20 ނޮވެމްބަރ 2021 - 07:36
އަމީތާބް ބައްޗަންގެ ކާފަދަރިފުޅު ނަވިއާ ނަވޭލީ ނަންދާ އާއި ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީޕިންމޫން އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފިލްމު "ގަލީ ބޯއި" އިން ވިދާލި 28 އަހަރުގެ އެކްޓަރާއި ނަވިއާ ވަރަށް ސިއްރިޔާތުގައި ޑޭޓް ކުރާތާ މިހާރު މަސްތަކެއް ވެއްޖެ އެވެ. އަދި މި ވާހަކަ މިހާރު މީޑިއާތަކުގައި ދެކެވެން ފެށުމުން ނޫން ކަމަށް ހެދެން ދެ މީހުން ވެސް ވަރަށް މަސައްކަތްކުރާ ކަމަށް ބުންޏެވެ.
އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވެ، މިހާރު ބައްޕަގެ ވިޔަފާރީގެ ތެރޭގައި އުޅޭ ނަވިއާ، 24، އަކީ އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ދޮށީ ދަރިފުޅެވެ. މަންމައެކޭ އެއްގޮތަށް ނަވިއާ އަކީ ފިލްމީ ދާއިރާގެ އެއްވެސް ކަމެއްގައި ބައިވެރިވާ މީހެއް ނޫނެވެ. ނަވިއާގެ އިތުރުން ޝްވޭތާގެ ދެން ހުންނަނީ މިހާރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް އަޑުއަރާފައިވާ އަގަސްޓިއާ ނަންދާ އެވެ. ނަވިއާ އާއި އަގަސްޓިއާގެ ބައްޕަ އަކީ ކަޕޫރް ޚާންދާންގެ މެމްބަރެކެވެ.
ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ބަންޓީ އޯރް ބަބްލީ 2" ގެ ކާސްޓްގައި ވެސް ހިމެނޭ ސިދާންތާއި ނަވިއާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ގަދަވަމުން އަންނަ، ކުރިން ނަވިއާއާ އެންމެ ބޮޑަށް އަޅުވާކިޔާފައި ވަނީ އެކްޓަރު މީޒާން ޖެފްރީ އެވެ. އޭނާ އަކީ މަޝްހޫރު އެކްޓަރު ޖާވިދު ޖެފްރީގެ ދަރިއެކެވެ. ނަމަވެސް ނަވިއާ އާއި މީޒާން ވެސް ލޯބީގެ ގުޅުމެއް އޮތް ކަމަށް އެއްވެސް އިރެއްގައި އެއްބަަސްވެފައެއް ނުވެ އެވެ. އަދި އަބަދު ވެސް ބުނަމުން އައިސްފައި ވަނީ ދެ މީހުންނަކީ ގާތް ދެ ރަހުމަތްތެރިން ކަމަށެވެ.
މީޒާން ބޮލީވުޑަށް ނުކުތީ 2019 ގެ "މަލާލް" އިންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ޝިލްޕާ ޝެޓީ އަލުން އެކްޓިން އަށް ނުކުތް އަދި ޖުލައިގައި ޕްރީމިއާކުރި "ހަންގާމާ 2" އެވެ.
ބޮލީވުޑްގެ މިހާރު ވަރަށް އުންމީދީ އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ސިދާންތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފޯން ބޫތު" އާއި "ޔުދުރާ" އާއި "ކޯ ގަޔޭ ހަމް ކަހާ" އަދި ދީޕިކާ ޕަދްކޯނާއި އަނަންޔާ ޕާންޑޭއާ އެކު ކުޅެފައިވާ ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް
20 November 2021
އިންޑިޔާ އައުޓް!