ކަނޑުއޮތްގިރީގައި އަލުން މަސް ބަންދު ކުރަން ފަށަނީ

ކ. ކަނޑިއޮތްގިރީގައި އަލުން މަސް ބަންދު ކުރުމުގެ ހިދުމަތް ދޭން މިފްކޯއިން ނިންމައިފި އެވެ.


މިފްކޯއިން މީގެ ކުރިން ކަނޑުއޮތްގޮރި ބޭނުން ކުރަމުން އައީ މަސް ކިރުވައި މަސް ބަންދުކުރާ "ފިޝް ވިލެޖު"ގެ ގޮތުގަ އެވެ. ނަމަވެސް ދިމާވި މައްސަލަތަކަކާ ގުޅިގެން އެ ހިދުމަތްތައް މެދުކަނޑާލާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

މިފްކޯ އިން ބުނީ މަސް ބަންދުކޮށްދިނުމުގެ ހިދުމަތް އަލުން ދޭން ނިންމީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑު ކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައް ވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރުކުރަން ކަމަށެވެ. މީގެ ސަބަބުން އެކްސްޕޯޓު ކުރުމުގައި އާއްމުންގެ ހިއްސާ ބޮޑުވާނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ. އެއީ، ސަރުކާރުގެ މަސް ކުންފުނިން ބުނި ގޮތުގައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު ވެސް އިތުރުކުރަން ލިބޭނެ ފުރުސަތެކެވެ.

މިފްކޯއިން ވަނީ ކަނޑުއޮތްގިރީގައި ބޮޑު ކަންނެއްޔާއި ފަރުމަސް ބަންދުކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން މިފްކޯގެ ވެބްސައިޓު https://mifco.com.mv/download މެދުވެރިކޮށް ފޯމު ޑައުންލޯޑު ކުރެވޭނެ އެވެ.

ކަނޑުއޮތްގިރީގެ ވަސީލަތްތައް ހުރި މިންވަރުން ފޯމު ހުށަހަޅާ މީހުންނަށް މަސް ބަންދުކުރުމުގެ ފުރުސަތު ދޭނެ ކަމަށް މިފްކޯއިން ބުންޏެވެ.