ވީއައިއޭއަށް އަންނަ ފަސިންޖަރުންގެ ފިނިހޫނުމިން ބަލަނީ: ހުރިހާ ގޭޓެއްގައި ވެސް ތާމަލް ކެމެރާތައް ވަނީ ހަރުކޮށްފައި---
02 ސެޕްޓެމްބަރ 2020 - 12:33
ކޮވިޑް-19އާ ގުޅިގެން އެއާޕޯޓްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުވެ، އިތުބާރު ހިފޭތީ އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)ގެ މަތީ ފެންވަރުގެ ސެޓްފިކެޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ލިބިއްޖެ އެވެ.
އޭސީއައިގެ "އެއާޕޯޓް ހެލްތު އެކްރެޑިޓޭޝަން" ސެޓްފިކެޓާ އެކު ވީއައިއޭ ވެފައި ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން އެ ސެޓްފިކެޓް ލިބުނު ދެ ވަނަ އެއާޕޯޓަށެވެ.
އެމްއޭސީއެލް އިން ބުނީ އެ ސެޓްފިކެޓް ލިބުނީ އޭސީއައި އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެކަން ޔަގީންކުރުމުން ކަމަށެެވެ. މި ކަމަށް ހާއްސަ އެސެސްމެންޓެއް ވެސް ކުރިއަށް ގެންދިޔަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އައިކާއޯ ކާޓް، އީއޭއެސްއޭ އަދި އޭސީއައިގެ ރިކަވަރީ ގައިޑްލައިންތަކާއި ޔޫރަޕުގެ އޭސީއައި ގައިޑްލައިންތަކުގެ މައްޗަށް ބިނާކޮށް ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މިންގަނޑުތައް ވެސް އެކުލަވާލައިފައިވާނެ ކަމަށް ވެސް އެމްއޭސީއެލްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން މިހާރު ވީއައިއޭއަކީ ރައްކާތެރި އެއާޕޯޓެއްކަން ކަށަވަރު ކުރެވިއްޖެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭގެ އެރައިވަލްގައި ސޯޝަލް ޑިސްޓެންސިން ބަހައްޓާނެ ދުރުމިން ދެއްކުމުގެ ގޮތުން ނިޝާންތައް ހަރުކޮށްފައި-- ފޮޓޯ: ނިޝާން އަލީ /މިހާރު
އެމްއޭސީއެލްގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން ސްޓުވާޓް ވިދާޅުވީ ވީއައިއޭގައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަން މި ސެޓްފިކެޓުން ޔަގީން ކޮށްދޭ ކަަމަށެވެ. އަދި މީގެ ސަބަބުން އެ އެއާޕޯޓަށް އަންނަ ޕެސެންޖަރުންގެ އިތުބާރު އެއާޕޯޓަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހެލްތު އެކްރެޑިޓޭޝަން ޕްރޮގްރާމަކީ އެއާޕޯޓުތަކުގައި، ކޮވިޑް-19އާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ސިއްހީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައް ފުރިހަމަކޮށްފައިވޭތޯ ބެލުމުގެ ގޮތުން އޭސީއައި އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން އެއާޕޯޓުގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށާއި ޑިސްއިންފެކްޓުކުރުމުގެ އިތުރުން މުވައްޒަފުންގެ ރައްްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް މި ޕްރޮގްރާމުގައި ބަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy