14 ސެޕްޓެމްބަރ 2020 - 08:38
މަތީގައި އެ އިން ފޮޓޯ ޓްވިޓާގައި މީހަކު ހިއްސާކުރުމާ އެކު، އެއަށް ކޮމެންޓް ކުރި އެހެން މީހަކު ލިޔެފައި ވެ އެވެ؛
"ކުރާނެ ކަމެއް ނެތް! ދަނޑު ހައްދަނީ ވެސް ބަންގާޅީން! އެ ހިފައިގެން މާލެ އަންނަނީ ވެސް ބަންގާޅީން! އެ ވިއްކަން މާރުކޭޓުގައި ވެސް ތިބެނީ ބަންގާޅީން! މާރުކޭޓުން އެ ގަނެގެން ފިހާރައިގައި ވެސް ވިއްކަނީ ބަންގާޅީން! އެ ގަންނަން ގޭގެއިން ފޮނުވަނީ ވެސް ބަންގާޅީ މީހެއް!" (ބަންގާޅީ މި ބަސް މި ތާނގައި މި ބޭނުންކުރީ އޭނާގެ ކޮމެންޓްގައި ވެސް އެ ގޮތަށް ބޭނުންކޮށްފައި ހުރީމަ އެވެ.)
ހަގީގަތަކީ އެއީ އެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ކަންކަން މިހާރު ގޯސްވާން ފަށައިފި އެވެ. އެ މީހުންގެ "އުނގު ވިޔަފާރި" މިހާރު މި ވަނީ މާލެ ތެރޭގައި މެކުހަށް ޖަހައިފަ އެވެ. އޭގެ ތެރެއިން މިދެންނެވި ފޮޓޯ ދާދި އިހަކަށް ދުވަހު މީހަކު ޓްވިޓާގައި ހިއްސާކުރުމާ އެކު، އާންމުންގެ ރުޅި ވެސް އޮތީ ކޮންޓްރޯލުން ބޭރުގަ އެވެ.
އެ ފޮޓޯގައި އެ ފެންނަނީ މާލޭގައި ކޮންމެވެސް ފިހާރައަކަށް ވަންނަ ދޮރުކުރިމަތީގައި އޮތް ހުސް ތަންކޮޅެއްގައި ބިދޭސީއަކު ހަރު އަތުރައިގެން ދިވެހި އުފެއްދުންތައް ވިއްކަން އިން މަންޒަރެވެ. ބެލެވޭ ގޮތުގައި އެއީ އެންމެ ދިހަވަރަކަށް އަކަފޫޓު ވެސް ހަމަނުވާ ވަރުގެ ތަންކޮޅެކެވެ. އެ ފޮޓޯ ޓްވިޓާގައި ޝާއިއުކުރަމުން އެކަން ސިފަކޮށްފައި ވަނީ "ކަންމަތީ ފިހާރަ"އިގެ ގޮތުގަ އެވެ.
Kanmathee fihaara... 😆😆@MaleCitymv ah #VarahSalaam@SifaMohammed 🙏 pic.twitter.com/9WJ8xieLgT
— Joey (@JoeyMac64744905) September 11, 2020
އެ ފޮޓޯ ޝާއިއުކުރުމާ އެކު، ވަރަށް ގިނަ މީހުން ވަނީ ރިޓްވީޓްކޮށްފަ އެވެ. ޖުމްލަ ބަހުސަކަށް ވެގެން ދިޔައީ، މިއީ ކުރެވިދާނެ ކަމެއްތޯ އާއި މިވަރުގެ ކަންކަން ހިނގާއިރު ސިޓީ ކައުންސިލާއި ސަރުކާރު ކޮބައިތޯ ކުރި ބަހުސެވެ. އޭގެ ތެރެއިން އެއް ޓްވީޓަކަށް މޭޔަރު ޝިފާ މުހަންމަދު ވަނީ ޖަވާބު ވެސް ދެއްވައިފަ އެވެ.
"ތިރީސް ދުވަހުގެ މުހުލަތެއް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވަނީ ދީފައި ނޫންތޯ މިފަދަ ތަންތަން ގަވައިދަށް އެޅުވުމަށް؟،" ޝިފާ ރިޕްލައިކުރައްވަމުން ވިދާޅުވި އެވެ.
މި ފޮޓޯ އަށް އާންމުން ވަނީ ވަރަށް ގިނަ ސުވާލުކޮށްފަ އެވެ. ބައެއް މީހުންނަށް މައްސަލައަކަށް ވީ އެތަނަށް ހުއްދަ ދީފައިވާ ކަމުގެ ލިޔުމެއް ފެންނަން ހުރުމުންނެވެ. އެކަކު ބުނެފައި ވަނީ ފޮޓޯ އަށް ރަނގަޅަށް ބަލައިލީމަ، ވިޔަފާރި ހުއްދަ ވެސް ފެންނަން ހުރި ކަމަށެވެ. އަދި އެވަރުގެ ތަންތަނަށް ހުއްދަ ދެވެނީ ކޮން އުސޫލަކުންތޯ މީހަކު އެހި އެވެ. އެހެން މީހަކު، "އުޅޭނެހާ ގޮތަކަށް އުޅެވޭ މި ނޫން ގައުމެއް ދުނިޔޭގައި އެބަ އޮތްހޭ"އޭ ކިޔާފައި ސުވާލުކުރި އެވެ.
"މި ވަރުގެ ކަންކަން މާލޭގައި ހިނގައި ދާއިރު، މިކަން ފެންނަ ލޮލެއް ހަމަ ނެތީތޯ؟،" އެހެން މީހަކު އެހި އެވެ. "މިއީ ސަރުކާރެއް ނެތް ގައުމަކީތޯ؟"
ބިދޭސީންގެ ވިޔަފާރިތައް މާލެ ތެރޭގައި އޮތީ މެކުހަށް ޖަހައިފަ އެވެ. މާލެ ތެރޭގައި ރަނގަޅަށް ދުއްވާލީމަ އެ މަންޒަރު ފެނެ އެވެ. މީގެ އަހަރެއް، ދެ އަހަރެއް ވަރު ކުރިން މިކަހަލަ މަންޒަރުތައް މާލޭގައި ވަރަށް ނުފެންނާނެ އެވެ. އެކަމަކު މިހާރު މިކަން އާންމު ވެއްޖެ އެވެ. "ދެ ފޫޓު ދެ ފޫޓު"ގެ ތަންތަންކޮޅުގައި ވެސް، އިށީންނާނެ ގޮނޑިއެއްހާ ހިސާބު ނެތި ވެސް މުދާ ވިއްކަނީ އެވެ. މިކަހަލަ އެތައް ބައިވަރު ތަންތަން މާލެ އަށް އެބަ އުފަންވެ އެވެ. ގިނައިން ވިއްކަން ހުންނަނީ މޭވާ އާއި ތަރުކާރީ އެވެ.
މާލެ ތެރޭގައި ހިންގާ މާރުކޭޓެއް: މުޅިންހެން ބިދޭސީން ތިބޭ ގޮޅިތަކެއް -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މޭވާ އާއި ތަރުކާރީގެ ބާޒާރު މިހާރު ކޮންޓްރޯލް ކުރަނީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނެވެ. ހާއްސަކޮށް ރާއްޖެ އައިސް ތިބި ބިދޭސީ އެތައް ބަޔަކު ކޮވިޑާ ގުޅިގެން އާމްދަނީ ލިބުން ހުއްޓުމާ އެކު އެކިއެކި އެހެން މަސައްކަތްތަކުގެ ތެރެއަށް ވަދެއްޖެ އެވެ. އޭގެ ތެރެއިން އެއްބަޔަކު ގޮތް ހުސްވެ، މަގުމަތީގައި ސަލާން ޖަހަމުުންދާ އިރު އަނެއް ބަޔަކު އެ މީހަކަށް ކުރެވެން އޮތް ކަމެއް، ކުރެވޭނެ ގޮތަކަށް ކުރަން ފެށީ އެވެ. އޭގެ އެއް ނަތީޖާ އަކީ މާލެ ތެރެއިން މި ފެންނަ ކަންމަތީ ކުދިކުދި "ފިހާރަތަކެ"ވެ.
"އެކަމަކު އެއީ އެކަން ކުރެވިގެން ވާނެ ގޮތެއް ނޫން. އަޅުގަނޑުމެން ފިހާރަ މި ހިންގަނީ ސަރުކާރަށް ދައްކަން ޖެހޭ ހުރިހާ އެއްޗެއް ދައްކައިގެން މީރާގައި ޓެކްސް އަށް ރަޖިސްޓްރީކޮށްގެން. އަޅުގަނޑުމެން ގަވައިދުގެ ތެރޭގައި މިކަން ކޮށްކޮށް ތިއްބާ ޖެހިގެން ހުރި ދެ ދޮރު ދޭތެރޭގައި ދެތިން ބަންގާޅީއަކު ވެގެން ތަރުކާރީ ވިއްކަން ފަށައިފާނެ. އެ މީހުން ސަރުކާރަށް ދޭން ޖެހޭ އެއްޗެއް ނެތް،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އެއްވެސް ދިވެއްސަކު އަޑީގައި ނެތި، އަދި ރަޖިސްޓްރީ ވެސް ނުކޮށް ބައެއް ތަންތަން ބަންގްލަދޭޝްގެ މީހުން ހިންގަ އެވެ.
A bangali in each corner in Male' 😂 https://t.co/aLv7BNBnF7
— ᓾᔚᙢᗅᓱᒺ ᔡᗁᕢᘢᖽᐸᗩᖶᖺ (@IsmailShaukath) September 11, 2020
"މިސާލަކަށް މާލޭގެ އެކި ހިސާބުތަކުގައި މިހާރު މާރުކޭޓު އެބަ ހިންގާ. ދިހަ ގޮޅި 12 ގޮޅި ހަދައިގެން އެކި މީހުންނަށް ކުއްޔަށް ދީގެން އެ ތަންތަނުގައި ވިޔަފާރި އެބަ ކުރޭ. ސުވާލަކީ ކިހިނެއް ހެއްޔޭ، ކޮން ގޮތަކަށް ހެއްޔޭ މީރާ އަށް ޓެކްސް ދައްކަނީ؟" ވިޔަފާރިވެރިޔަކު ބުންޏެވެ.
ބިދޭސީން އެގޮތަށް ވިޔަފާރި ކުރުމަކީ ގާނޫނުތަކުން މަނާ ކަމެކެވެ. އަދި ބިދޭސީ ކޭޝިޔަރުންް ބޭތިއްބުމަކީ ވެސް މަނާ ކަމެކެވެ. މަނާ، އަދި އޭގެ ތެރޭގައި ގާނޫނާ ހިލާފު އެތައް ކަމެއް ހިމެނޭ އިރު ވެސް ސަރުކާރުން ބުނަމުން ދަނީ އެކަން ދެނެގަންނާނެ ގޮތެއް ނެތް ކަމަށެވެ!
މި ވާހަކަ ބުނެފިއްޔާ ފަހަރެއްގައި ގަބޫލުކުރަން ވެސް ދަތިވެދާނެ އެވެ! އެކަމަކު މާލޭގައި އެތައް ހާސް ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާއިރު، އެ ތަންތަން ހިންގަނީ ގަވައިދާ އެއްގޮތަށްތޯ ބަލަން އިކޮނޮމިކް މިނިސްޓްރީގައި ހުންނަނީ ހަމަ އެންމެ އިންސްޕެކްޓަރެކެވެ!
"ތެދުތެދަށް ދަންނަވަންޏާ އަޅުގަނޑުމެންނަކަށް ވިޔަފާރިތަކެއް ނުބެލެހެއްޓޭ،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދުވަސްކޮޅެއް ކުރިން "މިހާރަ"ށް ދެެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރިތައް ބަލަހައްޓަން ހުރީ ވަރަށް ގިނަ ޒަމާނީ ގާނޫނުތަކެއް ހަދައިފަ އެވެ. އެކަމަކު އެ ގާނޫނުތައް ތަންފީޒު ކުރުމުގެ ކެޕޭސިޓީ މިނިސްޓްރީގައި ނެތް ކަމަށް އޭނާ އެއްބަސްވެވަޑައިގަންނަވަ އެވެ.
"ކެޕޭސިޓީ އިތުރު ކުރާ ވަރަކަށް ދައުލަތުގެ ހަރަދު ވެސް ބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އަޅުގަނޑުމެންނަށް އިތުރު އިންސްޕެކްޓަރެއް ދެއްވަން ބަޖެޓް ހަމަޖައްސަވައިދެއްވައިފައި. އެހެންވީމަ ވިޔަފާރިތައް ބެލެހެއްޓުމުގެ ކެޕޭސިޓީ އިތުރުކޮށް ގަވައިދާހިލާފު ވިޔަފާރިތައް ހުއްޓުވުމަށް އަޅުގަނޑުމެންގެ ޕްލޭންތައް އެބަހުރި."
ސީދާ މައްސަލަ އަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ވިދާޅުވި ގޮތުގައި ބިދޭސީން ހިންގާ ގަވައިދާ ހިލާފު ވިޔަފާރިއަކީ ކޮބައިކަން ދެނެގަތުން ވެސް ސަރުކާރަށް އޮތީ ބޮޑު ކަމަކަށް ވެފަ އެވެ.
ސްޕީޑް ބޯޓުން ގެނައި ހުރިހާ ދޮންކެޔޮ މާރުކޭޓް ގެ ދިވެހި ވިޔަފާރިވެރިން ގަންނަން ލިބޭނެ ކަމުގެ އުންމީދުގަ ތިއްބާ ބިދޭސީ. ބޭފުޅަކު ގަވައިދާ ޚިލާފައް އެބޯޓައް އަރާ ހުރިހާ ކޭލެއް ކިރާނިންމާލާފަ ޕިކަޕައް އަރުވައިގެން ގެންދަނީ @PoliceMv @faya_i @SifaMohammed pic.twitter.com/ZKBPaAnfOe
— RanReendhooMv 🎈 (@RanReendhoonew) September 1, 2020
"މިސާލަކަށް ދަނޑުވެރިކަން ކުރަނީޔޯ ގަވައިދާ ހިލާފަށް ބިދޭސީންތަކެއް. ނުވަތަ ފިހާރައެއް ހިންގަނީޔޯ. އެ ފިހާރަ ހިންގަނީ ވެސް، ހަރަދުކުރަނީ ވެސް ބިދޭސީންކަން އެންމެންނަށް ވެސް އެނގޭ. އެކަމަކު އެ މީހުން އެކަން އެ ކުރަނީ ދިވެއްސެއްގެ ނަމުގައި. ދެން ސަރުކާރަށް ކިހިނެއްތޯ ކަނޑައަޅާނީ އެއީ ގަވައިދާހިލާފު ވިޔަފާރިއެއް ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެކަން ދެނެގަނެވޭނެ ގޮތްތަކެއް ހޯދުމަކީ ވެސް ސަރުކާރުގެ ޒިންމާއެކެވެ؛ އާންމުން ތުހުތުމަތު ކުރާ ގޮތަށް އެއްވެސް ގައުމެއްގައި، އެ ގައުމެއްގެ ގާނޫނުތައް ނުހިނގާ ބަޔަކު އުޅުމަށް ފުރުސަތު ދެވިގެން ނުވާނެ އެވެ.
މަޑުމަޑުން މަޑުުމަޑުން، ކަންކަން މަތީގައި ތަންތަން ހަދައިގެން ބިދޭސީން ވިޔަފާރިކުރަން އަދިކިރިޔާ މި ފެށީ އެވެ. މިއީ ނުރައްކާތެރި ފެށުމެއް ކަމަށް ބަލަމާ ހިނގާށެވެ! މީގެ ކުރިން ބިދޭސީން ބޮޑެތި ވިޔަފާރިތަކުގެ ތެރެއަށް ވަންނަ ވާހަކަ ވެސް ދެކެވި އަޅާނުލައި ތިއްބާ އެ މީހުން މިހާރު ބޮޑެތި މަހުޖަނުންނަށް ވެ ނިމިއްޖެ އެވެ. ފިޔަވަޅު ނާޅާ ތިބެއްޖެ ނަމަ ދެން ފެންނާނީ ކަންކަން މަތީގައި ދެ ފޫޓު ހަމަނުވާ ތަންކޮޅުގައި އިން މީހާ ދުވަސްކޮޅަކުން މުޅި ހިސާބުގެ ވިޔަފާރި މުށުތެރެއަށް ލާ ތަނެވެ.
މަތީގައި އެ އިން ފޮޓޯ އަށް އަދިވެސް އެއްފަަރު ބަލާލަމާ ހިނގާށެވެ! އެއީ ހަމަ އެކަން ވާންވީ ގޮތް ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
16 September 2020
ތަން ހިންގާފައި ލިބޭ ފައިދާއިން 3،000 ރުފިޔާ ދޭގޮތަށް ވެސް މީހުން ދިވެހިން ވިޔަފާރި ހުއްދަ އެބަ ނަގައިދޭ. އަމިއްލައަށް ބޯ ބޮނޑި މީ. ރަށްރަށުގައި މަހަކު 500 ރުފިޔާއަށް ކާންދީ ނިދަންދޭ ބަންގާލުންނަށް.
ނައިބު ތުއްުތު
16 September 2020
ގައުމެއް ނެތް ފިރިމީހާ ތަންތަނަށް ދިޔާމަވެސް ހުސްތަން ފުރަން ބަންގާޅިން ގެނަނާނެ .... ބަންގާޅި މިބަހަކީ ހަޑިބަހެއް ނޫން .... ޖަލުގައި ތިބޭ ކޮންމެ މީހަކީ ގައިދީއެއް އެއީ ކުރީގެ ރައީސެއް ކަމުގައި ވިޔަސް އެހެންވީމާ ބިދޭސީންނަށް ވާނީ ގައުމުގައި ހުއްދަލިބިގެން އުޅޭމީހުން .... ބަންގާޅިން ނަށް ކިޔާނެ ރީތި ނަމެއް ހޯދުމަށް އިއުލާން ކުރަންވީ އަދި ރައީސް ގެ ހާއްސަ އިނާމް ވެސް ދޭންވީ ...
ބަނގުލާދިވްސް
16 September 2020
ބައެއް ދިވެހިންގެވެސް އަމިއްލަ އެދުމާހުރެ މިހާ ހިސާބަށް ކަންތައްދަނީ. އަމިއްލަ ނަމުގަ ތަންތަން ރަޖިސްޓަރީކުރުމަށްފަހު ބިދޭސީންނަށް ދީގެން އަމިއްލަ ޖީބު ފުރަމުންދާއިރު މިކަމުގެ ސަބަބުން ނުކުންނަމުންދާ މައްސަލަތަކާމެދު ވިސްނާލުމެއް ނެތް. ތިމާގެ ޖީބުފުރެނިކޮށް ހުރިހާ ކަމެއް ނިމުނީ. ބިދޭސީންގެ ބާރު މުޅި ގައުމުގައި ގަދަކޮށްފައިވާ މިންވަރު މިކަމުން ވަރަށް ސާފުކޮށް އެނގޭ. ކަތިވަޅި ގެއްލި މަރިޔަނބާއި ފުރޯ ނުގެއްލެނީސް އަވަހަށް ދިވެހިން ހޭލާ.
ސޮބުރީ
15 September 2020
ތިޔައިން ކޮންމެ ވިޔަފާރިއަކީ އޭގެން ކޮންމެވެސް ދިވެއްސަކަށް ހަމަ ނަފާލިބޭނެ ކަމެއް.. ދަނޑު މިނަގަނީ ކުއްޔަށް ދިވެއްސެއް އަތުން ފިހާރަ މިނަގަނީ ކޮންމެވެސް ދިވެއްސެއް އަތުން .. ދިވެހިންގޮސް ފަކީރާޖަހާ ދަނޑުވެރިކަންކުރަނީ ވަރަށް މަދުބައެއް އެހެން އެންމެން ފަސޭހައިން ކަންކުރަން ދެނީ ކޮންމެވެސް ބޭރު ބަޔަކަށް.. ތިކަން ނުކޮށްފިނަމަ ދެންޖެހޭނީ ޑޮލަރު ހޯދައިގެން ތިވެސް އިމްޕޯރޓުކުރާން
ދޮންމަނިކެ
15 September 2020
ތިޔަ ފޮޓޯއިން ތިޔަފެންނަނީ އަހަރެމެން ބިކާރިވެފަ ތިބިވަރު އަޅާލާނެ އާރެއް ޔާރެއްނެތިފަ ތިބިވަރު
ފޮޓޯ
16 September 2020
އެ ފޮޓޯއިން ފެންނަނީ އަޅާލާނެ އާރެއް ޔާރެއްނެތިފަ ތިބިވަރެއްނޫން. އެފެންނަނީ ދިވެހިންގެ ކަންނެތްކަން، ވިޔާނުދާކަން
ކޮމެންޓޭ1
15 September 2020
ސޭޓުންނާއި ކޭޝިއަރުންނަށް ބިދޭސީން ތިބޭ ތަންތަން ފުރުޞަތެއް ނުދީ ހުއްދަ ބާތިލު ކޮށް ބަންދު ކުރަންވީއެވެ. މިއީ ސިޓީ ކައުންސިލާ މާބޮޑު މަސައްކަތެއް ނެތް ސިފައިން ނެރެގެންވެސް ކުރެވެން ހުރި ކަންކަމެވެ. ސޭޓުންނާއި ކޭޝިއަރުންނަށްދެވޭނެ އެންމެ ކުޑަ މުސާރަ އާއި މަސައްކަތް ކުރުވޭނެ ގަޑި ކަނޑަ އަޅަންވީއެވެ. މުސާރަ ނުދެވޭ ވިޔަފާރިތައް އުވިގެން ދާނެއެވެ. އެކަމު ދިވެހިންނަށް ވަޒީފާލިބޭނެއެވެ. ފަހަތު ފަޔަށް ސަރުކާރު ބަރުވެގެން ތިއްބަސް ނުވާނެ
އަހުމަދު އިސްމާއިލް
15 September 2020
ބޭފުޅުން ދޯ ބަނގާލީން ނެއް ނޫން
ހަސަނު
15 September 2020
"މަތީގައި އެ އިން ފޮޓޯ އަށް އަދިވެސް އެއްފަަރު ބަލާލަމާ ހިނގާށެވެ! އެއީ ހަމަ އެކަން ވާންވީ ގޮތް ހެއްޔެވެ؟" އާއެކޭ، އެ ފޮޓޯ ހަމަ ބަރާބަރެވެ. މައްސަލައަކީ ފޮޓޯއިން ފެންނަ އިން މީހާ އެވެ. އުމުރުން 60 އިން މަތީގެ ދިވެހި މާމަ އަކު އެފޮޓޯ އިން ފެންނަ ނަމަ، މިއަށް ވުރެ ވަކި ރީތި ފޮޓޯ އެއް ފެންނާނެ ހެއްޔެވެ؟
ރަންދެލި
15 September 2020
މި ހުރިހާ ކަމަކީ ވެސް ހަމަ އަހަރުމެން ދިވެހިންގެ ސަބަބުން ދިމާވި ކަންކަމެވެ. ދައްތަ އޮތްތާކަށް ގޮސް ފައިމޮޑެން ބުނީ ވެސް ހަމަ އަހަރުމެންނެވެ. ފިހާރައިގެ ދިވެހި ވެރިމީހާ އެންމެފަހުން މަހު ކުލި ލިބޭ މީހަކަށް ބަދަލުވީ ވެސް ހަމަ އަހަރުމެން އެކަން އެހެން ކުރީމައެވެ. މިހާރު މިއޮތީ ރަނގަޅަށް އެވެރިންގެ އަތްދަށުވެފައެވެ. މިހާރު އޭގެ ގިނަ ގްރޫޕުތަކުގެ ބެލެނިވެރިކަން ކުރަނީ ޔުނީފޯމު އެޅި ކޮންމެވެސް ޚިދުމަތެއް ބޭބޭފުޅުންނެވެ. ވެލްކަމް ޓު (މަ)ންގްލަދޭޝް...
އުދުހޭ ކޮކާ
15 September 2020
ކަމެއް ނެތިގެން ތިޔަ މިނިސްޓްރީގަ އުޅޭ ސިޔާސީ ބައިގަނޑު އިންސްޕެކްޓަރުންނަށް ލާބަލަ. އެގޮތަށް އުޅޭ އެތައް ބަޔެއް އެބައުޅޭ!