ކޮވިޑް-19 އިން ރައްކާތެރިވާން ގޭގައި މަޑުކުރަން ދޭ ނަސޭހަތަށް ތަބާނުވާތީ ކާއްޓޭ އެ ވާހަކަ ދައްކަނީ
23 މާޗް 2020 - 12:07
ގެއިން ބޭރަށް ނުނިކުމެ، ދުވަސްކޮޅަކު މަޑުކޮށްލަން އެދި ޑޮކްޓަރުންނާއި ސަރުކާރުގެ ވެރިން އާންމުންގެ ކިބައިން އާދޭސްކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ކޮރޯނާވައިރަސްގެ ބިރު ރާއްޖެއަށް ވެސް އޮތުމުން، އެކަމުން ރައްކާތެރިވާން އެޅެން އޮތް އެންމެ ބޮޑު އެއް ފިޔަވަޅަކީ ވެސް މީހުން ތަންތަނަށް ނުކުމެ، އެއްވެ ނޫޅުމެވެ.
އެކަމަކު ކޮރޯނާވައިރަސްގެ އެމަޖެންސީ ޓާސްކްފޯސްގެ ބޭފުޅުން ހިތްހަމަޖެހިވަޑައިގަންނަވާ ފަދަ "ބަސްއެހުމެއް" މާލޭ ސަރަހައްދުން އަދިއެއް ނުފެނެ އެވެ. ކޮންމެވެސް ވަރަކަށް މަގުމަތިން ވެސް މީހުން މަދުވެއްޖެ އެވެ. އެކަމަކު އެ ބޭފުޅުން އެންމެ ބޭނުންވާ މަންޒަރު ފެންނަ ވަރެއް ނުވެ އެވެ.
މިހާރު އާންމުންގެ ކިބައިން އާދޭސްކުރަމުން އަންނަނީ ހަމައެކަނި ރަސްމީ ފަރާތްތަކުން އެކަންޏެއް ނޫނެވެ. ސޯޝަލް މީޑިއާގައި މަޝްހޫރު "ކާއްޓޭ ދަ ވިންޗޯ" ފަދަ ޝަހުއްސިއްޔަތުތައް ވެސް "ޕިސްޕިސް" ޖަހަމުން، އެއްޗެހި ވެސް ކިޔަމުން، އެ ބުނަނީ "ހެޔޮނުވާނެއޭ، ގޭގައި ނިކަން މަޑުކޮށްލަދީ ބަލާށޭ" އެވެ.
ކާއްޓޭ ދަ ވިންޗޯ، މި މަހު 20 ގައި ނެރުނު މިނިޓެއްހާ ދިގު ވީޑިއޯގައި، މީގެ ކުރިން ދިވެހިން އެއްބައިވެގެން ކުރި މަސައްކަތްތަކުގެ ކާމިޔާބު ވެސް ވަޒަންކުރި އެވެ. އޭނާ ބުނި ގޮތުގައި ކުރިން ދިމާވި "ކާރިސާތަކުން އެންމެން އެއްބަސް ކިޔައިގެން، އެކައްޗެއް ކިޔައިގެން އަރައިގަނެވުނެ"ވެ.
"މިކަމުން ވެސް އަރައިގަންނަން، ހެޔޮނުވާނެ، ގޭގައި މަޑުކޮށްބަލަ،" ތަކުރާރުކޮށް އޭނާ އެދުނެވެ.
"ކިރިޔާއޭ ހަތަރު ލައްކަ ހަމަ މި ވަނީ. ދެން ބޭނުމެއް ނޫނޭ މަދުވާކަށް،" ކޮރޯނާވައިރަސް ފެތުރި ރާއްޖެއިން ވެސް ބަޔަކު މަރުވުމުގެ ފުރުސަތު އޮތުމުން އެކަމަށް އިޝާރަތްކުރަމުން، އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
ކާއްޓޭ ދަ ވިންޗޯ ތަންކޮޅެއް ހަރު އަޑުން އަހަރެމެންނާ ދިމާއަށް އެއްޗެހިކީ ވަގުތެއްގައި ވަރަށް ރަނގަޅު ވާހަކައެއް ވެސް ގޮވާލަ އެވެ. އެއީ ބައެއް މީހުންގެ މިޒާޖެވެ.
"އެއް ބަޔަކު އެބަ އުޅޭ މީނާ ބޭރަށް ދާތީ އޭނާ ފަހަތުން ބޭރަށް ދާން، އޭނާ ކޮން ތާކަށްތޯ ދަނީ [ބަލަން]." ކާއްޓޭ ބުންޏެވެ.
ދެން "އެބަ އުޅޭ ބޭރަށް ނުކުމެ އުޅެނީ ކޮން ބައެއްތޯ ބަލަން ނުކުންނަ މީހުން ވެސް. ހެޔޮނުވާނެ! މަޑުކޮށްލަދީބަލަ ގޭގައި!"
ކޮރޯނާވައިރަސް ފެތުރުނަ ނުދޭން ރަސްމީ ފަރާތްތަކުން ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ ތަންތަނަށް އެއްވެ ނޫޅުމާއި ގިނަ މީހުން ބައްދަލުވެ އުޅެން ހުޅުވިފައި ހުންނަ ފުރުސަތުތައް މަދުކުރުމެވެ. މި ހަފުތާގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރީ ވެސް، އަދި ސްކޫލްތައް ބަންދުކުރުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ވެސް އެ ނިޔަތުގަ އެވެ. އޭގެ އިތުރުން އިއްޔެ އިން ފެށިގެން މާލޭ ސަރަހައްދުގެ ހޮޓާ/ރެސްޓޯރެންޓް/ކެފޭ ފަދަ ތަންތަނުން ކެއިންބުއިމުގެ ހިދުމަތް ދިނުން ވަނީ ހުއްޓާލައިފަ އެވެ. ހަމައެކަނި ކުރެވޭނެ ކަމަކީ ޓޭކްއަވޭ އާއި ޓެލިވަރީގެ ކަންކަމެވެ.
ކާއްޓޭ ދަ ވަންޗޯ ބުނާ ގޮތުގައި ކޮރޯނާވައިރަސް ލޮލަށް ފެންނަ ނަމަ، ބޭރަށް ނުކުމެ އުޅެން އުޒުރެއްގެ ގޮތުގައި ދެއްކިދާނެ އެވެ.
"ލޮލަކަށް ތަނަކަށް ފެންނަ ނަަމަ ރަނގަޅޭ އޭތި މިތާކު ނެތޭ، އެތާކު ނެތޭ ކިޔާފައި [ބޭރަށް] ދާން،" އޭނާ ބުނެލި އެވެ.
"ވިސްނީމަ ވިސްނޭނީ. ދިވެހިންނަކީ އަބަދުވެސް ނަމޫނާ ދައްކާ ބައެއް. ކަމެއް ކުރަން ދިމާކޮށްފިއްޔާ އެކަމެއް ކުރާ ބައެއް،" އެއްޗެހި ގޮވާ ނިންމުމަށް ފަހު، އޭނާގެ ނަސޭހަތް ކުރިއަށް ގެންދިޔަ އެވެ.
"ހިނގާ ބަލަ މިކަން ކުރަން. ކާކު އަންނާނީ މިކަން ކުރަން؟ އަހަރެމެން ކުރިއްޔާ ވާނީ. ދެން އަންނަ ޖީލަކަށް ވެސް ބައްޕަމެން، މަންމަމެން ގޭގައި ތިބިއްޔޭ ކިޔޭނީ ގޭގައި މަޑުކުރިއްޔާތާ. މި ޖީލުން ބޮޑު ބައެއް ދިޔައިމާ [މަރުވީމަ] ކާކު ޒިންމާވާނީ؟"
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން އަލި
24 March 2020
އޮފީހަށް ދާންޖެހޭ އަދިވެސް .
އަލީ އަހުމަދު
24 March 2020
މީނަ ހިތުން މީ "ދަ ރޮކް".
މުނިޔާ
24 March 2020
ގޭގަތިބިއްޔާ ކީއްތަވާނީ، މަގޭ ދަރި ސްކޫލް ބަންދުވި ދުވަހު (5މާރޗް) ގެއަށް ވެެއްދިގޮތަށް އަދި ބޭރަށް ނުނެރެން. އަހަރެމެންވެސް ތާޒާ ވައިބޭނުން. އެކަމަކު މިވަގުތު މިނޫންގޮތެއް ނެތެއްނު. ފަރުދީ ޒިންމާ އެންމެން އަދާކޮށްގެން މިކަންވާނީ
ހޯރަބޭ
24 March 2020
ގޭތެރޭ ނުތިބެވެނި ކުދި ކުދި ތަންތަން ކޮޅުގަ ގިނަ މީހުން އުޅޭތީ. ގިނަ މީހުން ގެއަށް ވަންނަނި ނިދާލަށް ދެން ކިހިނެއް އެއްމެން ގޭގަ ތިބޭނި. ސަރުކާރުން ވެސް ދުރާލާ ސުކޫލު ތަކާއި އޮފީސް ތައް ބަންދު ކުރިނަމަ ގިނަބަޔަކު މާލޭން ފެއިބީސް ކަން ކަށަވަރު. އޭރުން މާލޭ މަގުމަތީ އޮންނާނި ފަޅަށް މިހާރު ދެން ވާނެ އެއްޗެއް ވީމަ ކީކޭ ކިޔާކަން.
ހުސްނޫނު
23 March 2020
ދިވެހިންނަށް އަބަދުވެސް ފެންނާނީ އެހެން މީހުންގެ ކުށް މީހަކު ރަގަޅު އެއްޗެއްބުންޏަސް ބަލާނެ އެބުނާ މީހެއްގެ ކުށަކީ ކޮބައިތޯ ދެންދައްކާނީ އޭނަގެ ކުށުގެ ވާހަކަ މިފަދަ ކަންކަންންދޫކޮށް ކޮންމެމީހަކުވެސް މިފަދަ މީހުންބުނާ ބަހަކުންނަމަވެސް އެކަން ގަބޫލުކޮށް އޭނަހުރިތަން ނުބަލާ އޭނައެކުރި ކަމަށް ބަލަގެން އަމިއްލަ ޒިންމާ ނެގުން އެންމެ ރަގަޅުވާނީ އޭނަޔަށް ނުބަލާ އޭނަދިން މެސެޖް ބަލައި ގަތުން ބުއްދިވެރި.
ރަދީފް
23 March 2020
''ބޭރުގަ އުޅެނީ ކޮންބައެއްތޯ ބަލަންވެސް ދަނީ،ކަލޭ ދަނީ މީނަ ދަނީ ކީއްކުރަން ތޯ ބަލަންވެސް ދަނީ.'' މީތި ސަޅި އިނގޭ.
ތިރަށުއައްމަޑޭ
23 March 2020
ހާދަ މަޖާ މީހެކެދޯ.. އެވޯރޑެއް ދޭ ކަހަލަ
ރަދީފް
23 March 2020
ހަމަ މިހާރު ގެއަށް ވަދޭ.ހެހެހެހެ
ރަދީފުގެދަރި ކުމާރު
23 March 2020
ބައެއްމީހުން އެބަކިޔާ ކާއްޓޭ އެހުރީ ގޭތެރޭގައި ހެއްޔޯ. ރަނގަޅު. އޭނާ އެހުރީ ގޭތެެރެއަކު ނޫން. އެކަމަކު ވީޑިޔޯހަދާލާ ފިިވައިޖައްސާލަން އޭނާވެސް ނުކުމެލީ. ހޭލުންތެރިކުރުވާމީހުން ނުކުތަސް ދެންތިބިމީހުންނަކަށް ނުނުކުމެވޭނެ. ކާއްޓޭއަށް ނުކުމެވޭނެ. އެއީ މީހުން ހޭލުންތެރިކުރުވާން.
ފާނު
23 March 2020
ވިންޗޯއެއް ނޫން ވާންޗޯ..