ޝިޕިން އޭޖެންސީތައް ރަޖިސްޓްރީ ކުރަން ހެދި ގަވާއިދު އުވާލައިފި

ރާއްޖޭގައި ހިދުމަތް ދޭ ޝިޕިން އޭޖެންސީތައް ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓްރީ ކުރާގޮތަށް އެކުލަަވައިލި ގަވާއިދު އެ އޮތޯރިޓީން އިއްޔެ އުވާލައިފި އެވެ.


މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކުރި "ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދަކީ" އެކި ނަންނަމުގައި އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލު ކުރުމަށް ހެދި ގަވާއިދެއް ކަމަށް މީގެ ކުރިން އެ އޮތޯރިޓިން ވަނީ ބުނެފަ އެވެ.

އެ ގަވާއިދުގެ ދަށުން ހުރިހާ އެޖެންސީތައް ވެސް އެ އޮތޯރިޓީގައި ރަޖިސްޓަރީވާން ޖެހެ އެވެ. އަދި ރާއްޖޭގައި ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރަކު، ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އެޖެންޓު ނުވަތަ ފްރައިޓް ފޯވާޑަރާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިން ނަގަމުން އައި އިތުރު އެއްވެސް ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ގަވައިދާ ހިލާފުވާ ފަރާތްތައް 10،000ރ. އިން ޖޫރިމަނާކުރާނެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މި ގަވާއިދު އެކުލަވައިި ފަހުން ދެ ފަހަރަކު ވަނީ ރަޖިސްޓްރީވާން ޖެހޭ މުއްދަތު އިތުރުކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި 112 ކުންފުންޏަކުން ރަޖިސްޓްރީވާން ފޯމު ހުށަހެޅި ކަމަށް އެ މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ބުނެފަ އެވެ.