ފިނޭންސް މިނިސްޓްރީގެ އިމާރާތް. ދެ ހަފްތާ ތެރޭގައި ބަދަލަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ -- ފޮޓޯ: މިހާރު
07 ޑިސެމްބަރ 2025 - 19:10
މިދިޔަ އަހަރާ އަޅާބަލާއިރު، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި އަދަދު، ބިލިއަނެއްހާ ރުފިޔާ އިތުރު ވެފައިވާ ކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު"ގައިވާ ގޮތުން، މިދިޔަ ނޮވެމްބަރު 27 އާ ހަމައަށް އެސްޑީއެފަށް ޖަމާކުރި ޖުމުލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި، ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަކުރުމާއި ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފަށް ޖަމާކުރި 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 1.1 ބިލިއަން ރުފިޔާ ނުވަތަ 84.9 ޕަސެންޓުގެ އިތުރުވުމެކެވެ.
އެސްޑީއެފަށް ޖަމާކުރި އަދަދު އިތުރުވެފައި ވަނީ، ދައުލަތަށް އެ މުއްދަތުގައި ލިބުނު އާމްދަނީގެ ކުރިއެރުންތަކާ އެކު އެވެ.
މިގޮތުން، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 31.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.2 ބިލިއަން ރުފިޔާ ނުވަތަ 10.2 ޕަސެންޓުގެ އިތުރު އަދަދެކެވެ.
ދައުލަތުގެ އާމްދަނީގެ މައިގަނޑު ހިއްސާއަކީ ޓެކްސް އާމްދަނީ ކަމަށްވާއިރު، ޓެކްސް އާމްދަނީ 24 ބިލިއަން ރުފިޔާއިން 26.1 ބިލިއަން ރުފިޔާ އަށް ވަނީ އިތުރު ވެފަ އެވެ.
ޓެކްސް ނޫން އާމްދަނީން ވެސް ވަނީ ކުރިއެރުން ހޯދައިފަ އެވެ. އެގޮތުން 8.6 ބިލިއަން ރުފިޔާގެ ޖުމްލަ ޓެކްސް ނޫން އާމްދަނީ އަކީ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ ނުވަތަ 19 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ ހަފުތާގެ ނިޔަލަށް ޖުމްލަ ހަރަދުތައް ވެސް ހުރީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްކޮށެވެ. ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޖުމުލަ ވަނީ 42 ބިލިއަން ރުފިޔާއިން 36.4 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، ޖުމްލަ ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަވެފަ އެވެ. ބަޖެޓްގެ ޖުމްލަ ބެލެންސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 10.2 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 1.4 ބިލިއަން ރުފިޔާއަށް ރަނގަޅުވެފަ އެވެ. އަދި އެ މުއްދަތުގައި ޕްރައިމަރީ ބެލެންސް= 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ބަދަލުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަމްޒު
08 December 2025
މިއަށް ޖަމާކޮށްފަ އަނެއްދުވަހު ނަގަނީ ނޫންބާ؟. ހަމަ އެކަނި ޖަމާކުރި އަދަދުގެ ވާހަކަ އަބަދުވެސް ދައްކަނީ