ދިރާގުން އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ދެނީ

އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ފުޅާކުރުމަށް ދިރާގުން ބޮޑު މަޝްރޫއެއް ފަށައިފި އެވެ.


އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް މިހާރު ވެސް ދެމުން އަންނަ ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، 4ޖީގެ ހިދުމަތް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ދިރާގުން ވަނީ މި ދާއިރާގެ ތަޖުރިބާކާރު ދެ ކުންފުންޏަކާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެކަމަކު، އެ ކުންފުނިތަކުގެ ނަމެއް ދިރާގުން އަދި ހާމައެއް ނުކުރެ އެވެ.

ދިރާގުން ބުނީ މި މަޝްރޫއު އަންނަ އަހަރުގެ ނިޔަލަށް ނިންމޭނެ ކަމަށެވެ. އެއިރުން، ރަށްރަށުގައި ވެސް ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް މިހާރަށް ވުރެ އެތައް ގުނައެއް ހަލުވިވެ، ފުރިހަމަވެގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އާބާދީގެ ގޮތުން ކިތަންމެ މީސްކޮޅު ކުޑަ ރަށެއް ނަމަވެސް މާލެ އެކޭ އެއްފަދައިން އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ދިވެހިރާއްޖެ އަކީ ޖަޒީރާ ގައުމެއް ނަމަވެސް މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކާ އަދިވެސް އިންޓަނެޓުގެ ހިދުމަތް ބޭނުންވާ ސަރަހައްދުތަކަށް ދިރާގުގެ އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް،" ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 4ޖީގެ ހިދުމަތް ތައާރަފް ކުރުމަށް ފަހު، ރަށަރަށަށް މި ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ވަނީ ހއ. ދިއްދޫ، އައްޑޫ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ.ހިންނަވަރު، ރ. ދުވާފަރު، ލ. މަތިމަރަދޫ، ލ. ތުނޑި، ނ. ވެލިދޫ، ދ. ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައި ދިރާގުން ވަނީ 4ޖީގެ ހިދުމަތް ދޭން ފަށައިފަ އެވެ. އެއާ އެކު، ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް ވަނީ ދީފަ އެވެ. އެހެންވެ، ދިރާގަކީ ރާއްޖޭގެ އެންމެ ބޮޑު 4ޖީ ނެޓްވޯކެވެ.

މީގެ އިތުރުން، ދިރާގުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3ޖީގެ ހިދުމަތް ވެސް ދެމުންނެވެ. އަދި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރުމަށް ދިރާގުން ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް އެންމެ ޒަމާނީ ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމެއް ވެސް ގާއިމްކޮށްފަ އެވެ.