ބާޒާރުން ފިޔާ ބަސްތާ ވިއްކުން ހުއްޓާލައިފި

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރުމާ އެކު ބާޒާރުން ފިޔާ ބަސްތާ ވިއްކުން ހުއްޓާލައިފި އެވެ.


ބާޒާރުގައި ފިޔާ ވިއްކާ ހުރިހާ ފިހާރައަކުންހެން ވެސް ބުނީ ބަސްތާ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެހެންކަމުން މިހާރު ފިޔާ ވިއްކަނީ ހަމައެކަނި ކިލޯ ވަކިން ކަމަށެވެ. ނަމަވެސް ބާޒާރުގެ އެއް ފިހާރައަކުން މިހާރު ވެސް ފިޔާ ބަސްތާ ވިއްކަ އެވެ. އެ ފިހާރައިން ވެސް ވަނީ ބަސްތާއެއްގެ އަގު ބޮޑުކޮށްފަ އެވެ.

މިއަދު ހެނދުނާ ހަމައަށް ބާޒާރުގައި ފިޔާ ބަސްތާއެއް ލިބެން ހުރީ 350ރ. އަށެވެ. ނަމަވެސް މެންދުރުން ފެށިގެން ބަސްތާއެއް ލިބެން ހުރީ 400ރ. އިން މަތީގަ އެވެ. މި އަދަދު މި ހަފްތާގެ ތެރޭގައި އުފުލޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

ބާޒާރުގައި ތަރުކާރީ އާއި މޭވާ ވިއްކާ މީހަކު "މިހާރު" އަށް ބުނީ ހުރިހާ ފިހާރައެއްގައި ވެސް ފިޔާ ބަސްތާ އެބަހުރި ކަމަށެވެ. ނަމަވެސް ބަސްތާ ވިއްކުން ހުއްޓާލީ އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރުމުން ފިޔާ ލިބުމުގައި ދަތިވެދާނެތީ ކަމަށް އޭނާ ބުންޏެވެ.

"އެންމެން ވެސް އެ ތިބީ މިހާރު ހުރި ސްޓޮކް ފޮރުވައިގެން. އެންމެން ވެސް ބޭނުން ވަނީ މިހާރު ހުރި ސްޓޮކުން ވަކިން ކިލޯކިލޯ އިން ވިއްކަން،" ނަން ހާމަ ނުކުރުމަަށް އެދި ވިޔަފާރިވެރިއަކު ބުންޏެވެ.

ބާޒާރުގައި މިއަދު ފިޔާ ކިލޯއެއްގެ އަގު ހުރީ 18ރ-20ރ. އާ ދެމެދުގަ އެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މި އަގުތަކަށް ވެސް ބަދަލު އައުން އެކަށީގެންވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލި ނަމަވެސް ރާއްޖެއާ އެ ގައުމާ ދެމެދު ހަދާފައިވާ ހާއްސަ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ފިޔާ ލިބޭނެ އެވެ. މިކަން ފޮރިން މިނިސްޓްރީން ވެސް ވަނިީ ކަށަވަރުކޮށްދީފަ އެވެ.