ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕްގައި އުފެއްދި ފުރަތަމަ ޖަނަރޭޓަރު ސެޓް އދ. ހަންޏާމީދު އަށް ގެންގޮސްފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު އެ ކުންފުނިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާންމުންނަށް ދައްކައިލި މި ޖަނަރޭޓަރު ސެޓަކީ 300 ކިލޯވޮޓުގެ 300 އެސްޓީޑަބްލިއު މޮޑެލްގެ ޖަނަރޭޓަރެކެވެ.

ސްޓެވޯ އިން ރާއްޖެ އަށް ތައާރަފުކުރި ޖަނަރޭޓަރު ސެޓުގެ ތެރޭގައި 300 އާއި 600 އާއި 800 އެސްޓީޑަބްލިއު މޮޑެލްތައް ހިމެނެ އެވެ. މި ޖަނަރޭޓަރު ސެޓުތަކަށް އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވައިލާފައިވާއިރު ލޯކަލް ވޮރެންޓީ ވެސް ލިބޭނެ އެވެ. އަދި އާފްޓާ ސޭލް ސާވިސް އާއި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯ އިން ދޭނެ އެވެ.

މި ޖަނަރޭޓަރު ސެޓުތައް އުފައްދަނީ ސްޓެވޯގައި މަސައްކަތް ކުރާ ސްޓެލްކޯގެ އިންޖިނިއަރުންނެވެ. އެއީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ހުނަރުވެރި ބައެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވިގޮތުގައި، މި ޖަނަރޭޓަރު ސެޓުތަކަކީ ރާއްޖެ އިން ބޭރުން ލިބެން ހުންނަ ޖަނަރޭތަރުތަކާ އެއް ފެންވަރުގެ އެއްޗިއްސެވެ. އަދި އެހެން ޖަނަރޭޓަރުތަކާ އެއްގޮތަށް ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.

ސްޓެލްކޯގެ އަމާޒަކީ އިންޖިނިއަރިން ދާއިރާ އިން ރާއްޖެ ކުރިއަރުވާ ކުންފުންޏަކަ ށްވުމެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ސްޓެވޯ ވޯކްޝޮޕްގައި ކާރު އެސެމްބަލް ކުރަން ވެސް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.