ކުރީގެ ވަކަރުފަޅި ރިސޯޓު: "ނޯވާ މޯލްޑިވްސް" ގެ ނަމުގައި ޑިސެމްބަރުގައި ހުޅުވާނެ-- ފޮޓޯ: ނޯވާ މޯލްޑިވްސް
12 އޮކްޓޯބަރ 2021 - 11:22
އދ. ވަކަރުފަޅީގައި ތަރައްގީ ކޮށްފައިވާ ވަކަރުފަޅި އައިލެންޑް ރިސޯޓުގެ ނަން "ނޯވާ މޯލްޑިވްސް" އަށް ބަދަލުކޮށް އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އަންނަ ޑިސެމްބަރުމަހު އެ ރިސޯޓު ހުޅުވާނީ ދިވެހި ކުންފުންޏެއް ކަމަށްވާ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުންނެވެ. މިއީ ޓޫރިޒަމް އިންވެސްޓްމަންޓް ކުންފުނި، ޑީޕް ބްލޫ ޕްރައިވެޓް ލިމިޓެޑުން ހިންގާ ކުންފުންޏެކެވެ.
މި ރިސޯޓު ޕަލްސް ހޮޓެލްސްއާ ހަވާލުކުރީ އެ ރިސޯޓު ހިންގަމުން އައި ލަންކާގެ ކުންފުނި، ލެވެނިއާ ހޮޓެލް އިން ދޫކޮށްލުމުންނެވެ.
ނޯވާ މޯލްޑިވްސްގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނޭހެން 76 ވިލާ ހުރެ އެވެ. މީގެ ތެރޭގައި އާއިލާތަކަށް ހާއްސަ ވިލާތަކާއި ރެޒިޑެންސާއި ޕޫލް އަދި ޖަކޫޒީ ވިލާތައް ހިމެނެ އެވެ.
މީގެ އިތުރުން ޑައިވިން އާއި ސްނޯކްލިން އާއި ވޯޓާ ސްޕޯޓްސް އާއި ސްޕާ އާއި ޖިމުގެ އިތުރުން ބާގެ ހިދުމަތް ވެސް އެ ރިސޯޓުން ލިބޭނެ އެވެ.
ޕަލްސް ހޮޓެލްސް އިން މިހާރު ވެސް ރާއްޖޭގައި ދެ ރިސޯޓު ހިންގަ އެވެ. އެއީ ނޯޓިލަސް މޯލްޑިވްސް އާއި ކަނޑިމަ މޯލްޑިވްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy