މޫސާ ސޯލިހު އެމްއޭސީއެލުން ރިޓަޔާ ކުރައްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އެ ކުންފުނީގެ ވަޒީފާ އިން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.


މީގެ 39 އަހަރު ކުރިން ފެށިގެން އެމްއޭސީއެލްގައި އެކި މަގާމުތައް ފުރުއްވަމުން ގެންދެވި މޫސާ ސޯލިހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބޭފުޅެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރުކަމާ މޫސާ ސޯލިހު ހަވާލުވެވަޑައިގަތީ ވެރިކަމަށް އައި ބަދަލާ ގުޅިގެން، އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ނޮވެމްބަރު 14، 2018 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެ ދުވަހާ ހަމައަށް މޫސާ ސޯލިހު ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމުގަ އެވެ.

އެމްއޭސީއެލް އިން މޫސާ ސޯލިހު ރިޓަޔާ ކުރެއްވިއިރު އޭނާ އަށް ވަނީ އުމުރުން 65 އަހަރު ވެފަ އެވެ. ވަޒީފާ އިން ރިޓަޔާ ކުރެއްވުމުން އެމްއޭސީއެލް އިން ހަމަޖައްސާފައިވާ އުސޫލުގެ ތެރޭގައި މާލީ އިނާޔަތުގެ ޕެކޭޖެއް މޫސާ ސޯލިހަށް ލިބިވަޑައިގަންނަވާނެ އެވެ.

މޫސާ ސޯލިހު ރިޓަޔާ ކުރެއްވުމާ ގުޅިގެން އެމްއޭސީއެލުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ހުރިހާ މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.

އެމްއޭސީއެލް ހިންގުމުގެ އެންމެ އިސްވެރިޔާ މިއަދު ރިޓަޔާ ކުރެއްވިއިރު، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމުގައިވާ ގޯޑަން އެންޑްރޫ ސްޓުއާޓް ވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު އައްޔަނުކޮށްފަ އެވެ. ގޯޑަން އެންޑްރޫ ސްޓުއާޓް އަކީ ޔޫރަޕް، މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ، އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޯޓުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މި ހަފުތާގައި ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ ބަންދު ދުވަސްތަކަށް ފަހު، އޭނާ އެމްއޭސީއެލްގެ ޚިދުމަތަށް ރަސްމީކޮށް ނުކުމެވަޑައިގަންނަވާނެ އެވެ.