22 ސެޕްޓެމްބަރ 2020 - 07:30
އިނގިރޭސިވިލާތުގެ ކުންފުންޏެއްގެ ވެރިއަކު އެ ކުންފުނީގެ ބޯޑުން ރިޓަޔާކުރައްވާތީ މުވައްޒަފުންނަށް ހަދިޔާއެއްގެ ގޮތުގައި 10 މިލިއަން ޕައުންޑްގެ ބޯނަހެއް ދީފި އެވެ.
މީޑިއާތަކުން ބުނީ ކާޑިފްގައި "އެޑްމިރަލް" ގެ ނަމުގައި މޮޓޯ އިންޝުއަރެންސް ކުންފުންޏެއް ހިންގާ ޑޭވިޑް ސްޓީވެންސް ކުންފުނީ ޗީފް އެކްޒެކެޓިވްގެ މަގާމުން ރިޓަޔާކުރާތީ އޭނާ އާއި އަންހެނުން ހީތާ ސްޓީވެންސްގެ ނަމުގައި 10 މިލިއަން ޕައުންޑް (12 މިލިއަން ޑޮލަރު) ގެ ބޯނަހެއް ދޭން ނިންމީ ކުންފުނީގައި މަސައްކަތްކުރާ 10،500 މުވައްޒަފުންނަށް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ސައުތު ވޭލްސްގައި މަސައްކަތްކުރާ 7،500 މުވައްޒަފުންނާއި ގައުމުން ބޭރުގައި މަސައްކަތްކުރާ 3،000 މުވައްޒަފުންނެވެ.
ދިހަ މިލިއަން ޕައުންޑްގެ ބޯނަސް މުވައްޒަފުންގެ މެދުގައި ބަހަން ނިންމީ ދާއިމީ މުވައްޒަފުންނަށް 1،000 ޕައުންޑް އަދި ވަގުތީ މުވައްޒަފުންނަށް 500 ޕައުންޑް ލިބޭ ގޮތަށެވެ.
މީގެ 29 އަހަރު ކުރިން 1991 ގައި އުފެއްދި "އެޑްމިރަލް" ގެ މަސައްކަތްތަކުން ރިޓަޔާކުރަން ނިންމި ޑޭވިޑް ބުނީ ކުންފުނީގެ ހުރިހާ ވެސް ކާމިޔާބީއަކާ ފަހުރަކީ މުވައްޒަފުން ކަމަށެވެ.
"އެހެންވެ އެ މީހުންނަށް ޝުކުރު އަދާކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށްވާތީ ބޯނަހެއް ދޭން ނިންމީ. އެގާރަހާހެއްހާ މުވައްޒަފުންގެ މަސައްކަތުން ހަގީގަތުގައި އެޑްމިރަލް އަށް މި ހިސާބަށް އާދެވުނީ. މުވައްޒަފުންގެ ބުރަ ނަސައްކަތުގެ އަގު އަބަދު ވެސް ވަޒަންކުރަން،" އޭނާ ވިދާޅުވި އެވެ.
ކާރު އިންޝުއަރެންސް ކުންފުންޏެއްގެ ގޮތުގައި ހިންގާ އެޑްމިރަލް ވުޖޫދަށް އައީ އެންމެ 75 މުވައްޒަަފުންނާ އެކީގަ އެވެ. އެކަމަކު ވިޔަފާރި ފުޅާވެ، ގޮފިތައް ހުރި ގައުމަކުގެ ތެރޭގައި ސްޕެއިނާއި އިޓަލީ އާއި ފްރާންސާއި އެމެރިކާ އާއި ކެނެޑާ އަދި އިންޑިއާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy