27 ޑިސެމްބަރ 2021 - 05:47
އިނގިރޭސިވިލާތުގެ މަޝްހޫރު ރޮކް ބޭންޑް، ކޯލްޑްޕްލޭގެ ފަހު އަލްބަމް 2025 ގައި ނެރުމަށް ފަހު، ދެން ބޮޑަށް އުޅޭނީ ޓުއާކުރުމުގައި ކަމަށް ބުނެފި އެވެ.
ދެހާސް ފަންސަވީހުގައި ނެރޭ އަލްބަމަށް ވަހު ފަހު ބޭންޑުން އަލްބަމް ނެރުން ހުއްޓާލަން ނިންމި ވާހަކަ ކޯލްޑްޕްލޭގެ ލީޑް ވޯކަލިސްޓް ކްރިސް މާޓިން ހާމަކުރީ ބީބީސީ ރޭޑިއޯ 2 އަށް ދިން އިންޓަވިއުއެއްގަ އެވެ.
"ދެހާސް ފަންސަވީހުގައި ބޭންޑްގެ ފަހު އަލްބަމް ނެރުމަށް ފަހު ދެން އަހަރެމެން މުޅިން ވެސް އުޅޭނީ ޓުއާތަކުގައި. އޭގެ މާނަ އަކީ ބޭންޑުން މިއުޒިކް ރެކޯޑްކޮށް އަލްބަމްތަކެއް ނުނެރޭނެއޭ." މިހާތަނަށް 9 އަލްބަމް ނެރުނު ބޭންޑާ ބެހޭ ގޮތުން މާޓިން ބުންޏެވެ.
އޭނާ ބުނި ގޮތުގައި 2025 ގެ ފަހުން އަލްބަމް ނުނެރުނަސް، ބޭންޑްގެ މެމްބަރުންނަށް ވަގުތުވާ ވަރަކުން ކޮލަބަރޭޓްވެގެން އެކި ކަހަލަ މިއުޒިކީ މަސައްކަތްތައް ކުރާނެ އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު މިއުޒިކް ބޭންޑްތަކުގެ ތެރޭގައި ހިމެނޭ ކޯލްޑްޕްލޭ 1996 ގައި ވުޖޫދަށް އައިސް، އެތައް ލަވައަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވެ އެވެ. ބޭންޑުން އެންމެ ފަހުން ނެރުނު އަލްބަމަކީ މި އަހަރުގެ އޮކްޓޯބަރު 15 ގައި ނެރުނު "މިއުޒިކް އޮފް ދަ ސްފެއާސް" އެވެ. ބޭންޑްގެ ފުރަތަމަ އަލްބަމަކީ 2000 ވަނަ އަހަރުގެ "ޕެރަޝޫޓްސް" އެވެ. އޭގެ ފަހުން ނެރުނު އަލްބަމްތަކުގެ ތެރޭގައި "އަ ރަޝް އޮފް ބްލަޑް ޓު ދަ ހެޑް (2002)، އެކްސް އެންޑް ވައި (2005)، ޑެތު އެންޑް އޯލް ހިޒް ފްރެންޑްސް (2008)، މައިލޯ ޒައިލޯޓޯ (2011)، ގޯސްޓް ސްޓޯރީޒް (2014)، އަ ހެޑް ފުލް އޮފް ޑްރީމްސް (2015) އަދި އިވްރިޑޭ ލައިފް (2019) ހިމެނެ އެވެ.
ކޯލްޑްޕްލޭގެ ކުރިއަށް އޮތް ޓުއާ އަކީ އެންމެ ފަހުގެ އަލްބަމްގެ ޕްރޮމޯޝަނާ ގުޅުވައިގެން ކުރިއަށް ގެންދަން ނިންމާފައިވާ "މިއުޒިކް އޮފް ދަ ސްފެއާސް ޓުއާ" އެވެ. އަންނަ އަހަރުގެ މާޗް 28 ގައި ފަށާ ޓުއާ އޮކްޓޯބަރު 29، 2022 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
ހަތަރު މެމްބަރުން ހިމެނޭ ކޯލްޑްޕްލޭގެ މެމްބަރުންނަކީ މާޓިން އާއި ޖޯނީ ބަކްލަންޑާއި ގާއި ބެރީމަން އަދި ވިލް ޗެމްޕިއަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy