ބީއެމްއެލް އިން ވެލިދޫގައި ގާއިމްކުރި ސެލްފް ސާވިސް އޭޓީއެމް.-- ފޮޓޯ: ބީއެމްއެލް
24 ނޮވެމްބަރ 2016 - 11:34
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. ވެލިދޫގައި އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ވެލިދޫގައި ބީއެމްއެލް އިން ބެހެއްޓީ ސެލްފް ސާވިސް އޭޓީއެމް އެކެވެ. މި ވައްތަރުގެ އޭޓީއެމްތަކުން ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކޮށް ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.
މިއީ ބީއެމްއެލް އިން ރާއްޖޭގައި ބޭންކިންގެ ހިދުމަތް ފުޅާކޮށް، މުޅި ގައުުމަށް ހިދުމަތް ފޯރުކޮޮށްދިނުމަށް ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބެހެއްޓި އޭޓީއެމް އެކެވެ.
"މި އޭޓީއެމްގެ ހިދުމަތް ވެލިދޫގެ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭނުން ކުރެވޭނެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް އިތުރު އެހީތެރިކަމެއް ލިބޭނެ،" ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ދަނީ އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް 20 އަތޮޅުގައި 29 ބްރާންޗާއި 76 އޭޓީއެމް، 3900 ޕީއޯއެސް މާޗަންޓުން، 191 ކޭޝް އެޖެންޓް، 16 ސެލްފް ސާވިސް ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމް ކޮށްފައިވެ އެވެ.
ބީއެމްއެލް އިން ވަނީ އަންނަ އަހަރުގެ ތެރޭގައި 22 ރަށަކަށް ހިދުމަތް ފުޅާ ކުރުމަށް ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމާ ސާވިސް ސެންޓަރެއް އަދި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ނިންމައިފަ އެވެ. އަދި 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އާ ވަޒީފާތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައި ވާއިރު، ބާކީ ބައި ހުޅުވާލަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމު
24 November 2016
ޝުކުރިއްޔާ ބީއެމްއެލް. ހަގީގަތުގައި ވެލިދޫއަކީ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުންނަންޖެހޭ ރަށެއް. ރަށުގައި ހިންގާ ތަރައްގީގެ މަޝްރޫޢުތަކާއި ބޯޓް ބަނުމުގެ މަސައްކަތްތަކާއި ރައްޔިތުންގެ އަދަދާއި އެމީހުން ދައުރުކުރާ ފައިސާގެ އަދަދަށް ބަލައިފިނަމަ އަދި ބޭންކްގެ ބްރާންޗެއް ހުޅުވައިފިނަމަ، މުޅި ނ.އަތޮޅުން ބޭންކަށް އެންމެ ފައިދާ ވާނެ ރަށަކީ ހަމަ ޔަގީނުންވެސް ވެލިދޫ.
ރާގޮޑި ރާޖާ
24 November 2016
ރައީސް ނަސީދުގެ ވެރިކަމުގަ ނ.ވެލިދޫގަ ބައިންދަން ނިންމާފަ ވާ ކާޑު މެސިން ބޭންދުން ލަސްވި ކަމުގަ ވީނަމަވެސް މިޔަދު ހިދުމަތް ވެލިދޫގަ ރައްޔިތުނައް ލިބެންފެށީތީ ރައީސް ނަސީދުގެ ސަރުކާރަށާ ބީ އެމް އެލް އައް ސުކުރިއްޔާ.
ޏނނ
24 November 2016
މުޅި އަރިއަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ އދ.މާމިގިލީގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ޤާއިމްކޮށްދޭނެކަމަށް އުއްމީދުކުރަން ... 5000 ގާތްކުރާ އާބާދީއެއް އޮންނައިރު ދެން އަތޮޅުގަ އެންމެ ގާތްކުރާ އާބާދީއެއްވެސް އޮތީ 2000 މީހުންގެ އާބާދީ......