ހަނިމާދޫ ގެސްޓުހައުސްއެއް-- ފޮޓޯ: ދި އެޑިޝަން
27 ސެޕްޓެމްބަރ 2020 - 18:23
ރަށުގެ ހުރިހާ އެންމެން ރަށު ބަންދުވާގޮތަށް ގެސްޓް ހައުސްތައް ނުހިންގޭނެ ކަމަށް ގެސްޓް ހައުސް ވިޔަފާރިވެރިން ބުނަން ފަށައިފި އެވެ.
ގެސްޓް ހައުސް ވިޔަފާރިވެރިން މިހެން ބުނީ ގެސްޓް ހައުސްތައް އޮޕަރޭޓު ކުރާ ރަށްތަކުގެ މީހުން އެހެން ރަށްރަށަށް ގޮސް ކަރަންޓީން ވާން ޖެހޭނެ ކަމަށްބުނެ އެޗްޕީއޭ އިން ރޭ ނެރުނު އުސޫލާ ގުޅިގެންނެވެ.
ދަރަންވަންދޫގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރާ މީހަކު "މިހާރު" އަށް ބުނީ އެ ރަށުގެ ރައްޔިތުންނަކީ ޒަރޫރީ ބޭނުމަށް އެ އަތޮޅުގެ އެހެން ރަށްރަށަށް ދާ ބަޔަކަށްވުމުން އާ އުސޫލާ އެއްގޮތަށް ގެސްޓް ހައުސް ނުހިންގޭނެ ކަމަށެެވެ. އަދި މީގެ ސަބަބުން ގެސްޓް ހައުސްތަކުގެ ބުކިން ކެންސަލްވެ ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް އޭނާ ބުންޏެވެ.
"ދަރަވަންދޫ މީހުން ޑޮކްޓަރަށް ދައްކަން އަދި ވިޔަފާރި ކުރަން ދާން މި ޖެހެނީ ކައިރި ރަށްރަށަށް. މިހާރު އޮތް ގޮތުން ގެސްޓެއް އަންނައިރަށް އެންމެން ލޮކްޑައުން މިވަނީ. އެހެންވާކަށް ރައްޔިތުން ވެސް ގެސްޓް ހައުސް ހުޅުވަން ހުއްދައެއް ނުދޭނެ،" ނަން ހާމަ ނުކުރުމަށް އެދި ގެސްޓް ހައުސްގެ ވެރިމީހަކު ބުންޏެވެ.
"ސަރުކާރުން މިކަހަލަ އުސޫލެއް ކަނޑައެޅުމުގެ ކުރިން ވަރަށް ވިސްނަން ޖެހޭނެ. މިހާރު ގެސްޓް ހައުސް ހުޅުވަން ކުޑަ ދުވަސް ކޮޅަކަށްވެފައި އޮއްވާ މިހެން ހެދީމަ އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑަށް ގެއްލުންވާނެ. ބުކިން ނަގާފއި ގެސްޓް ހައުސްތައް ނުހުޅުވޭނަމަ ޓޫރިސްޓުންނަށް ވެސް ކިހާ ދަތިވާނެ."
އަތޮޅުތަކުގެ ގެސްޓް ހައުސްތައް ހުޅުވަން ސަރުކާރުން ނިންމާފައި ވަނީ އަންނަ މަހުގެ 15ގަ އެވެ. ގިނަ ގެސްޓް ހައުސްތަކުން އަންނަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ބުކިންތައް މިހާރުން ފެށިގެން ނަގަމުންނެވެ. ނަމަވެސް އެޗްޕީއޭގެ އުސޫލު ބަދަލު ނުކޮށްފި ނަމަ ގެސްޓް ހައުސްތައް ނުހުޅުވޭނެ ކަމަށް އެ ދާއިރާގެ ގިނަ ވިޔަފާރިވެރިން ގަބޫލު ކުރެ އެވެ.
ކ. މާފުށީގައި ހިންގާ ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު ވިދާޅުވިގޮތުގައި އާ އުސޫލުގެ ދަށުން ގެސްޓް ހައުސްތައް އޮޕަރޭޓު ކުރެވެން އޮތީ ބޭސް ފަރުވާއަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތް ހަދައިގެންނެވެ. މިއީ މިހާރު ވެސް ދެމުން އަންނަ ހާއްސަ ހުއްދައެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމުގައި ދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެެ.
"މާލެއިން އެކި ކަންކަމުގައި އެބަ އާދެވޭ މާފުއްޓަށް ހާއްސަ ހުއްދައަކާ އެކު. އެ ހުއްދަ ކީއްވެގެންތޯ ނުދެވެންވީ ބޭސްފަރުވާއަށް ދާ މީހުންނަށް. ރައްޔިތުން ބަންދުވެތިބެ ގެސްޓް ހައުސް ހިންގޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ގެސްޓް ހައުސް ވިޔަފާރި ކުރާ އެހެން މީހަކު ބުނީ އެޗްޕީއޭގެ އާ އުސޫލު އުވާލައި، އައިސޮލޭޓްކޮށް ހުރި ގެސްޓް ހައުސްތައް ހިންގުމުގެ ހުއްދަ ދިނުމަކީ ވެސް އޮތް ހައްލެއް ކަމަށެވެ. އަދި ޓޫރިސްޓުން އަމަލު ކުރަން ޖެހޭ ހާއްސަ ގައިޑްލައިނެއް ތައްޔާރުކޮށް އާއްމުންނާ ޓޫރިސްޓުން ބައްދަލު ނުކުރެވޭ ގޮތް ހެދުން ވެސް ރަނގަޅުވާނެ ކަމަށް އޭނާ ބުންޏެވެ.
"އާއްމުކޮށް ގިނަ ގެސްޓް ހައުސްތައް ހުންނާނީ އައިސޮލޭޓުކޮށް ވަކިން، އެހެންވީމާ އެކަހަލަ ތަންތަނަށް ހުއްދަ ދޭންވީނޫންތޯ. ގެސްޓުން އައިސް އުޅޭ އިރު މާސްކު އަޅައިގެން ބޭރަށް ދާން ޖެހޭ ގޮތް ވެސް ހެދިދާނެ. އެއީ އެހެން ގައުމުތަކުން ވެސް ކަންތައް ކުރަމުން އަންނަ ގޮތް،" ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދެއްވި ގެސްޓް ހައުސް ވިޔަފާރިއަކު ބުންޏެވެ.
ގެސްޓް ހައުސްތައް ހުޅުވާލަން ސަރުކާރުން ނެރެފައިވާ ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ރަށްރަށަށް ދާ ޓޫރިސްޓުންނަށް މާސްކު ނާޅައި ރަށުތެރޭގައި އުޅެވޭނެ އެވެ. އަދި ރަށުގެ ހުރިހާ ހިސާބެއްގައި ވެސް ޓޫރިސްޓުންނަށް އުޅެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިކު
29 September 2020
ގެސްޱުހައުސް ބަންދު ކޮއްލަ
އެސް
29 September 2020
ރަސްމީކޮށް ކޮވިޑް ، މުޅި ރާއްޖެއަށް ފަތުރާލުމުގެ މަޝްރޫޢު ތި ފަށަނީ ، ފުރަތަމަ ރިޒޯޓުތައް ރަގަޅަށް އޮޕަރޭޓްކުރެވޭތޯ ބަލަންވީނު ، ހައެއްކަ ގެސްޓުހައުސްގެ ވެރިންގެ ފައިދާއަށް ރައްޔިތުން ނުރައްކަލަށް ތި ހުށައަޅަނީ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
28 September 2020
އަންތަރީސް : ގޯތިމީހުންގެ 2 ގެ ހަދާފަ ހުރީތީ އެއްގެ ގެސްޓް ހައުސްއަކަށް ހެދި މީހާއަށް އޯކޭ ކަން ކަން މިލިއަން މިލިއަނުން އިންވެސްޓް ކުރި ގެސްޓްހައުސް މީހާ އަށް މާލީ ގެއްލުން ތަހައްމަލް ނުކުރެވޭނެ. ކައުންސިލް ތަކުން ބުނަންވީނުންތޯ ތިބާގެ ރަށު ގެސްޓުންނާ ރައްޔިތުންނާ 100 ފޫޓަށްވެސް ކާރި ވިޔަކަނުދޭނަމޭ. ގެސްޓް ޒޯން ތިބާ ރަށުަގއި ބޯޑަރ ކޮންޓްރޯލް ކުރާނަމޭ. ރައީސް ތާރީޚް އެށް ދެއްވީމާ ވިސްނުން ތަރުތީބު ވާންޖެހޭނީ ރިސްކް މެނޭކޮށްފައި ކަން ކުރަން.
ގުޑާކުބޭ
28 September 2020
ދިވެހި މީހާ ރަށައްގޮސް 14 ދުވަސް ކަރަންޓީނު ، ގެސްޓު މީހާރަށައްގޮސް ކަރަންޓީނު ވާކަށް ނުޖެހޭ ރަށުގަކޮއްމެތާކުއުޅެވޭ ކޮބާރަށުމީހާގެހައްގު؟
އިބިރިހިންބެއްޔާ
28 September 2020
މިއޮތީ އެއްކަލަތާ ޖެހިފަ. ހަމަ ކޮންމެ ރަށެއްގައި ގެސްޓްހައުސް ވިޔަފާރިކުރަން އުޅުމުގެ ނަތީޖާ. އެހެންވެ ދަންނަކަލަކު އޭރުވެސް ބުނީ ގެސްޓްހައުސް ހެދުމުގެ ހުއްދަލިބުމަށް ވަކިޝަރުޠުތަކެއް އޮތުން ރަގަޅުކަމަށް.
ހޮޓްކިންގ
28 September 2020
ގެސްޓުހައުސް ހުޅުވަން ތި ދިން ހުއްދައަކީ އަމާބުނީތީ ފަރަށް ދާގޮތަށް ކުރި ކަމެއް. ރިސޯޓުގައި އުޅޭ މުވައްޒަފުން ރަށަށް ދާއިރު ކަރަންޓީންވާގޮތަށް ހެދުމާ މީހުން ދިރިއުޅޭ ރަށެއްގައި އެއުސޫލު ހިންގުމަކީ އުޑާބިމާހާ ތަފާތު ކަމެއް. ނަމެއްގައި ގެސްޓުހައުސް ހުޅުވަން ތިދިނީ ހުއްދައެއް. އެހެޔޮ އެކަން ކުރެވޭނެ ގޮތެއް ނެތަސް. ގެއްލުން ވާނެހާ ގޮތްގޮތަށް ކަންކަން އަދިވެސް ކުރަނީ.
ސަލީމު އިދުރީސް
28 September 2020
މިޑުލް އޭޖުގެ ވިސްނުންހުންނަ މީހުނައް ބާރުތަކެއް ލިބުނީމަ ގައުމުގެ އިގުތިސޯދު ފުނަސްނޭގޭނެ! ވަކިބައެއްގެ ސަބަބުން ބަލިޖެރޭނެ ކަމައް ވިސްއިގެން ކިހެނެއް ޓުރިޒަމް ހިންގަނީ! ޖަރުމަންވިލާތު މަދަގައުތަކުގަ ހޯޓާތަކާ ރެސްޓޯރެތަކާ ފާކުތަން ހިންގާ އުސޫތައް ބަލައިގެން ރައްޔިތުން ބިރުކަނޑުވައިގެން ގައުގެ އިގުތިސޯދު ކޮޅައް ޖެހޭބަލާބަލަ! ރަށަކުން ބަލިމީހަކު ފެންނައިރައް އެރައްބަންދުކުމަކީ ގައުމަކުން ބަލިމީހެއް ފެނުނީމައެގައުމު އެއްކޮއް ބަންދުކުރުން ފަދަކަމެއް
ހިޔާލް
28 September 2020
ގެސްޓުހައުސް ތަައް ހުޅުވާރަށްރަށުގެ މީހުން ކަރަންޓީން ވާން ޖެހޭކަމަށް ވަންޔާ އެރަށްތަކުގެ މީހުން މާލެ ގޮސް އެރަށައް އެބުރި ދިއުމުން ކަރަންޓީން ވާކައް ނުގެހޭނެނު ދޯ ؟
ރައްޔިތުމީހާ.
28 September 2020
ދަރަވަންދޫ މީހުން ވަރަށް ކަންނެތްކން ފާހަގަވޭ. އެއަރޕޯޓު އޮވެފައި ގިނަ މީހުން އައިސްގޮސް ވާ ރަށަކަށް ބަދަލުވުމުން ދެން އެހެން ރަށްރަށަށް ވިޔަފާރި ކުރަން ދާން ނުޖެހޭ ވަރުގެ ވިޔަފާރިއެއް ގިނަބަޔަކު އެއްވެގެންވެސް ޤާއިމުކުރުން ރަނގަޅު. ކައުންސިލަށްވެސް މިކަމުގައި އިސް ދައުރެއް އަދާ ކުރެވޭނެ. ބޭނުންވާނީ ވިސްނުމެއް ހުރި ބަޔަކު ކައުންސިލުގައިވެސް ތިބުން. ރަށުން ޚިދުމަތް ލިބޭނެ އިންތިޒަމުތައް ހަމަޖެއްސުމުން ތިކަންކަން ހައްލުވާނެ.
ސޮނަމް
28 September 2020
ގެސްޓް ހައުސް ހިންގުމަކީ ރައްޔިތުން ނުރައްކަލަށް ހުށަހެޅިދާނެ ކަމެއް. މިވަގުތު ރިސޯޓުތަކަށް ފޯކަސް ކޮށްފައި ގެސްޓު ހައުސް މަޑުޖައްސާލަންވީ. ދެތިން މީހަކަށް ވާ މާލީ ދަތިކަމަކަށް ވުރެ މުޅި ރައްޔިތުންނަށް ވާ ސިއްޚީ ނުރައްކަލަށް އިސްކަންދޭން ޖެހޭ.