ރ. ވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އާދީއްތަ ދުވަހު ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން، 1،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލާފައިވާ ކަމަށެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މި މަޝްރޫއަށް 5.99 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްގީގެ 47 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ރ. އަތޮޅުގެ ހަތަރު މަޝްރޫއެއް ވެސް ހިމެނެ އެވެ.