އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--
18 އޮކްޓޯބަރ 2020 - 13:51
ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން މާލެ ސަރަހައްދުގެ ފިހާރަތައް ރޭގަނޑު 10:00 ޖަހަންދެން ހުޅުވާފައި މިހާރު ބެހެއްޓޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ފާރޫގު ރޭ ވިދާޅުވެއްޖެ އެވެ.
އެޗްޕީއޭއިން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅެވޭ ވަގުތު ރޭގަނޑު 11:00އާ ހަމައަށް އިތުރުކޮށްފަ އެވެ. އަދި ރެސްޓޯރެންޓާއި ހޮޓާ، ކެފޭ ފަދަ ކާބޯތަތެކި ވިއްކާ ތަންތަނުން ރޭގަނޑު 10:30އާ ހަމައަށް ހިދުމަތް ދެވޭ ގޮތަށް ވެސް އެޗްޕީއޭ ވަނީ ހަމަޖައްސައިފަ އެވެ.
ކާބޯތަކެތި ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ގަޑި އިތުރުކުރި ކަމަށް އެޗްޕީއޭގެ އިއުލާނުގައި ބުނި ނަމަވެސް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލު ގެނައި ކަމެއް އެ އިއުލާނަކު ނެތެވެ.
މީގެ ކުރިން ފިހާރަތަކާއި ރެސްޓޯރެންޓާއިި ހޮޓާ އަދި ކެފޭ ފަދަ ތަންތަން ހުޅުވަން ހުއްދަދިނީ ރޭގަނޑު 9:30 ވަންދެނެވެ. އަދި ބޭރުގައި އުޅެވޭނީ އެންމެ ލަސްވެގެން ވެސް 10:00 ޖަހަންދެންނެވެ.
އެޗްޕީއޭއިން އަލުން ލުއި ދިނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށަށް ދިއުމުންނެވެ. އެގޮތުން އިއްޔެ 1،500 އެއްްހާ މީހުން ޓެސްޓު ކުރިއިރު ޕޮޒިޓިިވް ވީ އެންމެ 24 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން 10،097 މީހުންނަށް ކޮވިޑް-19 ޖެހި، އޭގެ ތެރެއިން 9،052 މީހުން ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑްގައި މިހާތަނަށް މަރުވީ 36 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް ހ
19 October 2020
ކޮބައިތޯ އެޗްޕީއޭ ގެ ރަސްމީ އެއްވެސް އެންގުމަކުން އެކަން އަންގާފަ؟ އޮތީ ހަމައެކަނި ކެފޭ ރެސްޓޯރެންޓް ތަކުގެ ވާހަކަ ގެނެއްސަ! ފިހާރަ ތަކުގެ ވާހަކަ ބުނެފައެއް ނުވޭ! ތަރުޖަމާނު ބުނީމަ ހުއްދަވާނެ ގޮތެއް އޮންނަ ކަމެއްވެސް އެނގިފައެއް ނުވޭ!
އަބްދުއްالله
19 October 2020
އެ ގަޑި އެއީ އެންމަ ގިނައިން ޖަރާސީމު ބޭރަށް ނިކުމެ ވައިޖައްސާލަން އުޅޭ ގަޑި.