"ރައްޔިތުން ރަށު ބަންދުވާ ގޮތަށް ގެސްޓް ހައުސް ނުހިންގޭނެ"

ރަށުގެ ހުރިހާ އެންމެން ރަށު ބަންދުވާގޮތަށް ގެސްޓް ހައުސްތައް ނުހިންގޭނެ ކަމަށް ގެސްޓް ހައުސް ވިޔަފާރިވެރިން ބުނަން ފަށައިފި އެވެ.


ގެސްޓް ހައުސް ވިޔަފާރިވެރިން މިހެން ބުނީ ގެސްޓް ހައުސްތައް އޮޕަރޭޓު ކުރާ ރަށްތަކުގެ މީހުން އެހެން ރަށްރަށަށް ގޮސް ކަރަންޓީން ވާން ޖެހޭނެ ކަމަށްބުނެ އެޗްޕީއޭ އިން ރޭ ނެރުނު އުސޫލާ ގުޅިގެންނެވެ.

ދަރަންވަންދޫގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރާ މީހަކު "މިހާރު" އަށް ބުނީ އެ ރަށުގެ ރައްޔިތުންނަކީ ޒަރޫރީ ބޭނުމަށް އެ އަތޮޅުގެ އެހެން ރަށްރަށަށް ދާ ބަޔަކަށްވުމުން އާ އުސޫލާ އެއްގޮތަށް ގެސްޓް ހައުސް ނުހިންގޭނެ ކަމަށެެވެ. އަދި މީގެ ސަބަބުން ގެސްޓް ހައުސްތަކުގެ ބުކިން ކެންސަލްވެ ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް އޭނާ ބުންޏެވެ.

"ދަރަވަންދޫ މީހުން ޑޮކްޓަރަށް ދައްކަން އަދި ވިޔަފާރި ކުރަން ދާން މި ޖެހެނީ ކައިރި ރަށްރަށަށް. މިހާރު އޮތް ގޮތުން ގެސްޓެއް އަންނައިރަށް އެންމެން ލޮކްޑައުން މިވަނީ. އެހެންވާކަށް ރައްޔިތުން ވެސް ގެސްޓް ހައުސް ހުޅުވަން ހުއްދައެއް ނުދޭނެ،" ނަން ހާމަ ނުކުރުމަށް އެދި ގެސްޓް ހައުސްގެ ވެރިމީހަކު ބުންޏެވެ.

"ސަރުކާރުން މިކަހަލަ އުސޫލެއް ކަނޑައެޅުމުގެ ކުރިން ވަރަށް ވިސްނަން ޖެހޭނެ. މިހާރު ގެސްޓް ހައުސް ހުޅުވަން ކުޑަ ދުވަސް ކޮޅަކަށްވެފައި އޮއްވާ މިހެން ހެދީމަ އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑަށް ގެއްލުންވާނެ. ބުކިން ނަގާފއި ގެސްޓް ހައުސްތައް ނުހުޅުވޭނަމަ ޓޫރިސްޓުންނަށް ވެސް ކިހާ ދަތިވާނެ."

އަތޮޅުތަކުގެ ގެސްޓް ހައުސްތައް ހުޅުވަން ސަރުކާރުން ނިންމާފައި ވަނީ އަންނަ މަހުގެ 15ގަ އެވެ. ގިނަ ގެސްޓް ހައުސްތަކުން އަންނަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ބުކިންތައް މިހާރުން ފެށިގެން ނަގަމުންނެވެ. ނަމަވެސް އެޗްޕީއޭގެ އުސޫލު ބަދަލު ނުކޮށްފި ނަމަ ގެސްޓް ހައުސްތައް ނުހުޅުވޭނެ ކަމަށް އެ ދާއިރާގެ ގިނަ ވިޔަފާރިވެރިން ގަބޫލު ކުރެ އެވެ.

ކ. މާފުށީގައި ހިންގާ ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު ވިދާޅުވިގޮތުގައި އާ އުސޫލުގެ ދަށުން ގެސްޓް ހައުސްތައް އޮޕަރޭޓު ކުރެވެން އޮތީ ބޭސް ފަރުވާއަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތް ހަދައިގެންނެވެ. މިއީ މިހާރު ވެސް ދެމުން އަންނަ ހާއްސަ ހުއްދައެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމުގައި ދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެެ.

"މާލެއިން އެކި ކަންކަމުގައި އެބަ އާދެވޭ މާފުއްޓަށް ހާއްސަ ހުއްދައަކާ އެކު. އެ ހުއްދަ ކީއްވެގެންތޯ ނުދެވެންވީ ބޭސްފަރުވާއަށް ދާ މީހުންނަށް. ރައްޔިތުން ބަންދުވެތިބެ ގެސްޓް ހައުސް ހިންގޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ގެސްޓް ހައުސް ވިޔަފާރި ކުރާ އެހެން މީހަކު ބުނީ އެޗްޕީއޭގެ އާ އުސޫލު އުވާލައި، އައިސޮލޭޓްކޮށް ހުރި ގެސްޓް ހައުސްތައް ހިންގުމުގެ ހުއްދަ ދިނުމަކީ ވެސް އޮތް ހައްލެއް ކަމަށެވެ. އަދި ޓޫރިސްޓުން އަމަލު ކުރަން ޖެހޭ ހާއްސަ ގައިޑްލައިނެއް ތައްޔާރުކޮށް އާއްމުންނާ ޓޫރިސްޓުން ބައްދަލު ނުކުރެވޭ ގޮތް ހެދުން ވެސް ރަނގަޅުވާނެ ކަމަށް އޭނާ ބުންޏެވެ.

"އާއްމުކޮށް ގިނަ ގެސްޓް ހައުސްތައް ހުންނާނީ އައިސޮލޭޓުކޮށް ވަކިން، އެހެންވީމާ އެކަހަލަ ތަންތަނަށް ހުއްދަ ދޭންވީނޫންތޯ. ގެސްޓުން އައިސް އުޅޭ އިރު މާސްކު އަޅައިގެން ބޭރަށް ދާން ޖެހޭ ގޮތް ވެސް ހެދިދާނެ. އެއީ އެހެން ގައުމުތަކުން ވެސް ކަންތައް ކުރަމުން އަންނަ ގޮތް،" ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދެއްވި ގެސްޓް ހައުސް ވިޔަފާރިއަކު ބުންޏެވެ.

ގެސްޓް ހައުސްތައް ހުޅުވާލަން ސަރުކާރުން ނެރެފައިވާ ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ރަށްރަށަށް ދާ ޓޫރިސްޓުންނަށް މާސްކު ނާޅައި ރަށުތެރޭގައި އުޅެވޭނެ އެވެ. އަދި ރަށުގެ ހުރިހާ ހިސާބެއްގައި ވެސް ޓޫރިސްޓުންނަށް އުޅެވޭނެ އެވެ.