އޮގަސްޓަށް ވުރެ މިދިއަ މަހު ޓޫރިސްޓުންގެ އަދަދު 25 ޕަސެންޓް އިތުރު

އޮގަސްޓް މަހަށް ވުރެ މިދިއަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 25 ޕަސެންޓް އިތުރުވެއްޖެ އެވެ.


އިމިގްރޭޝަނުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 9،538 ޓޫރިސްޓުން އަ އެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 318 ޓޫރިސްޓުންނެވެ.

އޮގަސްޓްމަހު ރާއްޖެއަށް އައީ 7،628 ޓޫރިސްޓުންނެވެ.

މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައީ، 2،065 މީހުންނާ އެކު، ރަޝިއާއިންނެވެ. އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރުވެފައި މި ވަނީ މިދިޔަ މަހުގެ 11 ގައި ރާއްޖެ އާއި ރަޝިޔާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުންނެވެ.

ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ޔޫއޭއީ އިންނެވެ. އެކަމަކު ބެލެވޭ ގޮތުގައި އެ ގައުމުން އައި 1،029 ޓޫރިސްޓުންގެ ތެރޭގައި ޔޫއޭއީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންގެ އަދަދު ގިނަވާނެ އެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ މީހުން ވެސް ހިމެނެ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތާއި ސްޕެއިނާއި ބްރެޒިލްގެ އިތުރުން ޖަރުމަން މީހުން ވެސް، މިދިއަ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި 15ގަ އެވެ. ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 18،596 އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރަން ސަރުކާރުން އަންނަނީ ގިން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއް ކަން ކަށަވަރުކޮށްދިނުމަށް ކޮންމެ ޓޫރިސްޓަކު ނެގެޓިވް ޕީސީއާރު ޓެސްޓެއް ނަތީޖާ ދައްކަން ޖެހެ އެވެ.

ރާއްޖެ އަންނަ އެއާލައިންތަކުގެ އިތުރުކުރަން ވެސް ސަރުކާރުން މަސައްކަތް އެބަ ކުރެ އެވެ.

މީގެ އިތުރުން އެއްފަހަރަށް ވުރެ ގިނައިން ޓޫރިސްޓުން އައުމަށް ބާރު އެޅުމުގެ ގޮތުން އިމިގްރޭޝަނާ ގުޅިގެން ސަރުކާރުން ވަނީ "މޯލްޑިވްސް ބޯޑާ މައިލްސް"ގެ ނަމުގައި ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމް ވެސް ފަށައިފަ އެވެ.