ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އީޖާދީ ހިޔާލު ހުށައަޅައިގެން ވަނަތަކަށް އަންނަ ފަރާތްތަކަށް ވަކި މުއްދަތެއްގައި ކުލި ދައްކަން ނުޖެހޭ ގޮތަށް ހިޔާ ފްލެޓް ބަރިން ފިހާރަ ލިބޭ މުބާރާތެއް، އެޗުޑީސީން މިދިއަ ބުރާސްފަތިދުވަހު އިއުލާންކޮށްފި އެވެ.
"އީޖާދީ މަންސަ"ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ފަސް ކެޓެގަރީއަކުން އުފެއްދުންތެރި ހިޔާލު ހުށައަޅަން ފުރުސަތު ލިބެ އެވެ. އެއިން ކޮންމެ ކެޓެގަރީއަކުން އެއް ވަނައަށް އަންނަ ފަރާތަކަށް، އެއް އަހަރު ވަންދެން ކުލި ދައްކަން ނުޖެހޭ ގޮތަށް، ހިޔާ ފްލެޓް ބަރިން 550 އަކަފޫޓުގެ ފިހާރަ ގޮޅިއެއް ލިބެ އެވެ. އަދި ދެ ވަނައަށް އަންނަ ފަރާތްތަކަށް ހަ މަހުގެ ކުލި މައާފުކޮށްދޭ ގޮތަށް ވެސް، އެޗުޑީސީން ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
މި މުބާރާތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން އަލަށް ފަށާ ވިޔަފާރިތަކަށާއި އޮންލައިން ވިޔަފާރިތަކަށާއި ގޭގައި ކުރާ "ހޯމް ބޭސްޑް" ވިޔަފާރިތަކަށް ވެސް ފުރުސަތު ލިބޭނެ އެވެ. މި މުބާރާތުގައި ބައިވެރިވާ މީހުން އަމިއްލަ އުފެއްދުންތަކާއި އާ ހިދުމަތްތަކުގެ އީޖާދީ ހިޔާލުތައް ހުށަހަޅަން ޖެހެ އެވެ.
އެޗުޑީސީން ބުނީ މި މުބާރާތުގެ ސަބަބުން ބައިވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ.
މި މުބާރާތް ކުރިއަށްގެންދާނެ ގޮތުގެ އިތުރު ތަފްސީލް މުބާރާތް ފެށުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މިއީ ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ކޮށްފައިވާ އަސަރު ކުޑަކޮށް އާއްމު އިގްތިސާދުގެ ހާލަތު ރަނގަޅުކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ 7000 ފްލެޓް މަޝްރޫއުގައި ފްލެޓް ލިބޭ މީހުންގެ ނަންތައް މިހާރު އަންނަނީ އިއުލާންކުރަމުންނެވެ. އެ ފްލެޓްތަކުގައި ކުރިއަށް އޮތް އަހަރު އެތައް ހާސް ބަޔަކު ދިރިއުޅެން ފަށާނެ ކަމަށް ބެލެވެ އެވެ.