17 ނޮވެމްބަރ 2021 - 06:40
އާދިއްތަ ދުވަހާ ގުޅޭ
ކައިވެނިކޮށްފިއްޔާ، އެކަނިވެރި މައިންނަށް ލިބޭ ފައިސާ ނުލިބޭނެތީއެވެ. އެއީ އަޒްލިފާގެ ވިސްނުން ހުންނަ ގޮތެވެ. އެކަނިވެރި މަޔަކަށް ވެފައި، ދަރިން ގިނަވާ ވަރަކަށް ލިބޭ ފައިސާ އިތުރުވެއެވެ. އަހަންނަށް ނަބީލާ ނުދޭން އުޅޭ ސަބަބަކީ އެއީއެވެ. އަޒްލިފާއަކީ އެންމެ ދަރިއެއް ގެންގުޅެވޭ ވަރުގެ ހަރުދަނާކަމެއް ވެސް ހުންނަ މަންމައެއް ނޫނެވެ. ދަރިން ތަރުބިއްޔަތުކުރަން ކީއްކުރަން ހެއްޔެވެ؟ ގަޑިންގަޑިއަށް ކާންދީ، ފެންވަރުވާހެދުމަކީ ވެސް އަޒްލިފާ ސަމާލުކަންދޭ ކަމެއް ނޫނެވެ. ކުރީ ފިރިމީހާގެ ކުދިންނަށް ގޮތެއް ހޯދައިދެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އެ ކަމެއް ނުވިއެވެ. އަހަރެން އެ އުންމީދު ދޫކޮށްލައިފީމެވެ. އެކަމަކު ނަބީލާއަށް އެހެންވާ ތަން ބަލާކަށް އަހަންނަކަށް ނުހުރެވުނެވެ.
ގުޅަންނުގުޅަން ހުރެފައި އަޒްލިފާއަށް ގުޅީމެވެ. އެއީ ވަރިކުރި ފަހުން އޭނައަށް އަހަރެން ގުޅި ފުރަތަމަ ފަހަރެވެ. އަޒްލިފާ ފޯނު ނުނެގީކީ ނޫނެވެ. ފޯނު ކަނޑައިލަނީއެވެ. ގަސްތުގައި ފޯނު ނުނަގަނީކަން އަހަންނަށް އެންގުމަށް ޓަކައެވެ. ނުވަތަ އޭނަ ހުރި ތަނެއް ހޯދައިގެން އެ ތަނަކަށް އަހަރެން ދާން މަޖުބޫރުކުރުމަށް ޓަކައެވެ. އަހަރެން ދިޔައީމެވެ. ނަބީލާ އުޅޭ ހާލު ބަލައިލަން އަހަރެން ބޭނުންވާތީއެވެ. އެހެން ދެ ކުދިން ވެސް އުޅޭނެކަން އެނގި ހުރެ އަހަރެން ދިޔައީ ހުރިހާ ކުދިންނަށް ވާވަރަށް ޗޮކުލެޓު ހިފައިގެންނެވެ. ދޮރު ހުޅުވީ އަޒްލިފާއެވެ. އަހަރެން ފެނުމުން އަޒްލިފާގެ މޫނަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ހީވާ ކަހަލައެވެ. އޭނަގެ މަގުސަދު ކާމިޔާބު ވެއްޖެއެވެ.
"ނަބީލާ!" އަޒްލިފާ ގޮވައިލިއެވެ.
ނަބީލާޔާ އެކުގައި އެހެން ކުދިން ވެސް ދުވެފައި އައެވެ. ކުދިންނަށް ހަދިޔާ ދީފައި، އަޒްލިފާ ގޮވައިގެން އަހަރެން ދުރަށް ޖެހިލީމެވެ. ފޯނު ނުނެގީތީ ޝަކުވާކުރީމެވެ.
"ބަލަ އަހަރެން ހިލޭ ފިރިހެނުންނާ ގުޅުން ބާއްވާތީ ނަސީރެއްނު އެންމެ މައްސަލަ ޖައްސަނީ،" އަޒްލިފާ ބުންޏެވެ. "މިހާ އަވަހަށް ހަނދާންނެތުނީ؟"
"އަހަރެންނަކީ ނަބީލާގެ ބައްޕައޭ!" ތަންކޮޅެއް މަޑުމަޑުން އަހަރެން ބުނީމެވެ.
"އެކަމަކު އަހަރެންގެ ފިރިމީހާއެއް ނޫނެއްނު!" އަޒްލިފާ ޖަވާބުދިނެވެ.
"ރަނގަޅޭ! އެކަމަކު ފޯނު ނެގިދާނެތާ!" އަހަރެން ބުނީމެވެ.
އަހަރެން އައީ އަޒްލިފާޔާ ޒުވާބުކުރާކަށް ނޫނެވެ. ބަހުސުކޮށްގެން އެއްވަނަ ހޯދާކަށް ވެސް ނޫނެވެ.
"ކޮން އިރަކުން ނަބީލާ ސްކޫލަށް ވައްދަނީ؟" އަހަރެން ސީދާ ޕޮއިންޓަށް ދިޔައީމެވެ. "އަހަރެން އަތުގަ މިހާރަކު މާ ގިނަ ލާރިއެއް ނެތް. އެކަމަކު ނަބީލާ ކިޔެވުމަށް ބޭނުންވާ ހުރިހާ ހަރަދެއް އަހަރެން ކުރާނަން. އަޒްލިފާ އެ ކަމާ އުޅެން ޖެހޭނީ. އަހަރެންނަށް މާ ގިނަ ދުވަހަކު މާލެއަކު ނުހުރެވޭނެ."
"ދެން އަދި މި އުޅެނީ ހަމައަކަށް ނޭޅެވިގެން،" އަޒްލިފާ ތަންކޮޅެއް ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. "ތި ކަމާ ވެސް އުޅެލާނަން."
އެ ޖަވާބު އަހަންނަކަށް ކަމަކުނުދިޔައެވެ. އަހަންނަށް މުހިންމުވީ އަޒްލިފާ ބުނި އެއްޗެއް ނޫނެވެ. ބުނި ރާގާއި، މޫނަށް ހަދައިލި ގޮތެވެ. އަހަރެންގެ ހިތް ބުންޏެވެ. އަޒްލިފާގެ އަތްމައްޗަށް އެ ކަން ދޫކޮށްނުލާށެވެ. އަހަރެން އިސްކޫލެއް ހަމަޖެއްސީމެވެ. ޔުނީފޯމާއި، ފޮތްތަކާއި، ދެން ހުރި ކަންކަމަށް ވެސް ފައިސާ ދިނީމެވެ. އޭރު އިސްކޫލުތައް ހުރީ ބަންދުކޮށްފައެވެ. ކިޔަވައިދިނީ އޮންލައިންކޮށެވެ. ނަބީލާއަށް ޓެބެއް ވެސް ހޯދައިދިނީމެވެ. ނަބީލާއަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަކޮށްފައި، އަޒްލިފާގެ އެއް ދަރިފުޅުގެ ބޫޓާއި، ދަބަހާއި، ފޮތްތަކަށް ވެސް އަހަރެން ފައިސާ ހަމަޖައްސައިދިނީމެވެ. ހުރިހާ ކަމެއް ފޫބެއްދީ އަހަންނަށް އިންކަމް ސަޕޯޓަށް ލިބުނު ފައިސާއިންނެވެ. އެ ވަރުން ވެސް ނަބީލާގެ ކިޔެވުން ރަނގަޅަށް ފަށައިގަނެވުނީ މަސް ދުވަސް ފަހުންނެވެ.
ވަރިކުރުމުން ތިން މަސް ވަންދެން ކޮންމެ މަހަކު ހަތަރު ހާސް ރުފިޔާ ދޭން ޖެހުނެވެ. އެ ވެސް ދިނީމެވެ. ދޭތެރެއަކުން އިސްކޫލު ހުޅުވައެވެ. ކުދިން ގެންނަން އަންގައެވެ. އެކަމަކު އަޒްލިފާއަކަށް ކުޑަމިނުން ޔުނީފޯމު ހޯދުމުގެ ކަންތަކާ ވެސް ނޫޅެވުނެވެ. ނަބީލާ އިސްކޫލަކަށް ނުވެސް ގެންދެވުނެވެ. އެންމެ ފަހުން އެ ކަމާ ވެސް އަހަރެން އުޅުނީމެވެ. އަހަރެން ބޭނުންވީ އެންމެ ކަމެކެވެ. ނަބީލާއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމެވެ. އޭނަ އުފަލުގައި އުޅުމެވެ. ނަބީލާ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. މަރުބަލީގައި އަހަރެން އެންމެ ފަހު ނޭވާލާ އިރު ވެސް އަހަރެން ކައިރީގައި ނަބީލާ ހުރުމަކީ އަހަރެންގެ އެދުމެކެވެ. އެ ދުވަހަކުން އަހަރެން ބުނަން ބޭނުމެވެ. ބައްޕައަށް ހިތްހެޔޮކުރައްޗެވެ. ބައްޕަގެ ފަރާތުން ދަރިފުޅަށް އެއްވެސް ކަމެއް އުނިކޮށް ކުރެވިފައިވާ ނަމަ ބައްޕައަށް މާފުކުރައްޗެވެ. ބައްޕަޔާ ދޭތެރޭ ހިތްބަރުނުކުރައްޗެވެ.
ނަބީލާގެ ކަންކަން ފުރިހަމަވެއްޖެއެވެ. ކޮންމެ ހާލެއްގައި ނަމަވެސް ކިޔެވުން ކުރިޔަށްދާން ފެށިއެވެ. އަޒްލިފާގެ ދޮށީ ދަރިން އެހާ ނަސީބުވެރިއެއް ނުވިއެވެ. އެކުދިން ކިޔެވުމުން މަހުރޫމުވިއެވެ. އެ މަންޒަރު ބަލަންޖެހެނީ ނަބީލާއަށެވެ. ނަބީލާގެ މާޔޫސްކަން ފެންނަނީ އަހަންނަށެވެ. ފޯނުން ވާހަކަދެއްކިިޔަސް ނުވަތަ ބައްދަލުކުރިޔަސް، އަހަރެން އުންމީދުކުރި ނަބީލާއެއް އަހަންނަކަށް ނުފެނެއެވެ. އެކަމަކު ނަބީލާއަކީ ތޫނުފިލި ކުއްޖެކެވެ. ޅައުމުރުގައި ވެސް ނަބީލާ ވަރަށް ދުރަށް ވިސްނައެވެ. އަހަރެންގެ އަތްމަތިދަތިކަން އޭނައަށް ވިސްނެއެވެ. އަގު ބޮޑު ހަދިޔާ ގެނެސްދޭކަށް ނަބީލާ ނޭދެއެވެ.
އެއްދުވަހަކު ނަބީލާ ގޮވައިގެން އަހަރެން ހިނގާލަން ދިޔައީމެވެ. ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމުގެ ސަބަބުން މާލެތެރޭގައި މީހުން ނުކުމެ އުޅެނީ ވަރަށް މަދުންނެވެ. އަހަރުމެން ދިޔައީ ގެޔާ އެންމެ ކައިރިއަށް އޮތް މޫދުކައިރިއަށެވެ. އެ ތަނުގައި ނަބީލާ އުމުރުގެ އަންހެންކުއްޖަކު އުޅުނެވެ. އެ ކުއްޖާ ކައިރީގައި އަންހެނަކު ހުއްޓެވެ.
"އެ ކުއްޖާގެ ބައްޕަ ކޮބާ؟" ނަބީލާ ސުވާލުކުރިއެވެ.
"ގޭގަ ކަންނޭނގެ ދޯ!" އަހަރެން ބުނީމެވެ.
"ނޯ!" ވަރަށް ޔަގީންކަމާ އެކުގައި ނަބީލާ ބުންޏެވެ. "އޭނަ އުޅޭލެއް ގޯސްކަމުން ބައްޕަ ދިޔައީ. އަހަރެން ގޮތަށް."
ހުރި ފިޔަވަޅު މައްޗަށް އަހަންނަށް ހުއްޓެވުނީއެވެ. ނަބީލާއަށް އެހެން ބުނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެއީ ކާކު ނަގައިދޭ ފިލާވަޅެއް ހެއްޔެވެ؟ އަހަރެން ނަބީލާ ގެންގޮސް ތޮށިގަނޑު މަތީގައި ބޭންދީމެވެ. ގާތުގައި އިށީނީމެވެ.
"ދަރިފުޅާ! ދަރިފުޅަކީ ގޯސް ކުއްޖެއް ނޫން،" ނަބީލާއަށް އަހަރެން ވިސްނައިދިނީމެވެ. "ތީ ވަރަށް ބަސްއަހާ ކުއްޖެއް. އަބަދުވެސް އެ ކަން ހަނދާންބަހައްޓާތި! އެހެންވެއެއްނު ދަރިފުޅަށް ޓެބާ އެއްޗެހި ބައްޕަ ގަނެދެނީ."
އެ ހިސާބުން ކުއްލިއަކަށް ނަބީލާގެ މައުލޫ ބަދަލުވިއެވެ. އެހެނަސް ދެން ނަބީލާ ކުރީ، ވިސްނާލަން މަޖުބޫރުވާ ކަހަލަ ސުވާލެކެވެ.
"ވަރަށް އަގު ހެޔޮ ޓެބު ހުރޭތަ؟" ނަބީލާ އެހިއެވެ. "ބައްޕަ އަތުގަ ނެތްތަ ބާ ފޯނެއް؟"
"ކީއްވެ ތިހެން ތި އެހީ؟" ވީ ގޮތް އެނގި ހުރެ، ނޭނގޭކަމަށް ހެދެމުން އަހަރެން ބުނީމެވެ.
"ކަމެއްނުވޭ!" ނަބީލާ ބުނެލިއެވެ. "ހަމަ އަހާލީ!"
އެ ދުވަހު އަޒްލިފާއަށް ގުޅައިގެން އަހަރެން އެ ވާހަކަދެއްކީމެވެ. ދޮށީ ކުދިންގެ ކިޔެވުމާ ބެހޭ ގޮތުން ސުވާލުކުރީމެވެ. އަޒްލިފާ ބުނި ގޮތުގައި އަޒްލިފާ އަތުގައި އޮންނަނީ އެންމެ ފޯނެކެވެ. ހުރިހާ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދެވޭހާ ތަނަވަސްކަމެއް އޭނަގެ ނެތެވެ. ބޮލުންނައްޓައިލަން އަޒްލިފާއަށް ވަރަށް ފަސޭހައެވެ. އަހަރެންނަށް މާ ފަސޭހަވީހެވެ. އެ ކުދިންނާއި އަހަންނާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެ ކުދިންނަށް އަހަރެން ހަރަދުނުކުރަން ހެއްޔެވެ؟ ގޯސްހެދީ އަޒްލިފާއެއް ނޫން ހެއްްޔެވެ؟ ކިތައް އުޒުރު އަހަންނަށް ދެއްކުނީސް ހެއްޔެވެ؟ އެހެނަސް އަހަރެން ބޮލުންނައްޓައެއް ނުލަމެވެ. ކީއްވެގެން ހެއްޔެވެ؟ ނަބީލާއަށް ޓަކައެވެ. އޭނަގެ އުފަލަށް ޓަކައެވެ.
އެގޮތަކުން މިގޮތަކުން އަހަރެން ވަޒީފާއެއް ހޯދީމެވެ. ފައިސާކޮޅެއް އެއްކުރީމެވެ. އިތުރު ޓެބެއް ގަނެދިނީމެވެ. މާ މޮޅު އެއްޗެއް ނޫނެވެ. އެކަމަކު ބޭނުން ފުދޭ ވަރުގެ އެއްޗެކެވެ. ސިމްކާޑެއް ނަގައިދިނީމެވެ. އަހަރެން ބިލުދައްކާ ގޮތަށެވެ. ދޮށީ ކުދިންނަށް ވެސް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދޭން އަޒްލިފާ ގާތުގައި އެދުނީމެވެ. ދެން ވެސް އަޒްލިފާއަކަށް އެ ކަމެއް ނުކުރެވުނެވެ. އޭނައަށް ކުރަން އެނގޭ ހަމަ އެކަނި ކަމަކީ އުޒުރު ދެއްކުމާއި ޝަކުވާކުރުމެވެ. ޓެބުގެ ފެންވަރު ނުވަތަ އިންޓަނެޓު އިސްޕީޑު ދަށްވެގެންނެވެ. ކިޔަވަން ތިބޭނެ ތަންކޮޅެއް ނެތިގެންނެވެ. ކިޔެވުން ހުޅުވޭ ދުވަސްދުވަހު، އެކި ކުދިން އެކި އިސްކޫލަށް ގެންދަންޖެހޭތީއެވެ. ދުރަށް ހިނގަންޖެހޭތީއެވެ. ހުރިހައި މައްސަލައެއް އަހަންނަކަށް ހައްލެއް ނުކޮށްދެވެއެވެ. ވަޒީފާގެ ގޮތުން އަހަންނަކަށް މާލޭގައި މާ ގިނަ ދުވަހަކު ނުހުރެވެއެވެ.
ކޮންމެ ތާކު އަހަރެން ހުއްޓަސް، ނަބީލާއަށް ގުޅައިގެން އޭނަގެ ހާލުބަލަމެވެ. އޭނަ ހުންނަލެއް ހިކިކަމުން އެ ކަމާ ވެސް އަހަރެން ވަރަށް ފިކުރުބޮޑުވެއެވެ. އެ ގޭގައި އާންމުކޮށް ކާން ހުންނަނީ ގަރުދިޔަޔާ ބަތެވެ. ބައެއް ދުވަސްދުވަހު އެ ވެސް ނުހުރެއެވެ. އަހަރެން ގުޅުމުން ބަނޑުހައި ވާހަކަ ނަބީލާ ބުނަނީ މަދެއްކޮށެއް ނޫނެވެ. އަހަންނަށް ރޮވެއެވެ. ދުރުގައި ހުރެގެން އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ނަބީލާއަށް ގަޑިންގަޑިއަށް ކާންދެވޭ ވަރަށް އަހަރެން ފައިސާ ދެމެވެ. އަޒްލިފާ އެ ކަން ގަސްތުގައި ނުކުރަނީއެވެ. އަހަރެން ހިތުގަޖެއްސޭނެ ހަމަ އެކަނި ގޮތަކީ އެއީ ކަމުގައިވާތީއެވެ. އަހަރެން ހިތަށްއަރައެވެ. އަޒްލިފާގެ ހިތަށް ކެތްވާކަމެވެ. ކާއެތިކޮޅުން ދަރިފުޅު މަހުރޫމުކުރުމަކީ ކޮން ފަދަ ނުބައި ބަދަލުހިފުމެއް ހެއްޔެވެ؟
ނަބީލާގެ ހިތްދަތިކަން ހަނދާންނައްތައިލާކަށް އަހަރެން ބޭނުމެއް ނުވެއެވެ. ހައިހޫނުކަންމަތީ ނުނިދިގެން އޭނަ އެނދުގައި ފުރޮޅެންޖެހުނީ އަހަންނާ ހެދިއެވެ. އެ ދަރިފުޅަށް މަންމަ ހޯދައިދިނީ އަހަންނެވެ. ނަބީލާއަށް ނިކަމެތިކަން ލިބުނީ އަހަރެންގެ ސަބަބުންނެވެ. އޭގެ އަދަބު އަހަރެން ލިބިގަންނަމެވެ. ގިނަ ދުވަސްދުވަހު އަހަރެން ހުންނަނީ ރޯދަޔަށެވެ. ރޯދަޔަށް ނުހުންނަ ދުވަސްތަކުގައި ވެސް އަހަރެން ހެނދުނު ސައިބޮނީ ކިރިޔާ ކޮޅަށް ހުރެވޭ ވަރަށެވެ. އެއީ ކަޅުސައިތަށްޓަކާއި ހުސް ދެ ފޮތި ޕާނެވެ. މެންދުރަކު ނުކަމެވެ. ދެން ހަވީރު އަހަރެން ބޮނީ ސަޔެވެ. އެއީ ކަޅުސައި ތަށްޓަކާއި މަސްރޮށްޓެކެވެ. ސަޔަށް ހަކުރެއް ނާޅަމެވެ. ހަޔާތުގައި އަހަންނަށް ކުރެވުނު ހިތި ތަޖުރިބާގެ ރަހަ އަރުތެރޭގައި ލެއްވުމަށް ޓަކައެވެ. ރޭގަނޑަކު ނުކަމެވެ. އަހަރެން ނިދަނީ ހައިހޫނުކަންމަތީގައެވެ. ލޯބިވާ ދަރިފުޅުގެ ހިތަށް ކުރާ އަސަރު އަހަރެންގެ ހިތަށް ވެސް ދެމުންނެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
18 November 2021
ހިތާއެވެ. ނަސީރު ސަލާމަތް ކޮށްދޭށެވެ.
ސުހާނީ
17 November 2021
އަޅު މިވަރަށް ވިސްނައިދޭ އިރުވެސް މި ނަސީރު އަޑެއް ނާހާ... ނިކަން ފިރިހެނެކަށް ވެބަލަ...ކޯޓަށް ގޮސް ދަރި އަތުލެވޭނޭ. އަޒްލިފާ ފެންނަ އިރަށް މަޑު ކަފަކޮޅަކަށް ވަނީ ކީއްވެތަ.. އެއްޗެއް ކާންދީފަ ކަންނޭގެ ތިހިރީ...މިހާރު ދެން އަހަރެމެން ވެސް ރުޅި އައިއްސި...ކޮންމެވެސް އެއްގޮތެއް ހަދާފަ ދަރިން ސަލާމަތް ކޮށްބަލަ..އެހެން ނޫނީ ނަސީރު ގޮވައިގެން އަހަރެމެން ދާނީ ކޯޓަށް
ޙަލީ
17 November 2021
ބައްޔެއްނު ތި އަޒްލިފާއަކު ވަތިކުރެވުނީވެސް އެހާވަރުން. އަދިވެސް އޭނަ ކައިރިން މިންޖުނުވެވޭ؟ ދަރިފުޅު އަތުލަބަލަ ކޯޓަށް ގޮސްގެން ތި ޚަރަދުތަކާއި ސަބަބުތައް ދެއްކީމަ ދަރިފުޅު ނަގަިދޭނެ. ބިންމާ އުޅެނީ އަހރުމެން ލޭމައްޗަށް ދުއްވަން. ރިއަލް ލައިފާ ދޭތެރޭ ވިސްނާފަ އަދި މިއަޒްލިފާ އާ ދޭތެރޭ ވިސްނަންޖެހުނީމަ.
ބިތުޖެހި
17 November 2021
ބަލަ ކޯަޓައް ގޮއްސަ ދަރިފުޅާ ހަވާލުވެބަލަ ތިހުރިހާ ޝަކުވާ ކުރުމުގެ ބަދަލުގަ. އެހެންނޫނީ ލާރި ނެތީސް ކީއްކުރަން ނުބެލޭ ވަރައް ދަރިން ހޯދަނީ އަމިއްލަ މީހާ އަނގާ އަތާ ދިމާނުވާ އިރު
މަނޫ
17 November 2021
ނަބީލާ އަކީ ނަސީރުގެ ދަރިއެއްކަން ޔަގީންތަ؟
އެލިްސް
17 November 2021
މުހިންމު ވަގުތަކު މުހިންމު ސުވާލެ
ޢައިމިނަ
17 November 2021
މަށަށް ޝައްކު! ނަސީރަށް ޔަގީން ވާހެން ހީވަނީ، އޭނައަށް ރޭކާލާނީ ވ ވަރުވީމަ. ޙެހެހެހެ
ޙަޅި
17 November 2021
އައިމިނަ ތިބުނީ ހެޔޮކޮށް. މިޙަރު މިވާހަކަ ކިޔައިގެން ކިޔާ މީހުން ނަފްސާނީވެއްޖެ ީ ?
އަޒްލިފާ
17 November 2021
ގަޒްފްގެ ދައުވާ ކުރަން ޖެހިދާނެ އިނގޭ
ާއައިމިނަ
17 November 2021
ޙިފެ ހެއްޓުމެއްނެތި ލޮލުން ކަރުނަ އެބަ އާދޭ ނަސީރޫ. ކޮންމެވެސް ކޮޅެއްގައި ޖައްސަން އުޅޭ.
2021
17 November 2021
ނަސީރާހެދި ބޮއިހަލާކު ކޯޓަށްގޮސް ދަރިފުލު ހޯދަބަލަ.
ދެރަ
17 November 2021
ނަބީލާ ކޯޓް މެދުވެރިކޮށް އަތުލެވޭނެ، އަނެއް ދެކުދިން ޖެންޑާްއަށް ގުޅައިގެން ހައްލެއް ހޯދިދާނެ، މަންމަ ގާތު ތިބެގެން އެކުދިންނަށް އޮތީ ކޮން އުފަލެއް، ރަގަޅު ތައުލީމެއް ތަރުބިއްޔަތެއް ނުލިބެތާ ކާއެތިކޮޅެއް ރޯފިލުވާލާފަ ދޭންވެސް ނުކެރޭ ވިޔާނުދާ މަންމައެއް
ތުނިޔަ
17 November 2021
ނަސީރަށް ނަބީލާ ގެންދެވޭނެނު؟ ކޯޓަށް ދިއަޔަސް ލިބޭނީ ނަސީރަށް..ނަސީރު ކީތްވެ އެކަމާނޫޅެނީ؟!
ބިއްޖެހި
17 November 2021
ނަސީރު ވެސް އުޅެނީ އަބަދު ޝަކުވާ ކުރުމުގަ. ދެން އަޒުލިފާގެ ސައިޑް އެހީމަ މުޅި މަންޒަރު ސާފު ވާނީ. އަޒުލިފާ އެވަރު ނަމަ ޖެންޑަރ އިން ދަރިން ގެންދާނެ. ސްޓޯރީ ހަމަ އެއް ނުޖެހޭ
ޖަލީލީ
17 November 2021
ނަސީރު ހުންނަނީ ދަށުވެފަ އޭ ވަރިކުރީމަވެސް ހަހަ
ސްސު
17 November 2021
އަލްއަޙް ނަސީރު ވަރިކުރިފުޅުގެ ކިބައިން ތި އުއްމީދު ކުރަނީ ކޮންކަމަކަށްތޯ؟ އޭނާގެ ގޮތް ރަގަޅަށް އެނގިހުރެ، ކަންކަން ތަޖުރިބާކޮށްފަ ހެވަކަށް އުއްމީދު ކުރުން އެއީ ކޮސްކަމެއް. ނަބީލާއަށް އެހެން ގޮތެއް ހޯދަން ނުވިސްނާނަމަ މާ ދެރަ ގޮތެއްވެދާނެ ތީ އަހަރުން ކަންބޮޑުވަނީ.