ޓޫރިޒަމް މިނިސްޓްރީން އެެއާޕޯޓުގައި ބެހެއްޓި ޑެސްކް-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
11 ނޮވެމްބަރ 2020 - 18:23
ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އެހީވާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޓޫރިޒަމް މިނިސްޓްރީގެ ޑެސްކެއް ބަހައްޓައިފި އެވެ.
ވީއައިއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޑެސްކު އިފްތިތާހުކޮށްދިނީ ޓޫރިސްޓުންނަށް އެހީވާން އެއާޕޯޓުގައި 35 އަހަރު މަސައްކަތް ކޮށްފައިވާ މުހައްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މިނިސްޓްރީގެ އިސް ފަރާތްތަައް ބައިވެރިވެވަޑައިގެންނެވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މި ޑެސްކަކީ ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭއިންނާއި މިނިސްޓްރީން އެކުލަވާލައިފައިވާ ގައިޑްލައިތަކާ ގުޅޭ މައުލޫމާތު ޓޫރިސްޓުންނަށް ފޯރުކޮށްދީ، ސިއްހީ ހިދުމަތް ދޭ ތަންތަނާ ޓޫރިސްޓުންނާ ދެމެދު ހިނގާ މުއާމަލާތްތަކުގައި އެހީވާން ބެހެއްޓި ޑެސްކެކެވެ. މި ޑެސްކުން ޓޫރިސްޓު ފެސިލިޓީތަކާއި ޓްރެވަލް އޭޖެންޓުންނާ ޓޫރުސްޓުންނާ ދެމެދު ޖެހޭ މައްސަލަތަކުގައި އަވަސް ހައްލު ހޯދުމުގައި އެހީވާނެ އެވެ.
މީގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަނާއި ޓޫރިސްޓް ފުލުހުންނާއި އެއާލައިންތަކާ ޓޫރިސްޓުންނާ ދެމެދު ކުރެވޭ މުއާމަލާތްތަކުގައި ވެސް އެހީވާނެ އެވެ.
މި ޑެސްކުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ރައްކާތެރިކަން އިތުރު ކުރެވޭނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
12 November 2020
ރާއްޖޭގެ ދިވެހިވަންތަ ސަގާފަތާ ގުޅުނީހީ ޑެސްކެއްގެ ބަދަލުގަ އަށްޓެއް ބެހެއްޓި ނަމަ. އަށީގެ މުވައްޒިފުން ތިބޭނީ އަށި މަތީ ދެފައި ވަށްކޮށްގެން.