އައިއޯއެސް 14: އޮރެންޖް އަދި ފެހި ތިއްކެއް އިންނަނީ ކީއްވެ؟

އެޕަލް އިން އެންމެ ފަހުން ނެރުނު އައިއޯއެސް 14 އަށް އަޕްޑޭޓް ކުރި ފަހުން ފޯނުގެ ޑިސްޕްލޭގެ މަތިން އޮރެންޖް ކުލަ އާއި ފެހި ކުލައިގެ ކުޑަ ތިއްކެއް ފެނޭ ދޯ އެވެ.


މިއީ ކީއްވެގެން ފެންނަ ދެ ތިއްކެއްކަން ނޭނގިގެން ބައެއް މީހުން އެ ވާހަކަ އެބަ ދައްކަ އެވެ. ހާސްނުވާށެވެ. ދެ ކުލައިގެ ތިކިން ވެސް ކަށަވަރުކޮށް ދެނީ ފޯނުގެ ރައްކާތެރިކަމެވެ.

އޮރެންޖް ތިކި ފެންނަން އިން ނަމަ އޭގެ މާނަ އަކީ މައިކްރޮފޯނު ބޭނުންކުރެވެނީ އެވެ. އެހެންވެ ފޯނު ބޭނުން ނުކުރާ ވަގުތެއްގައި ވެސް އޮރެންޖް ތިކި ފެންނަ ނަމަ އެކަމަށް ސަމާލުވާށެވެ. އޭގެ މާނަ އަކީ މައިކްރޮފޯނު ކޮންމެވެސް އެޕެއްގެ ސަބަބުން މަސައްކަތް ކުރަނީ އެވެ. މިކަން ފާހަގަކުރެވޭ ނަމަ އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ޒާމީ މައުލޫމާތުތަކެއް ވެސް ބޭރުވެދާނެ އެވެ.

ފެހި ކުލައިގެ ތިކި ސްކްރީންގެ މަތިން ފެންނަ ނަމަ އޭގެ މާނަ އަކީ ފޯނުގެ ކުރިމަތީ ކެމެރާ މަސައްކަތްކުރަނީ އެވެ. އަދި ފޯނު ބޭނުން ނުކުރާ ވަގުތެއްގައި ވެސް ފެހި ތިކި އަރާފައި އިންނަ ނަމަ އޭގެ މާނަ އަކީ ކޮންމެވެސް އެޕަކުން ކެމެރާ މަސައްކަތްކުރުވަނީ އެވެ.

މިއިން ނިޝާނެއް ފެންނަން ނުޖެހޭ ވަގުތެއްގައި ފެނިއްޖެ ނަމަ ރަނގަޅަށް ބަލައި ރައްކާތެރިކަން ހޯދާށެވެ.