޮޖެކްޓެއް ނުފަށާ، ދެން މިކަމުން ބާކީ ކުރެވޭ ފައިސާއިން ހުޅުމާލެ ކަހަލަ އަރބަން ސިޓީއެއް ތަރައްގީކޮށް، އެތަނުން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލުއިފަސޭހަ ކަމާއެކު ބޯހިޔާވަހިކަން ހޯދަދޭނެ މީހަކަށް. މިގޮތަށް ދެތިން ދައުރުގައި ކަންކަން ކޮށްލީމާ އާބާދީގެ 80 ޕަސެންޓް އުޅޭނީ ޒަމާނީ ތަރައްގީގެ ފަސޭހައިގަ. ނުލިބޭވަރުން ކޮންހާ ދަރަންޏެއް ނަގާކަށް!